މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާދަމް އާޒިމް

މާލޭގެ ކުލީ ބިންތަކުގެ ލިސްޓު އާންމުކުރުން ލަސްވަނީ މިނިސްޓްރީން ލިއުންތަކެއް ގެންދިޔުމުން: މޭޔަރު އާޒިމް

މޭޔަރު އާދަމް އާޒިމް މިއަދު ސިޓީ ކައުންސިލްގެ ޖަލްސާގައި ވިދާޅުވީ ހައުސިން މިނިސްޓްރީއަށް ވަގުތީ ގޮތުން ޕްރޮޖެކްޓްތައް ދޭން އޭރު ގެންދިޔަ ލިއެކިއުންތައް ރެކޯޑުކޮށްފައި ނުވާ ކަމަށް

މާލެ ސިޓީ ކައުންސިލުން ހިންގި ގިނަ ޕްރޮޖެކްޓްތައް ވަގުތީ ގޮތުން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ނިންމައިގެން އޭރު ގެންދިޔަ ލިއެކިއުންތައް ރެކޯޑުކޮށްފައި ނެތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ސިޓީ ކައުންސިލުން ބިމާއި ޕްރޮޖެކްޓްތައް އަދި ޕާކިން ޖާގަތައް ދޫކޮށްފައިވާ މީހުންގެ ލިސްޓެއް އާންމުކޮށްފައި ބެހެއްޓުމަކީ އާޒިމްގެ ވައުދެކެވެ.

ނަމަވެސް މިހާތަނަށް އެ ކަން ނުކުރެވި، ނުއަގުގައި ބިން ދޫކުރަމުންދާ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ފާތިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެ ކަންބޮޑުވުންތަކާ ގުޅިގެން އާޒިމް ވިދާޅުވީ އޭނާ ވެވަޑައިގެންނެވި ވައުދާ އެއް ގޮތަށް އެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

"މި ތަނުގައި ހުރި އެއްޗެހި، ކާކަށްތޯ ދީފައި އޮތީ، ކިހާ ދުވަހަކަށްތޯ ކޮން އަގަކަށްތޯ ދީފައި އޮތީ؟ އެ އެއްޗެހި އަޅުގަނޑު ހާމަކޮށްދޭނަން. އަޅުގަނޑުގެ ވައުދެއް އެއީ. އެ ވައުދު ފުއްދައިދޭނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް މިއަދު ވިދާޅުވި ގޮތުގައި އެ މަސައްކަތް ލަސްވަމުންދާ އެންމެ ބޮޑު ސަބަބަކީ ހައުސިން މިނިސްޓްރީން މީގެ ކުރިން، ސިޓީ ކައުންސިލްގެ ނިންމުމެއްގެ ދަށުން ބައެއް ލިއެކިއުންތައް ގެންދިޔަ އިރު ގެންދިޔަ ލިއެކިއުންތަކަކީ ކޮބައިކަން އެނގޭ ގޮތަށް ރެކޯޑުކޮށްފައި ނެތުމެވެ.

"އޭރު ސެކްރެޓަރީ ޖެނެރަލް ކައިރީ އެހިން ކޮން އެގުރިމަންޓްތަކެއްތޯ ގެންދިޔައީ. ކޮން ޑޮކިއުމަންޓްތަކެއްތޯ ގެންދިޔައީ. ލޮލަށް ނުފެންނަ އެއްޗެހީގެ ވާހަކަ އަޅުގަނޑެއް ނުދައްކާނަން. މިހެންވެ ވަރަށް އުނދަގޫތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމެއް - (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ތަފްސީލް - މިކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލުކުރުމުން އާޒިމް 'ދައުރު'އަށް ވިދާޅުވީ އޭނާ މޭޔަރުކަމާ ހަވާލުވުމުގެ ކުރިން، މިނިސްޓްރީއަށް އެ ތަކެތި ގެންދިޔައިރު އޭރުގެ ސެކްރެޓަރީ ޖެނެރަލް ގެންދިޔަ ލިއެކިއުންތައް ނޯޓުކޮށް ސިޓީ ކައުންސިލްގައި ރެކޯޑުކޮށްފައި ނެތް ކަމަށެވެ.

އެ ގޮތުން މޭޔަރު ވިދާޅުވި ގޮތުގައި:

  • ކައުންސިލުން ބިމާއި ޕްރޮޖެކްޓްތައް ދޫކުރި ފަރާތްތަކުގެ ލިސްޓެއް ނުނެރެވެނީ މިފަދަ އުނދަގޫތަކެއް ހުރުމުން

  • މިހާރު ހައުސިން މިނިސްޓްރީން ވަރަށް މަދު ލިޔެކިޔުމެއް ފޮނުވާފައި އެބަހުރި؛ އެކަމަކު ރެކޯޑުނުކުރާތީ ހުރިހާ ލިޔެކިޔުމެއް ހަމަކަން ޔަގީންކުރެވޭނެ ގޮތެއް ނެތް

  • ހައުސިން މިނިސްޓްރީން ގެންދިޔައީ ހަވާލުކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ލިއެކިއުންތައް އެކަނި ކަމެއް ވެސް ޔަގީންކުރެވޭނެ ގޮތެއް ނެތް

  • މިހާރު ސިޓީ ކައުންސިލުން ކުރަމުން ދަނީ މެއިލް އާއި އެހެނިހެން ގޮތްގޮތުން ކޮށްފައި ހުރި މުއާމަލާތްތަކާއި ހައުސިން މިނިސްޓްރީން ފޮނުވާފައި ހުރި ލިއުންތައް ދިރާސާކޮށްގެން ލިސްޓު ތައްޔާރުކުރުމުގެ މަސައްކަތް

"އަޅުގަނޑު މި ދަންނަވަނީ މިއީ ވަރަށް ދެރަކޮށް ހިނގައިގެން ނުވާނެ ވަރަށް ބޮޑު ގޯހެކޭ މިއީ. އެހެންވިއަސް ކައުންސިލުން ކުރި މަަސައްކަތުން މިހާރު ލިސްޓުގެ ވަރަށް ބޮޑު ބައެއް ޕްރޮގްރެސްވެފައި ހުރީ،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް - (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)

އެނގުން މުހިންމު - އާޒިމް އިޝާރާތްކުރެއްވީ، އޭނާ މޭޔަރު ކަމުގެ ހުވާ ކުރެއްވުމުގެ ފަސް ދުވަސް ކުރިން ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ހިނގި ކަމަކަށެވެ. އެ ގޮތުން:

  • އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ފާސްކުރީ ސިޓީ ކައުންސިލުން ހިންގަމުން ދިޔަ100 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ހުރިހާ މަޝްރޫއެއް އޭރު އޮތް ކޮންސްޓްރަކްޝަންސް މިނިސްޓްރީއާ ހަވާލުކުރުމަށް

  • މިނިސްޓްރީއަށް 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށޭނަމަ އަލުން ސިޓީ ކައުންސިލަށް ހަވާލުކުރުމަށް

  • ހައުސިން މިނިސްޓްރީން ވަގުތީ ގޮތުން6 މަސް ދުވަހު ޕްރޮޖެކްޓްތައް މެނޭޖުކުރުމަށް ފަހު އަލުން ސިޓީ ކައުންސިލަށް ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް