ރައީސް މުއިއްޒު ނ. މާފަރު ކައުންސިލާ ބައްދަލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ނ. މާފަރު

ރައްޔިތުން ބޭނުންވާ ގޮތަށް މާފަރު ސިއްހީ މަރުކަޒުގެ އެއްބަސްވުން ބަދަލު ކުރާނަން: ރައީސް

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފެނަކައާ ހަވާލުކޮށްފައި؛ އެއްބަސްވުމަށް ބަދަލު ގެނެސް ވޯޑުގެ ޖާގަ އިތުރުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި

ނ. މާފަރު ސިއްހީ މަރުކަޒު ތަރައްގީ ކުރަން އިއްޔެ ސޮއިކުރި އެއްބަސްވުމަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، އަލުން އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ މަޝްރޫއުގައި ރަނގަޅު ކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމުގެ މައުލޫމާތު މިއަދު ލިބިވަޑައިގެންނެވި ކަމަށެވެ.

ރައީސް މުއިއްޒު ނ. މާފަރު ކައުންސިލާ ބައްދަލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ރޭ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރީ 10 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން 4  އެނދުގެ ވޯޑަކާ އެކު ޕްރައިވެޓް ރޫމަކާއި ނާސް ސްޓޭޝަން އަދި މީޓިން ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ގާއިމްކޮށް ޕޯޓިކޯ ގާއިމް ކުރަން ނިންމާފައިވެ އެވެ.

ތަފްސީލް - މާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެ ރަށުގެ ކައުންސިލާ ރައީސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްރޫއުތަކަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލު ކައުންސިލުން ވަނީ ރައީސްއާ ހިއްސާކޮށްފަ އެވެ.

"... އިތުރު ކަންތައްތަކެއް ރަނގަޅު ކުރަން ހުރިކަން އަޅުގަނޑަށް މިއަދު މި މައުލޫމާތު ލިބުނީ. އަޅުގަނޑު ދަންނަވާފައިވާނެ މި ހަފްތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ސްކޯޕުގައި، އެ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް [ތަރައްގީ ކުރުމަށް] އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން،" ރައީސް ވިދާޅުވި އެވެ.

މާފަރު ސިއްހީ މަރުޒަކު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކުރުން (ފޮޓޯ/ހެލްތު މިނިސްޓްރީ)

ރައީސް ވިދާޅުވީ ރޭ ސޮއިކުރި އެއްބަސްވުމުގައި ފެސިލިޓީތައް މަދުން ގާއިމްކުރަން އޮތީ މައުލޫމާތުގެ ކުށަކުން ކަމަށް ވެދާނެ ކަމަށެވެ.

އެކަން ރަނގަޅު ކުރުމަށް ކަމާ ގުޅުންހުރި މިނިސްޓަރުންނަށް ދަންނަވާފައިވާނެ ކަމަށާއި ބުރާސްފަތި ދުވަހުގެ ކުރިން އެއްބަސްވުން އިސްލާހުކޮށް އަލުން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިރަށުގެ ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި، މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާ އެކު މިތަނުގައި މުސްތަގުބަލުގައި ޕޮޓެންޝިއަލް ހުރުމާ އެކު މި ދެންނެވި ފެންވަރުގައި ސިއްހީ މަރުކަޒެއް ގާއިމް ކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (3)

މާފަރު މީހާ

21 ޖުލައި 2025
ތެފަ އާސާ އަށް މާ ބޮޑަށް އެނގެނީ... ރައީސް މާފަރަށް ވަޑާއިގަތީ ރައްޔިތުންނާ ބައްދަލުކޮށް، މާފަރުގެ ތަރައްޤީއަށް ހުރކަންކަން ރައްޔިތުން އެދޭގޮތައް ކޮށްދޭން ބޭނުންވާތީ.. ރައީސް ވިދާޅުވިގޮތަށް،އެ މަގަށް ކަންކަން ރަނުން ރަނަށް ނިންމަވައިދެއްވާނެ. މީ ކުރިމަގު އޮތް ސަރުކާރެއް. ޝުކުރިއްޔާ ރައީސް މުޢިއްޒު. މިތިބީ މަނިކުފާނާ އެކު ވަރުގަދަ ކޮށް ފިސާރި ކެރިގެން.
0 1

ތެފައާސާ.

21 ޖުލައި 2025
@މާފަރު މީހާ އެހެން އެހެން. މާފަރު ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާހިތުން ހަަމަ ނުހުރެވިގެންނޭ އެ ވަޑައިގަތީ. ތެފައާސާ އަށް އޮޅުނީ އިނގޭތޯ!!!
0 0

ތެފައާސާ.

21 ޖުލައި 2025
[....ރައީސް ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި....] އަސްލު ރަނގަޅު ގޮތަކީ، "ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރައްޔިތުންގެ ބޮލަށް ޗިޕުޖެހޭތޯ ރައީސް ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން...". ނޫންތަ؟
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް