މީގެ 20 އަހަރު ކުރިން، ދ. ރިނބުދޫގެ ގިނަ މީހުން ކ. ތުލުސްދުއަށް ބަދަލުވުމުން އެ ރަށުން މަރުހަބާ ކިޔަނީ
ރިނބުދޫ މީހުން ހިޖުރަކުރުން: 20 އަހަރު ކުރިން ވެސް ތުލުސްދޫން ދެއްކީ މިސާލެއް
ހދ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވުމުން، އެކަމަށް އެންމެ ފުރަތަމަ އިޖާބަދިނީ، ކ. ތުލުސްދޫންނެވެ. ކައިރީގައި ގިނަ ރަށްތަކެއް އޮތް ނަމަވެސް، މާދުރުގައި އޮތް އަތޮޅެއްގެ، މާދުރުގައި އޮތް ރަށަކުން އެކަމަށް އިސްނެގީ، އާބާދީ ބޮޑުވުމުން ވާނެ ފަސޭހަ ވަޒަން ކުރެވިފައި އޮތުމުންނެވެ.
އެކަމަކު ބީރައްޓެހިންތަކަކަށް އަމިއްލަ ހިޔާވަހިކަން ދީގެން، މީގެ 20 އަހަރު ކުރިން ވެސް ތުލުސްދޫން ވަނީ ހަމަ އެ ނަމޫނާ ދައްކައިފަ އެވެ.
މުޅި ރާއްޖެއަށް ސިހުން ގެނުވި، ސުންނާފަތިކަން ބޮޑު 2004ގެ ސުނާމީން ދ. ރިނބުދުއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެކަމުން އަރައިގަނެ، އާ ދިރިއުޅުމެއް ފެށުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ރިނބުދޫ ރައްޔިތުންނަށް މަރުހަބާ ކިޔަން ބޭނުންވި އެންމެ ފުރަތަމަ ރަށްތަކުގެ ތެރޭގައި ތުލުސްދޫ ހިމެނުނެވެ. އެއާ އެކު އެ ރަށުގެ ތިން ބައި ކުޅަ ދެބައި މީހުން ތުލުސްދުއަށް ހިޖުރަކުރިތާ އިއްޔެ 20 އަހަރު ފުރުނީ އެވެ.
އެ ހަނދާންތައް އާކުރައްވަމުން، ތުލުސްދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝަހީމް ވިދާޅުވީ 300އަށް ވުރެ ގިނަ މީހުންނާ އެކު، އެ ރަށުން ކީ ހޫނު މަރުހަބާއެއް ކަމަށެވެ. ލޯންޗާއި ދޯނި ފަހަރުގައި ރިނބުދޫ މީހުން، އައުމުން އެ މީހުންގެ އިސްތިގްބާލުގައި މުޅި ރައްޔިތުން އަތިރިމައްޗަށް ނުކުމެ ތިއްބެވެ. މަރުހަބާގެ ސަގާފީ ނެށުންތައް ހުށަހަޅައިދިނެވެ.
ރިނބުދޫ މީހުން އަންނަން ވާއިރަށް، އެ ރަށުގެ، މިފްކޯގެ މަސް ސެންޓަރު ކައިރީ ވަގުތީ ހިޔާތައް އެޅި އެވެ. އަދި އިތުރަށް ހިޔާވަހިކަން ބޭނުންވާ މީހުންނަށް ރަށުގެ އިޖްތިމާއީ މަރުކަޒު ހަމަޖައްސައިދިނެވެ. ރަށުގައި ރައްޔިތުން ހިންގަމުން ދިޔަ ކާޑުގެއިން ހިލޭ ތިން ބާވަތުގެ ކާޑު ރިނބުދޫ މީހުންނަށް ދިނެވެ.
"ވަރަށް އެކުވެރިކަމާ އެކު ހުރިހާ ކަމެއް ހިނގައިގަތީ،" ޝަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ އެހީގައި ރިނބުދޫ މީހުން ގެއަޅައި، އާ ގެތަކުގައި ދިރިއުޅެން ފަށައިގަނެވޭވަރުވީ، ރަށަށް ބަދަލުވިތާ ދޮޅު އަހަރު ފަހުންނެވެ. އެއީ އޭރު، ތުލުސްދޫގެ އާއްމުން އުޅޭ ސަރަަހައްދާ ތަންކޮޅެއް ދުރެވެ. އެކަމަކު ރަށުގެ ބިމުގެ ދަތިކަން އޮތް ގޮތުން، ދުރުގައި ގެތައް އަޅަން ޖެހުނީ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ވެރިންގެ ވެސް ވިސްނުން ހުރީ، އެންމެން އެކުގައި އުޅެވޭނެ ގޮތަށް، ކައިރީގައި ގެތައް އެޅުމަށެވެ.
އާ މެހެމާނުން ރަށަށް ހިޖުރަކުރިތާ ގިނަ ދުވަސްތަކެއް ނުވެ، އޭގެ ނަތީޖާ ފެންނަން ފެށި ކަމަށް ޝަހީމް ވިދާޅުވި އެވެ. ރައްޔިތުންނަށް ގޮވާލާ ކޮންމެ ފަހަރަކު، ބޮޑު އާބާދީއެއް ނުކުންނަން ފެށި އެވެ. ރަށުގެ ތަރައްގީގެ މަސައްކަތުގައި އިތުރު އަތްތަކަކާއި އެހީތެރިކަމެއް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން، އެކި ގޮތްގޮތުން ރަށް ތަރައްގީވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް އިހުސާސެއް ނުކުރެވޭ އެއީ ރަށުން ބޭރުން އައިސް ތިބި ބައެއް ކަމަށް. އެހާ ވެސް އެކުވެރިކަމާއި ގާތްކަން އޮތް،" ޝަހީމް ވިދާޅުވި އެވެ.
މިހާރު ވެސް ތުލުސްދޫ ރައްޔިތުންގެ ވިސްނުން ބަދަލެއް ނުވެ އެވެ. އެ މީހުން ބޭނުންވަނީ އިތުރު ގިނަ ރަށްރަށުން އަދިވެސް މީހުން އެ ރަށުގައި އާބާދުވާށެވެ. އާބާދީ ކުޑަވެ، ހއ. ހިރިމަރަދޫން މީހުން ފައިބަން ބޭނުންވުމުން، އެ ރަށުގެ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލި އެވެ. މ. ރަތްމަންދޫން މީހުން ބަދަލުވާން ބޭނުން ވުމުން، އެ މީހުންނަށް ވެސް އެ ފުރުސަތު ދިނެވެ.
އެކަމަކު ހިރިމަރަދޫ މީހުން އެންމެ ފަހުން ބަދަލުވީ، ކައިރީގައި އޮތް އެ އަތޮޅު ހަނިމާދުއަށެވެ. ރަތްމަންދޫ މީހުންނާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ތުލުސްދޫން ދެކޭގޮތުގައި، މިހާރު 1،800 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި ކުރިއަށް ދާނެ ފުރުސަތުތައް އެބަހުއްޓެވެ. ރަށުގައި ލޯކަލް ޓޫރިޒަމް އެބަ ހިންގަ އެވެ. އެހެން ގޮތްގޮތުން ވެސް ރަށް އަންނަނީ ތަރައްގީވަމުންނެވެ. އެހެންވެ، ތުލުސްދުއަކީ މުސްތަގްބަލެއް އޮތް ރަށެއް ކަމަށް އެރަށުގެ ވެރިން ގަބޫލުކުރެ އެވެ.
"މިރަށުގެ އާބާދީ އަދިވެސް އަޅުގަނޑުމެންނަށް މަދު. ކޮންމެ ރަށަކުން އަޔަސް އަޅުގަނޑުމެން އެ މީހުންނަށް މަރުހަބާ ކިޔާނަން،" ޝަހީމް ވިދާޅުވި އެވެ.