ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތް: އޭނާގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް ދަންމާލަން މަޖިލީހުން މިއަދު ވަނީ ނިންމާފައި (މިހާރު ފައިލް ފޮޓޯ/ ފަޔާޒު މުސާ)

އިއުލާން ނުކޮށް ނިއުމަތުގެ މަގާމުގެ މުއްދަތު ދަންމާލަން ފާސްކޮށްފި

އޭނާގެ މަގާމު އިތުރު ފަސް އަހަރަށް ދަންމާލަން މަޖިލީހުން ނިންމީ 50 މެންބަރުންގެ ތާއީދާ އެކު

އިއުލާން ކުރުމެއް ނެތި، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް ދަންމާލަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގައި، އަލަށް އެކުލަވާލި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުމުރުގެ ގާނޫނުގެ ދަށުން އުފެއްދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ފަސް އަހަރުގެ މުއްދަތަކަށް ނިއުމަތް އައްޔަން ކޮށްފައިވަނީ، ޖުލައި 2020ގަ އެވެ. އެގޮތުން:

  • ނިއުމަތުގެ މަގާމުގެ މުއްދަތު ހަމަވަނީ މާދަމައަށް

  • ނިއުމަތުގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ކުރިމަތިލުމަށް ރައީސް އޮފީހުން އިއުލާނެއް ނުކުރޭ؛ އިއުލާން ނުކޮށް މަގާމު މިގޮތަށް މަޖިލީހަށް ދެންމޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވޭ

  • ނިއުމަތުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް ދަންމާލަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ސިޓީ ފޮނުވީ މިދިޔަ މަހު 14ގައި

  • މިއަދު ބޭއްވި ޖަލްސާގައި، މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ، އެ ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހަޅާފައި

ތަފްސީލު - ކޮމިޓިން ނިންމާފައި އޮތީ، ރައީސް އެދިވަޑައިގެންނެވި ގޮތަށް ނިއުމަތުގެ މަގާމުގެ މުއްދަތު ފަސް އަހަރަށް ދަންމާލުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް، ނިއުމަތު މަގާމުގައި ބަހައްޓަން ތަޅުމުން ފާސް ކުރީ 50 މެންބަރުންގެ ވޯޓާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވި ނަމަވެސް 25 މެންބަރަކު މި ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީ އަދި ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުން ވެސް ހިމެނެ އެވެ.

އިއުލާން ނުކޮށް ނިއުމަތްގެ މަގާމު އިތުރު ކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

ވޯޓަށް އެހުމުގެ ކުރިން ކޮމިޓީ ރިޕޯޓަށް އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.

އޭނާގެ ވަހަކައިގައި މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާނުލުމުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"[ނިއުމަތުގެ މަގާމުގެ] މުއްދަތު އިތުރު ކުރަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ފޮނުވާފައި މިއޮތީ. މިފަދަ މުއައްސަސާތަކަކީ، ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ މުއައްަސާތަކަށް ވާތީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިކަމުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ، ގަރާރު ނޫން ގޮތަކަށް މުއްދަތު އޮއްވާ އިއުލާނެއް ކުރެވިގެން މަގާމަށް ބޭފުޅަކު އައްޔަން ކުރުން،" ނިއުމަތުއަށް ރުހުން ދޭން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭ ހިމެނޭ ޒިޔާދު ވިދާޅުވި އެވެ.

މެމްބަރު ހުސެއިން ޒިޔާދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ

ޒިޔާދު ވިދާޅުވި ގޮތުގައި އޭނާ އެ ވާހަކަ ދައްކަނީ ނިއުމަތުއާ މެދު އެއްވެސް މައްސަލައެއް އޮވެގެން ނޫނެނެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ގާނޫނަށް ވެސް އެހާ ދިގު މުއްދަތަކެއް ނުވާއިރު، އޮބަޑްސްޕާސަން އޮފީސް އުފެއްދިއިރު އެތަނުގައި ފުރަތަމަ ވެރިއަކަށް ހުންނެވި ބޭފުޅަކު އަނެއްކާ ވެސް އިތުރު ދައުރަކަށް އައްޔަން ކުރުމަކީ އޭނާ ވެސް ރުހޭ ކަމެއް

  • އެއީ އެ ގާނޫނަށް އެންމެ ފަރިތަ އެއް ބޭފުޅަކު އިތުރު ދައުރަކަށް މަގާމުގައި ބެހެއްޓުމަކީ، އެއިން ފައިދާތަކެއް ގައުމަށް ކުރާނެ ކަމަކަށްވާތީ

  • އެހެން ނަމަވެސް އިތުބާރު އުފެއްދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އަލުން މަގާމަށް އިއުލާންކޮށްގެން މީހަކު ހޮވުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި

އެނގުން މުހިންމު - ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 117 ވަނަ މައްދާގައިވާ ގޮތުން، މި މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ. އަދި އެ މަގާމުގައި ހުންނަ މީހެއްގެ މަގާމުގެ މުއްދަތު ފަސް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އިތުރު ކުރުމަށް މަޖިލީހަށް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް (1)

އެނގޭ

21 ޖުލައި 2025
ވާނީ އެހެންތާ. ނިޢުމަތު އަތުގައި ކާލާ މަންނަ އެބަ އޮތް. އެ ބިރު ސަރުކާރަށް ބޮޑު. މިބުނީ ދިރާސާގެ ވާހަކަ. އޭގެ ނަތީޖާ ސިއްރު ކުރިކަމެއްމީ. އެހެން ކަމަށް ނުވާނަމަ ދިރާސާގެ ނަތީޖާ ރައްޔިތުންނަށް ޙަގީގަތަށް ތިލަކޮށްލަ ދީބަލަ ނިޢުމަތޫ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް