ރައީސް މުހައްމަދު މުއިއްޒު މިއަދު ނ. ޅޮއްސަށް ވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)
ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ ލިސްޓު ދިގުވަނީ ކުރިން ނުކޮށްދޭތީ: ރައީސް
ރައީސް މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ ދިގު ލިސްޓެއް އެ މަނިކުފާނާ ހިއްސާ ކުރަނީ މީގެ ކުރިން އެ ކަންތައްތައް ފުރިހަމަ ނުކޮށް ހުރުމުން ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޅޮއްސަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތަކުގެ ދިގު ލިސްޓު އެ މަނިކުފާނާ ހަމައަށް ގެނައުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - "މުއައްސަސާތަކުގެ ވެރިންނާ އެކު އޮތް ބައްދަލުވުމުގައި އަޅުގަނޑު ގާތު ދެންނެވި ލިސްޓު ވަރަށް ދިގު ވެދާނެއޭ. އެއީ އެއްވެސް މައްސަލައެއް ނޫން. އޭގެން އެ ދޭހަކޮށްދެނީ ކުރީގައި އެ ކަންކަމަށް، ކަންކަން ކުރަން ތިއްބެވި ބޭފުޅުން މާ ބޮޑު ސަމާލުކަމެއް ނުދީ އޮތީމަ ލިސްޓު ދިގުވެފައި އެ އޮތީ،" ރައީސް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ ޒިންމާއަކަށް ވާނީ ދެން އެ ކަންކަން ވަރަށް ސަމާލުކަން ދީގެން ކޮށްދިނުން. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޅޮހީގެ ރައްޔިތުންގެ ދިގު ލިސްޓު ކުރުކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ އެއްކޮށް ނިންމައިދޭނަން."
ތަފްސީލް - ރައީސް ވިދާޅުވީ ޅޮހީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ:
-
ސްކޫލުގެ ޖާގަ އިތުރުކޮށް ވަސީލަތްތައް ގާއިމް ކުރާނެ
-
ރަށުގެ ރިންގު ރޯޑު ހަދާނީ ޓޫރިޒަމު ކުރިއަރާނެ ގޮތަށް
-
ޅޮހީގެ ސާފް ޕޮއިންޓު ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީ ކުރާނެ
-
ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތްތައް ގާއިމްކުރާނެ
-
ކުޑަކުދިންގެ ޕާކު ހަދާނެ
ރައީސް ވިދާޅުވީ ދެން އެ ރަށަށް ވަޑައިގަންނަވާނީ މަޝްރޫއުތައް ނިންމުމުގެ އުފަލުގައި ބައިވެރިވެ ވަޑައިގަތުުމަށް ކަމަށެވެ.