ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ފްރޮންޓް އޮފީސް ޖަލްސާއެއްގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔާމީން ވިދާޅުވީ ރާއްޖޭގައި ފުރިހަމަ މިނިވަންކަމެއް ނެތް ކަމަށް

ޔާމީން ވަނީ އިންޑިއާ އަސްކަރިއްޔާ އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވެ އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތައް ސަރުކާރުން އާންމު ނުކުރާތީ ފާޑު ވިދާޅުވެފައި

ރާއްޖޭގައި ފުރިހަމަ މިނިވަންކަން އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މިވަގުތު ރާއްޖެ އޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ޔާމީން މިރޭ ވަނީ އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖޭގައި އަދި ވެސް ދެމި އެބަތިބި ކަމަށާއި އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރަން ތިބި އެ ގައުމުގެ އަސްކަރިއްޔާގެ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ އަހަރުގެ މެއި މަހު އަސްކަރިއްޔާގެ ހުރިހާ ސިފައިން ފޮނުވާލާ ޑޯނިއާ އާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކަށް އިންޑިއާގެ މަދަނީން ވަނީ ގެނެސްފަ އެވެ.

ތަފްސީލް - ނަމަވެސް ކުރީގެ ރައީސް ޔާމީން ވަނީ އިންޑިއާ އަސްކަރިއްޔާ އިން އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވެ، ކުރީ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ އެއްބަސްވުންތައް މި ސަރުކާރުން އާންމު ކުރަން ފަސްޖެހޭތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ 100 އިން 100 ގަބޫލު ކުރަނީ ގައުމެއްގެ ލެވެލްގައި އަޅުގަނޑުމެންގެ މިނިވަންކަމެއް ނެތޭ. އަޅުގަނޑުމެންގެ ސިޔާދަތީ ބާރެއް، އަޅުގަނޑުމެންގެ ގައުމުގެ ހުރިހާ ކަމަކަށް ބަސް ބުނުމުގެެ، ފަހު ބަސް ބުނުމުގެ ބާރެއް ދިވެހި ދައުލަތަކަށް މިވަގުތު ނެތް،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަން ފެނިގެން ހިނގައްޖެ ގެއްލުނު ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ނުކުރި ހިސާބުން އަދި އެކަމާ ގުޅޭ އެކި ބުހުތާނު ހަދަމުން ދިޔައީމާ އެކަން އެނގިއްޖެ. އިންޑިއާ އާއެކު ހަދާފައިވާ އެކި އެގްރިމެންޓުތައް ބާތިލު ނުކުރުމުން އެކަން އެނގިއްޖެ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މާދަމާ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމާ އެކު ރާއްޖެއިން ހަދާފައިވާ އެގްރިމެންޓުތައް އާ ކުރާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެހެންވީމާ ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގައި ފުރިހަމަ މިނިވަންކަން އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

ޔާމީން ވިދާޅުވީ އިންޑިއާ އަކީ އަވައްޓެރި، އެކުވެރި ގައުމެއް ކަމަށާއި ރާއްޖެ އާއި އިންޑިއާ އަދި އިންޑިއާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު އޮތީ ގާތް އެކުވެރި ގުޅުމެއް ކަމަށެވެ. ނަމަވެސް އެ ގައުމުގެ އަސްކަރިއްޔާ އިން ރާއްޖޭގައި ދެމިތިބުމާ މެދު ދެކޮޅު ހައްދަވާ ދައްކަވާ ވާހަކަތައް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާ އަސްކަރިއްޔާ އަށް ރާއްޖެއިން ޖާގަ ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

"މޯދީ އަށް މަރުހަބާ ވެސް ދަންނަވާނަން. [މޯދީ ވަޑައިގަތުމެއް ނޫން] އަޅުގަނޑުމެންނަށް މައްސަލައަކީ. މައްސަލައަކަށް ވެގެން ދިޔައީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރެއްވި ކަމަކުން އަޅުގަނޑުމެން ދިވެހިރާއްޖެ އުނދަގޫވާ ހިސާބަކަށް މި ފައްތާލީ،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެ އާ ދެމެދު އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދު ވެސް އޮތީ އެކުވެރިކަން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ވެގެން ދާންޖެހޭނީ އިހުތިރާމާއި ގަދަރާއި މިނިވަންކަމާ އެކީ. މި ނޫން ގޮތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ވެގެން ދާކަމަށް ވަންޏާ، ކޮންމެވެސް އެއްބަޔަކު ނާޖައިޒު ފައިދާ އެ ނަގަނީ. ރާއްޖެ ކޮމްޕްރޮމައިޒް ވަނީ. މި ހާލަތަށް [ރާއްޖެ] ގެންދިޔަ މީހަކީ އިބްރާހިމް މުހައްމަދު ސޯލިހު،" ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުގައި މިނިވަން ދުވަހާ ދިމާކޮށް މޯދީ ވަޑައިގަންނަވާތީ، އިދިކޮޅު އެމްޑީޕީ އިން ދައްކަމުންދާ ވާހަކައަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން އިދިކޮޅުގައި އޮތް އިރު 'އިންޑިއާ އައުޓް' ގޮވަން ޖެހުނީ އިންޑިއާ އަސްކަރިއްޔާ އަށް އެމްޑީޕީގެ ސަރުކާރުގައި ޖާގަ ދިނުމުން ކަމަށެވެ.

"މިއަދު ވެސް އުތުރު ތިލަފަޅަކަށް ދިވެހި ސިފައިންނަކަށް ނޭރޭ. މިއަދު ވެސް އުތުރު ތިލަފަޅަކަށް އަޒާނަކަށް ނުދެވޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މޯދީ ވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށާއި މައްސަލައަކީ އިންޑިއާ-ރާއްޖެ ބަދަހި ގުޅުމާއި އަވައްޓެރިކަމުގެ ގުޅުމަށް ޝޮކު އަންނަ ކަމެއް ކުރުން ކަމަށެވެ. 

ޔާމީން ވަނީ މި ސަރުކާރުގެ ކުރީ ކޮޅު ޑެޕިޔުޓީ މިނިސްޓަރުންގެ މަގާމުގައި ތިއްބެވި ތިން ބޭފުޅަކު މޯދީ އަށް ކުޑައިމީސްކޮށް ވާހަކަ ދެއްކެވުން ވެސް އަދި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ އާއި އެ ގައުމާ އެކު ރާއްޖެ އިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކާ ދެކޮޅަށް ދެއްކި ވާހަކަތާ މިހާރު ސަރުކާރުން އަމަލު ކުރާ ގޮތާ ދިމާ ނުވާތީ ފާޑު ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

ރިވެތި ސަނާ

25 ޖުލައި 2025
ދިވެހިން ހޭ އަރަންވީ ވެރިކަމަށް އައުމަށް އިސްލާމްދީނާ މިނިވަންކަމާ ގައުމިއްޔަތޭކިޔާފަ ކޮންމެ ފަހަރަކު މިޖައްސާ ޕްރޮޕަގެންޑާއަށް. މިހާރު ރާއްޖޭގަ ވެރިކަމުގަ މިއޮތީ ވައްކަމުގެ ފިކުރު. ދައުލަތުން އެމީހަކަށް ނެގުނު އެއްޗެއް އަތުލުމުގެ ވިސްނުމުގެ ފިކުރު. އެންމެ ބޮޑުވައްކަމާއި ދައުލަތުގެ ފައިސާ ވެރިންގެ އެކައުންޓަށް ވަންނަނީ މިފިކުރުގެ ވެރިކަމުގައި އެކަނި. ރައްޔިތަކަށް ސީދާ މަންފަކޮށްދެން އުޅުނީ އެހެން ބައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް