މޯލްޑިވިއަންގެ ކެބިންކްރޫއިން މިއަދު ގައުމީ ހެދުމުގައި ހިދުމަތް ދެނީ: ގިނަ ބަޔަކަށް މި ބަދަލު ކަމުދިޔަ

މޯލްޑިވިއަން

ކެބިން ކްރޫއިންގެ ޔުނީފޯމުގެ ގޮތުގައި ގައުމީ ހެދުން

އާޓާމިނަލުން ހިދުމަތްދޭ މޯލްޑިވިއަންގެ ފުރަތަމަ ބޯޓުގެ ކެބިންކްރޫއިން މިއަދު ތިބީ ފާސްކުރި ހެދުމާއި މުންޑާއި ގަމީހުގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތްދޭ މޯލްޑިވިއަންގެ ބޯޓުގެ ކެބިންކްރޫއިން މިއަދު ތިބީ ގައުމީ ހެދުމުގަ އެވެ. އަންހެން ކްރޫން ފާސްކުރި ހެދުމުގައި ތިބިއިރު، ފިރިހެން ކްރޫއިން ތިބީ ގަމީހާއި މުންޑުގަ އެވެ. ތާރީހީ މިދަތުރު ފާހަގަކުރުމަށް، މޯލްޑިވިއަން ކްރޫއިންގެ ހެދުން 'ދިވެހިކޮށްލި' އިރު މިކަންވީ، ގިނަ ދިވެހިން ބަލައިގަތް ކަމަކަށެވެ.

ފާސްކުރި ހެދުމަކީ ކެބިންކްރޫއިންނަށް އާ ޔުނީފޯމެއް ނޫނެވެ. ދިވެހި ފުރަތަމަ އެއާލައިން، އެއާމޯލްޑިވްސްގެ ކްރޫއިން އަޅާއުޅުނީ ނޫކުލައިގެ އެ ދިވެހި ހެދުމެވެ. އެކަމަކު ޒަމާނާ އެއްގޮތަށް، ފަހުން އެ ޔުނީފޯމަށް ވެސް ބަދަލު އައީ އެވެ.

މޯލްޑިވިއަންގެ ކެބިންކްރޫއިން މިއަދު ގައުމީ ހެދުމުގައި ހިދުމަތް ދެނީ

މޯލްޑިވިއަންގެ ތާރީހީ ދަތުރު ފާހަގަކުރުމަށް، އަންހެން ކްރޫއިން އެޅި ރަތްކުލައިގެ ފާސްކުރި ހެދުމާއި ފިރިހެން ކްރޫއިންގެ ހެދުން ގިނަ ބަޔަކަށް ކަމުދިޔަ އެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ މީހުން ދެކޭގޮތުގައި، ދިވެހި އެއާލައިނެއްގައި ބޭނުންކުރަން، ދިވެހިންގެ ސަގާފީ ހެދުމެއް މާގުޅެ އެވެ. އެއާ އިންޑިއާ އާއި ސިންގަޕޫރު އެއާލައިނާއި ސްރީލަންކާ އެއާލައިންގެ ޔުނީފޯމުން އެ މީހުންގެ އަމިއްލަވަންތަކަން ދައްކައިދޭ ގޮތަށް، ދިވެހިންގެ ޔުނީފޯމުން ވެސް މި ބަދަލު ދައްކައިދެވިދާނެ ކަމަށް އެ މީހުން ދެކެ އެވެ.

މޯލްޑިވިއަންގެ ރަސްމީ އެކައުންޓުތަކުން ޕޯސްޓުކުރި ފޮޓޯތައް ހިއްސާކޮށް، ގިނަ ބަޔަކު އެދުނީ އެއީ ދާއިމީ ބަދަލަކަށް ހަދައިދިނުމަށެވެ.

މޯލްޑިވިއަންގެ ކެބިންކްރޫއިން މިއަދު ގައުމީ ހެދުމުގައި ހިދުމަތް ދެނީ

"ދިވެހި ހެދުމަށް ޔުނީފޯމު ބަދަލުކޮށްލާ. މާހިތްގައިމު،" ފޭސްބުކްގައި މީހަކު ލިޔުނެވެ.

"ވަރަށް ދިވެހިވަންތަ. މާ ރީތި. މިއީ ދާއިމީ ބަދަލަކަށް ހެދިދާނެތަ؟" އެހެން މީހަކު އެހި އެވެ.

އެކްސްގައި ހިޔާލުފާޅުކުރި މީހަކު ބުނިގޮތުގައި މިއީ ދިވެހިންގެ އެއާލައިންގެ ޔުނީފޯމު، ދިވެހިވަންތަކަން ރަމްޒުކޮށްދޭ ހެދުމަކަށް ބަދަލުކުރަންވީ ވަގުތެވެ. ދިވެހިންގެ މުއްސަނދި ސަގާފަތާއި ތާރީހު، މި ޔުނީފޯމު ބޭރު ދުނިޔެއަށް ދައްކުވައިދެވިދާނެ ކަމަށް އޭނާ ދެކެ އެވެ.

މޯލްޑިވިއަންގެ ކެބިންކްރޫއަކު ގައުމީ ހެދުމުގައި

އެއާ ދެކޮޅަށް ހިޔާލުފާޅު ކުރި މީހުން ވެސް އުޅެ އެވެ. އެ މީހުންގެ ނަޒަރުގައި ފާސްކުރި ހެދުމަކީ ކެބިންކްރޫއިންގެ ދަތުރުތަކަށް މާރައްކާތެރި ޔުނީފޯމަކަށް ނުވެދާނެ އެވެ. އެކަމަކު އެ ފަދަ ދަނޑިވަޅުތަކާ ވެސް ގުޅޭގޮތަށް ހެދުމަށް ބަދަލުތައް ގެނެވިދާނެ ކަމަށް އެ މީހުން ދެކެ އެވެ.

ކޮމެންޓް (4)

މަންޑޭ

28 ޖުލައި 2025
ރަތްކުލަ ވަރަށް ބޮލަަށް އުނދަގޫ.
3 1

އަސްލަމް

27 ޖުލައި 2025
ތީ ވަރަށް ސަޅިކަމެއް. އެކަމަކު ކިތަންމެ ރީތި ހެދުމެއް ލިޔަސް ތަންތަން ހާމަވާހެން ގަޔަށް ބާރުކޮށް ހުރީމަ ކަމަކުނުދޭ.
8 4

މުއްލާ

28 ޖުލައި 2025
@އަސްލަމް ނުބެލީމަ ނިމުނީ އޯކޭ؟
2 2

މޮޔަ

29 ޖުލައި 2025
@މުއްލާ އެހެންވީމަ އެކައްޗެއްވެސް ނުލާ އުޅެންވީނުން. ޔޫ ހުންނާނީ އެންމެންގާތު ބުނަން ނުބަލާށޭ. އެގޮތް މާއޯކޭ ކަންނޭނގެ ދޯ؟ އެކަމަކު އަސްލުވާގޮތަކީ، ޔޫ ކަހަލަ މީހުން ބަލަނީވެސް، އަދި ބަލާ ހިތްވަނީވެސް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް