ރައީސް މުހައްމަދު މުއިއްޒު (މ) މިއަދު ނ. ކުޑަފަރީގައި

ކައުންސިލަރުންނާ ހިޔާލުތަފާތުވުމަކީ ކަންބޮޑުވާ ކަމެއް ނޫން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވަޑައިގަންނަވާނީ ސީދާ ރައްޔިތުން ގާތަށް

ރަށެެއްގެ ކައުންސިލަރުންނާ ނުވަތަ ބަޔަކާ ހިޔާލުތަފާތުވެގެން، ސަރުކާރަށް އެއްބާރުލުން ނުދީ ހުރަސްތައް ކުރިމަތިކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޑަފަރީއަށް ވަޑައިގެން ރައީސް ވަނީ، ކައުންސިލްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ރަށު ރައްޔިތުން އެދޭ ބައެއް ކަންކަން ނުވެ ހުރި ކަމަށް ވިދާޅުވެފަ އެވެ. 

ކުޑަފަރީ ކައުންސިލްގައި އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެމްބަރެއް ފިޔަވައި ދެން މުޅިން ވެސް ތިއްބަވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރުންނެވެ.

ތަފްސީލް - ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ގަބޫލު ކުރައްވާ ސިޔާސަތަކީ، ސިޔާސީ ގޮތުން ހިޔާލުތަފާތުވެގެން، ސަރުކާރުން ދޭން ޖެހޭ ހިދުމަތެއް ދިނުމުގައި ހުރަހަކަށް ނުވުމެވެ. އަދި އެއްވެސް ރަށެއްގައި އޮންނަ ކައުންސިލެއް ނޫނީ އެހެން ބައެއް ވިޔަސް ހިޔާލު ތަފާތުވެގެން ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ނުވަތަ ހުރަސްތައް ކުރިމަތިކުރުމަކީ އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އެ މަނިކުފާނު ބޭނުންވެ ވަޑައިގަންނަވަނީ ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުންގެ ހިޔާލާއި އަޑު އެއްސެވުން ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ސީދާ ރައްޔިތުން ގާތަށް މި އަންނަނީ. ސީދާ ރައްޔިތުން ބޭނުންވާ ގޮތް އަޑުއަހަން ވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރާ ހިޔާލުތަފާތުވާ ކައުންސިލަރުންނާއި އިންތިހާބުކޮށްފައި ތިބޭ މީހުންގެ އެ ހިޔާލުތަފާތުވުން އެ މީހުންނަށް ދޫކޮށްލާފައި، އެ މަނިކުފާނު ވަޑައިގަންނަވާނީ ރައްޔިތުންނާ އެކުގައި ކުރިއަށް ކަމަށެވެ. އަދި ކުޑަފަރީއަށް ތަރައްގީ ގެނައުމުގައި ވެސް އެ މަނިކުފާނު އަމަލު ކުރައްވާނީ އެހެން ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް