މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައިސް އޮފީސް)

އަންނަ އަހަރު 1 ބިލިއަން ރުފިޔާ ހައުސިން ޔުނިޓް އަޅަން ބަޖެޓު ކުރާނަން: ރައީސް

މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، ހައުސިން ޔުނިޓް އެޅުމަށް 1.5 ބިލިއަން ކަނޑައަޅާފައިވޭ

އަންނަ އަހަރުގެ ބަޖެޓުގައި ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިރަށް މަނަދުއަށް ވަޑައިގެން، މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަފްސީލު - ރައީސް ވިދާޅުވީ މަނަދޫ ވެސް އަދި މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑު ކަމަކަށް އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި މި މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ހިންގަން ޖެހޭ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ:

  • އެއްވެސް ރަށެށްގައި އެ ރަށަކަށް ބޭނުންވާ ވަރަށް ހައުސިން މަޝްރޫއެއް އަހަރު ތެރޭ ނުހިންގޭނެ 

  • އެހެންވެ، މި އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި މިއަހަރު ފެށުމަށް އޮތީ 58 ރަށުގެ ހައުސިން ޔުނިޓް އެޅުން؛ އޭގެ ތެރޭގައި މަނަދޫ ވެސް ހިމެނޭ

  • އެ 58 ރަށުގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ފަށާފައި އޮތް 40 ރަށުގެ ހައުސިން ޔުނިޓްތައް ނުލާ

"މި އަންނަ އަހަރަށް ވެސް އަޅުގަނޑުމެން އިތުރު މަޝްރޫއުތަކަށް އަނެއްކާވެސް ބަޖެޓުގައި 1 ބިލިއަން ރުފިޔާ [ނުވަތަ] 1،000 މިލިއަން ރުފިޔާ އެބަ ޖަހަން،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ، އިރާދަކުރެއްވިއްޔާ އެކި އަހަރުތަކަށް ބަހާލައިގެން މި ރަށަށް ވެސް ބޭނުންވާ ވަރަށް ހައުސިން ޔުނިޓް ގާއިމް ކުރުން އަޅުގަނޑުގެ ސިޔާސަތަކީ."

މިރޭ މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރައީސް އިތުރަށް ވިދާޅުވީ:

  • މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ %5 އިންޓްެރެސްޓް ލޯން ސްކީމްގެ ތެރެއިން މަނަދޫގެ ރައްޔިތުންނަށް ދެވެން އޮތް މިންވަރަކަށް ލޯނުތައް ދޭނެ؛ އަންނަ އަހަރު ވެސް އަދި ކޮންމެ އަހަރު ވެސް އެ ލޯން ސްކީމަށް ހުޅުވާލާނެ

  • އެ ސްކީމްގެ ދަށުން ގިނަ ބަޔަކަށް ގޯތީގައި ގެ އެޅުމުގެ ފުރުސަތު ލިބޭނެ

  • 58 ރަށުގެ ހައުސިން ޔުނިޓް އެޅުމަށް އިއުލާން ކުރެވި، ޕްރޮޕޯސަލްތައް މިހާރު ވަނީ ލިބިފައި

"މިހާރު ހައުސިން މިނިސްޓްރީން ކުރަމުންދަނީ، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް. އެ ނިމުނީމައި މަޝްރޫއު ހަވާލު ކުރެވި، އަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އަންނަ އަހަރުގެ ބަޖެޓުގައި ހައުސިން ޔުނިޓް އެޅުމަށް 1 ބިލިއަން ރުފިޔާ ހާއްސަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، މި އަހަރުގެ ބަޖެޓުގައި މި ކަމަށް 1.5 ބިލިއަން ކަނޑައަޅާފައިވެ އެވެ. މުޅި ޖުމްލަ ބޯހިޔަވާހިކަމަށް ކަނޑައަޅާފައިވަނީ 3 ބިލިއަން ރުފިޔާ އެވެ.

މިރޭ މަނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

މަނަދޫގެ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވި ބައެއް ކަންކަން ކުރުކޮށް:

  • ނަރުދަމާގެ ނިޒާމްގެ މަސައްކަތް ޖެހެނީ އަލުން ފަށަން؛ އަންނަ މަސް ތެރޭ އާރުޑީސީން އޭގެ އަމަލީ މަސައްކަތް ފަށާނެ

  • އުންމީދަކީ ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭ ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިންމާލުން؛ އެއާ އެކު، މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ

  • މަނަދޫ އާއި ރ. އުނގޫފާރާ ދެމެދު އާރުޓީއެލް ޑައިރެކްޓް ފެރީއެއް ބޭއްވޭތޯ މިދަނީ މަސައްކަތް ކުރަމުން؛ އުންމީދަކީ ނޮވެމްބަރު މަސް ތެރޭ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ފެށިގެން ދިޔުން

  • ސްކޫލް މަޝްރޫއޫ ލަސްވާތީ ކޮންޓްރެކްޓަރަށް ފަހު ފުރުސަތު ދޭން މިހާރު ވަނީ ނިންމާފައި

  • ހޮސްޕިޓަލުގެ މަސައްކަތް ފެށުނު ނަމަވެސް ނިންމަން ދުވަސް ނަގާނެ؛ ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތްތާއި އިތުރު ކުރިއެރުންތައް ހޯދުމުގެ މަސައްކަތް ކުރާނަން

  • މި އަހަރު ތެރޭ ވޮލީ ކޯޓް އަޅުމުގެ މަސައްކަތް ފަށާނަން؛ އޭގެ އިތުރުން ވައުދުވެވަޑައިގެންނެވި ގޮތަށް އައުޓްޑޯ ޖިމާއި ފިޓްނަސް ރެކްރިއޭޝަން ސެންޓަރު އަދި މަލްޓް ސްޕޯޓް ކޮމްޕްލެކްސް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރާނަން

  • އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސް ގާއިމް ކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުން

މަނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

މިރޭގެ ޖަލްސާގައި، މަނަދޫގައި ޕާސްޕޯޓު ހެދުމުގެ ނިޒާމް ވެސް ގާއިމްކޮށް ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފަ އެވެ. އެކަން ކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް