މާފަންނު ބަސް ސްޓޭޝަން ކައިރީ ރޭ ހިނގި އެކްސިޑެންޓަށް ފަހު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މިިދިޔަ މަހުގެ ނިޔަލަށް މިއަހަރު 1000އަށް ވުރެ ގިނަ އެކްސިޑެންޓު
މިދިޔަ މަހުގެ ނިޔަލަށް މިއަހަރުގެ މިހާތަނަށް 1101 މަގުމަތީ އެކްސިޑެންޓު މާލޭ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަހައްދުތަކުގައި ކޮންމެ މަހަކު ވެސް 100 އާއި 200އާ ދެމެދުގެ އަދަދަކަށް މަގުމަތީގެ އެކްސިޑެންޓުތައް ހިނގަ އެވެ.
އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މަހު 215 މަގުމަތީ އެކްސިޑެންޓު ހިނގާފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް އެންމެ މަދުން އެކްސިޑެންޓު ހިނގި މިދިޔަ ޖެނުއަރީ މަހު ވެސް 151 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ.
ރަފްސީލް - މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލޭ ސަރަހައްދުގައި މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާފައިވަނީ މާލޭގައި ދުވާލުގެ ވަގުތުތަކުގަ އެވެ. އެގޮތުން:
-
ރޭގަނޑު 356 އެކްސިޑެންޓު؛ %32
-
ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވަނީ 745 ނުވަތަ %68 އެކްސިޑެންޓް
-
61% އެކްސިޑެންޓުތަކަކީ ނުރައްކާތެރި އެކްސިޑެންޓުތައް؛ މި އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތައް ވެފައިވޭ
-
މި އެކްސިޑެންޓުތަކުގައި މީހުންނަށް އަނިޔާވާ މިންވަރު އުޅެނީ 121 ނުވަތަ %10ގައި
-
އެކްސިޑެންޓުތަކުގައި އުޅަނދަށް ގެއްލުންވާ މިންވަރު އުޅެނީ 1107 ނުވަތަ %90ގައި
މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިންގާފައިވާ އެކްސިޑެންޓްތައް ކަމަށް ފުލުހުން ބުންޏެވެ.
"އަޅުގަނޑުމެން އެންމެން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ މަގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަމާ ހިންގަވާ،" އެ ތަފާސްހިސާބުތަކާ އެކު ފުލުހުން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވެ އެވެ.
ގުޅުންހުރި - މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށާއި މަގުމައްޗަށް ދުވަން ނުކުމެ އުޅުނު 40 އަހަރުގެ ފިރިހެނަކަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިގެން ދަނީ ފަރުވާދެމުންނެވެ.