ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް؛ އަންނަ އަހަރު މަސައްކަތް ފަށާނެ

އިގްތިސޯދީ ގޮތުން މުހިންމު މަޝްރޫއުތަކެއް ކުރިއަށްދާ ނ. އަތޮޅަށް އިތުރު އެއާޕޯޓެއް މުހިއްމު ކަމަށް ރައީސް ވިދާޅުވި

ނ. ވިހަފަރު އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ އިއުލާނު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިހާރު އެ އަތޮޅުގައި އެއާޕޯޓު ހިންގާ މާފަރާ ދުރު ސަރަހައްދުގައި އޮންނަ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އިތުރު އެއާޕޯޓެއް މުހިއްމު ކަމަށެވެ.

ތަފްސީލް - "މި އަތޮޅަށް އިތުރު އެއާޕޯޓެއް، މި ސަރަހައްދުން؛ ހޮޅުދޫ، ވެލިދޫ، ފޮއްދޫ. މި ސަރަހައްދުން އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ސްޓޭންޑާޑުން ވެސް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް،" 30 މިނެޓުން ދަތުރު ކުރެވޭ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓެއް އޮތުމަކީ ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

"ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ފާށާނެކަން ތި ބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާނު ކުރަން."

ރައީސް ވިދާޅުވީ އެއާޕޯޓުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށާއި ޓޫރިޒަމަށް ވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނެ އެސްއީޒެޑު ޕާމިޓެއް ވެސް ދިނުމުގެ ޕާމިޓެއް ދިނުމަށް ނިންމާ ހަވާލުކޮށްފައި ޓައުންޝިޕް ޕްރޮޖެކްޓަކަށް ވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިގްތިސޯދީ ޑައިވަސިފިކޭޝަން ކުރިއަށްދާ ނ. އަތޮޅަށް އިތުރު އެއާޕޯޓެއް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާޕޯޓުގެ މަސައްކަތް ދެ އަހަރު ނޫނީ ދޮޅު އަހަރު ތެރޭ ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވަނީ ހޮޅުދޫގެ އިހުތިސޯސްގައި ހިމަނާފައިވާ ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިވާ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރޭ ވިދާޅުވެފަ އެވެ.

ފާހަގަ ކުރެވޭ - ނ. މާފަރުގައި ހިންގާ ބައިނަލްއަގުވާމީ އެއާޕޯޓަކީ މާލެ ފިޔަވާ އެންމެ ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓު ޖައްސާ އެއާޕޯޓެވެ. އެއާޕޯޓުގެ ރަންވޭ ކޯޑު-އީ ފެންވަރަށް ތަރައްގީކޮށް މިހާރު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

23 ޖުލައި 2025
ރައީސް ނޫނު އަތޮޅު ނިންމާފައި މާލެ ވަޑައިގެން ހުޅުމާލޭ ފޭސް 2 އަށް ޒިޔާރަތްކުރައްވާނެ އިރެއްގެ އިންތިޒާރުގައި އެބަހުރިން. ފޭސް 2 އަށް ހަމަ އަސްލުވެސް އެއާރޕޯޓެއް ބޭނުންއެބަވޭ. ވިއްސާރަ ދުވަހެއްގައި މާލެއިން ފޭސް 2 އަށް ދާއިރު ނުލާހިކު ބަލައިގެން މަޑުން ދުއްވަން ޖެހޭތީ 30 މިނިޓަށްވުރެ ގިނައިރު ނަގާފަހަރުވެސް އެބަ އާދޭ. އެހެންވީމާ ރައީސްގެ ސްޓެންޑާޑުންވެސް އެއާރޕޯޓެއް ހަމަ ހައްގު. އަނެއްކާ ނުލާހިކު ބޮޑު އާބާދީއެއް. އެހެންވީމާ މިކަމަށް ވައުދުވެވަޑައިގެން ދެއްވާ. ކުރުމާ ނުކުރުން އަދި އެހެން ކަމެއްތާ؟
2 0

ދޮވެމި ކަލަމިންޖާ

23 ޖުލައި 2025
އަސްތަޣުފިރުﷲ، ދިެވހި ރައްޔިތުން މިކަންތަކަށް ނޫނެކޭ ބުނަންޖެހޭ، ރައްޔިތުން ބޭނުންވަނީ އެއަރޕޯޓުތަކެއް ނޫނޭ. ގުދުރަތީ ވެށި ހަލާކުކޮށް ނުލާ. ރެއަކަށް ހާހުން ޑޮލަރު ދައްކާފަ ދޮންމީހުން އަންނަނީ އެއަރޕޯޓު ބަލާކަށް ނޫން. ރިސޯޓުތަކުން ބަލަނީ ވީހާވެސް ގުދުރަތީ ސިފަތައް ދެމެހެއްޓޭތޯ. ތީ ކޮސް ވިސްނުމެއް ރައީސް. ތިހެން ނުހެދުމަށް އެދެން. ރައީސް ދެވަނަ ދައުރަކަށް ހޮވެން ބޭނުމިއްޔާ ތިޔަކަހަލަ ވަޢުދު ނުވުން އެދެން. އިބުރާހިމުވެސް ތިގޭމު ކުޅެން ހަދައިގެން ބަލިވީ.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް