މާލޭގެ މޭޔަރު އާޒިމް މާލޭ ސިޓީ ކައުންސިލް ޖަލްސާއެއްގައި ވާހަކަދައްކަވަނީ(ފޮޓޯ/ސިޓީ ކައުންސިލް)

ކައުންސިލުގެ ބަހެއް ނެތި މާލޭގެ ބިންތައް އާޒިމް ނުއަގުގައި ދޫކުރާ ކަމުގެ ކަންބޮޑުވުން

ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވި ގޮތުގައި، މާލެއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްސީލު ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެކި ފަހަރު އާޒިމުގެ އަރިހުގައި އެދިފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ

މާލޭ ސިޓީ ކައުންސިލުގެ ބަހެއް ނެތި، މޭޔަރު އާދަމް އާޒިމް ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކުރައްވާ ކަމަށް ބުނެ، އެ ބިންތަކުގެ މައުލޫމާތު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އަނެއްކާވެސް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ސައިފް ވިދާޅުވި ގޮތުގައި، މާލެއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްސީލު ހޯދަން މިދިޔަ ސެޕްޓެމްބަރުން ފެށިގެން އެކި ފަހަރުމަތިން އާޒިމުގެ އަރިހުގައި އެދިފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އާޒިމަށް އިއްޔެ ފޮނުވި ސިޓީއެއްގައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އަނެއްކާވެސް އޭނާ އެދިފައިވެ އެވެ. އެ ސިޓީގައިވާ ގޮތުން:

  • މާލެއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްސީލު ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ ބޭއްވި ކައުންސިލުގެ ވައިޓަލް ސްޓެޓިސްޓިކްސް އެންޑް ޑިޖިޓަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއްގައި ނިންމާފައިވޭ 

  • އެއަށް ފަހު އެ މައުލޫމާތު ހިއްސާކުރުމަށް، އާޒިމުގެ އަރިހުގައި ތަކުރާރުކޮށް އެދިފައިވާނެ؛ މިދިޔަ 3 އޮކްޓޫބަރުގެ ކުރިން ހޯދަން އެދިފައިވާ އެ މައުލޫމާތު މިއަދާ ހަމައަށް ވެސް އެ ކޮމިޓީއަށް ފޯރުކޮށްދީފައެއް ނުވޭ

  • އެ ތަފްސީލު ހޯދަން ކައުންސިލުގެ ރަސްމީ ތިން ޖަލްސާއެއްގައި އެދިފައިވާނެ؛ އެކަމަކު އެ ޖަލްސާތަކުގައި އަބަދުވެސް ލިބޭ ޖަވާބަކީ ލިސްޓު އެކުލަވާލަނީ ކަމަށް

މޭޔަރު އާޒިމް ކައުންސިލް ބައްދަލުވުމެއްގައި (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ބުނީ ކީކޭ؟ - އާޒިމަށް ފޮނުވާފައިވާ އެ ސިޓީގައި ބުނީ، މާލޭގެ މަގުތަކާއި އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި މައިންޒާންތަކާއި ކުޅިވަރު މައިދާންތަކަކީ މާލޭގެ ރައްޔިތުންގެ މިލްކެއް ކަަމަށެވެ. އެ ތަންތަނުން އެންމެ އެކަށީގެންވާ އާންމު މަސްލަހަތުގައި މަންފާ ނެރުމަކީ އެކަމުގެ މައްޗަށް ކައުންސިލް ޒިންމާ ކުރެވިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، އެފަދަ ތަންތަން ކުއްޔަށްދީ ތަރައްގީ ކުރަން ވާނީ މާލޭ ކައުންސިލުގެ އާންމު ރަސްމީ ޖަލްސާއަކަށް ހުށަހަޅާ މަޝްވަރާއާ ހިޔާލު ހޯދައިގެން ކަމަށެވެ. 

ސައިފު ވިދާޅުވި ގޮތުން:

  • މާލޭގެ ބިންތައް ކައުންސިލުގެ ރުހުން ހޯދުމަކާނުލާ ކުއްޔަށް ދެނީ މޭޔަރު އާޒިމް އަކަށައަޅާ ކުޑަ ކޮމިޓީއަކުން 

  • މިފަދައިން ބިންތައް ކުއްޔަށްދީ ތަރައްގީކުރަން އަމިއްލަ ފަރާތްތަކާ އެކު އެއްބަސްވަމުންދާ މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ލޯކަލް ގަވާމަންޓް އޮތޯރަޓީ (އެލްޖީއޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި 2021، 2022 އަދި 2023ގައި އެކަން ފާހަގަކޮށްފައިވާނެ 

  • އެކަމަކު އެއިން އެއްވެސް އިދާރާއަކުން އެކަމަށް އީޖާބީ ފިޔަވަޅެއް އަޅާފައެއް ނެތް

  • އޭގެ ފަހުން މާލޭގެ އެއްވެސް ބިމެއް ދިގު ނުވަތަ ކުރު މުއްތަކަށް ކުއްޔަށް ދެވޭނީ ނުވަތަ ތަރައްގީކުރަން ނިންމޭނީ ކައުންސިލުގެ ފްލޯއަށް ހުށަހަޅައި ޖަލްސާގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް، އަމިއްލައަށް އިސްނަގައިގެން ޖޫން 2023ގައި ކައުންސިލުގެ ހިންގާ ގަވާއިދަށް ބަދަލު ގެނެސްފައިވާނެ

"މި ނުކުތާއަށް ރިއާޔަތްކުރުމެއް ނެތި މަނިކުފާނު ތިޔަ ގެންދަވަނީ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގެ ދުވަސްވަރުގެ ބޮލު އަޅުވާފައި މާލޭގެ ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކޮށްލަމުންނެވެ. އަމުދުން ކުއްޔަށް ދޫކޮށްފައިވާ ބިންބިމާއި ހަމަތަކާއި މުއްތަދުތަކާއި ކުއްޔާއި ކުންފުނި ނުވަތަ ފަރާތް އެނގޭނެހެން ބިމުގެ ލިސްޓު އާންމު ނުކުރައްވާ އަދި ކައުންސިލަރުންނާ ވެސް ހިއްސާ ނުކުރައްވާ ބިންތައް ބެއްސެވުމުގެ މަސައްކަތް ގޮނޑިކޮއްކޮއެއް ފަދައިން ކުރައްވަމުން ވަޑައިގަންނަވާތީ ނުހަނު ކަންބޮޑުވެ އެވެ،" ސިޓީގައިވެ އެވެ.

"މީހަކު އަދި ކޮންޓްރެކްޓެއް ހަދާފައި އޮތަކަސް، ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ކަނޑައެޅިގެން ގެއްލޭ ގޮތަށް މަނިކުފާނަށް އަމަލެއް ނުކުރެވޭނެ އެވެ. އަމަލުކޮށްގެން ވެސް ނުވާނެ އެވެ."

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ސައިފް ފާތިހު ވާހަކަދައްކަވަނީ(ފޮޓޯ/މާލެ ކައުންސިލް)

މޭޔަރު ކަމަށް ވަޑައިގެންތާ 553 ދުވަސްވެފައިވާއިރު، އޮޅުންބޮޅުންކަން ބޮޑުކަމުން ކަމަށް ވިދާޅުވެ، ގާނޫނުގައި ބުނާ ހަމައިން ބިމުގެ ދަފްތަރު ވެސް އާންމު ކުރައްވަމުން ނުގެންދާ ކަމަށް ސިޓީގައިވެ އެވެ. އެކަމަކު އެ ހާލަތުގައި ވެސް ގަވާއިދުން ބިންތައް ދޫކުރަމުންދާތީ އެކަމާ ވެސް އޭނާގެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"ވީމާ ހާސަރު ދިގުނުކުރައްވާ، އުޒުރު ދެއްކެވުން ދޫކުރައްވާ، ކައުންސިލުގެ މިލުކުވެރިކަމުގައި ހުރި ބިންބިމާއި އެ ބިންބިމުގެ ސައިޒާއި ވަކި ކަމަކަށް ހާއްސަކޮށްފައިވާ ނަމަ، އެ ބޭނުމަކާއި ނުވަތަ ކުއްޔަށް ދީފައިވާ ނަމަ، އެއީ ކޮން ކަމަކު، ކާކަށް، ކޮން ކުއްޔެއްގައިކަން އެނގޭނެ ފަދައަކުން އަޅުގަނޑަށް އަންގަވައިދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

ކޮމެންޓް (1)

އަންނި

21 ޖުލައި 2025
މީނާހިތުން މީނާ މިއުޅެނީ އެހެން ލެވެލްއެއްގައި. ދާންވީނުންތޯ އޭ.ސީ.ސީ އަށް އެތަނުން ތިފާޑަށް އުޅޭމީހުން ވަރަށް ބޭނުންވެޔޯ، އެމީހުން 'ހައްޕު" ކިޔާގެން ތިއްބަސް. ކެކެ
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް