ރައީސް މުހައްމަދު މުއިއްޒު އާއި ސްރީ ލަންކާގެ ރައީސް އަނޫރާ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ލަންކާ

ރާއްޖެ އޮންނާނީ ލަންކާއާ އެކީ، މަސައްކަތް ކުރާނީ ގުޅިގެން: ރައީސް

ރައީސްގެ ބަޔާނުގައި ލަންކާއިން ދެގޮތެއް ނުވެ، ރާއްޖެއަށް ވަމުން އަންނަ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރެއްވި

ރާއްޖެ އަބަދު ވެސް އޮންނާނީ ސްރީ ލަންކާއާ އެކީގައި ކަމަށާއި ދެ ގައުމާއި ދެ ގައުމުގެ ރައްޔިތުންގެ ވެސް ލާބަ އާއި މަންފާއަށް ގުޅިގެން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ ދައުވަތަކަށް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ދެ ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމައި، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ވަނީ ބަދަލުކޮށްފަ އެވެ.

ބުނީ ކީކޭ؟ - މަޝްވަރާތަކަށް ފަހު ރާއްޖެ އާއި ލަންކާގެ ރައީސް ގުޅިގެން ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އާއި ލަންކާއަކީ ޖިއޮގްރަފީ އާއި ތާރީހީ ގޮތުން ގުޅިފައިވާ ދެ ގައުމު ކަމަށެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ވެސް ވިސްނުން އޮތީ ސުލްހަމަސަލަސްކަމާއި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމަށާއި މައްސަލަތަކުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ލަންކާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެ ގޮތެއް ނުވެ ރާއްޖެއަށް ފޯރުކޮށްދޭ ދީލަތި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވި އެވެ. އަދި ހަމަ އެގޮތަށް ރާއްޖެ ވެސް އޮންނާނީ ލަންކާއާ އެކުގައި ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު އާއި ސްރީ ލަންކާގެ ރައީސް އަނޫރާ ގުޅިގެން ބަޔާން ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ރައީސް ވިދާޅުވީ މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ. އޭގެ ތެރޭގައި:

  • ވިޔަފާރި

  • ޑިފެންސް

  • ތައުލީމު

  • ވޮކޭޝަނަލް ޓްރެއިނިން

  • ޔޫތު އެންޑް ސްޕޯޓްސް

  • ތިމާވެށި

  • ދަނޑުވެރިކަން

  • މަސްވެރިކަމާއި ދަނޑުވެރިކަން

އޭގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވެސް ގުޅިގެން މަސައްކަތް ކުރަން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމުގެ ރައީސް އަނޫރާ ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ވަނީ ތައުރީފުކުރައްވާފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް