ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު 2 އެއްބަސްވުމެއް
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ދާއިރާއަކުން އެއްބަސްވުން ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އެއްބަސްވުންތައް ބަދަލުކުރީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލު - ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި މިއަދު ރަސްމީ މަޝްވަރާތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
އެ މަޝްވަރާތަކަށްފަހު ރާއްޖެ އާއި ލަންކާއާ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:
1. ޑިޕްލޮމެޓިކް ތަމްރީންތަކާއި މައުލޫމާތު ބަދަލުކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީޒް އާއި ރާއްޖޭޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)އާ ދެމެދު ސޮއިކުރި އެމްއޯޔޫ
-
ފޮރިން ސާވިސްގައި އުޅޭ ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދޭ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއް
-
މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދުގައި ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމުގެ ފުރުސަތު ތަނަވަސްވާނެ
2. ޖިނާއީ މައްސަލަތަކާއި ޖިނާއީ ކުށްތައް ހުއްޓުވަން ގުޅިގެން މަސައްކަތް ކުރުން
މި ޓްރީޓީގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފެށީ 2011 ގައެވެ. މި ޓްރީޓީގެ ދަށުން:
-
އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ މައއްސަލަތަކުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދޭން ޖެހޭނެ
-
މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންކަމުގައި ވެސް އެހީވާން ޖެހޭނެ
-
އެ ޓްރީޓީގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައިގަނެ، ކުރިއަށް ގެންދާާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީއަކުން؛ މިކަމުގައި ރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސެކިއުޓާ ޖެނެރަލް
އެނގުން މުހިންމު - މިއީ ސެޕްޓެމްބަރު 2024ގައި ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް އަނޫރާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ.