އެކްސިޑެންޓު ހިނގި މާފަންނު ބަސް ސްޓޭޝަން ކައިރީ ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި؛ 16 އަހަރުގެ ކުއްޖާ ވޯޑުގައި

ރޭގެ އެކްސިޑެންޓްގައި މަރުވި ކުއްޖާގެ އިތުރުން އަނިޔާވެފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށް؛ އޭގެ ތެރެއިން މަރުވި 17 އަހަރުގެ ކުއްޖާ އާއި އަނިޔާވި 16 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެ ކުދިން

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އިރު އެ އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުޑަކުއްޖާއަށް ފަރުވާ ދެނީ ވޯޑުގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ރޭ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.  

އޭގެ ތެރެއިން މަރުވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން އެވެ. އަނިޔާވީ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އާއި ދުވަން ނުކުމެ އުޅެމުން މަގު ހުރަސްކުރަން ދިޔަ 40 އަހަރުގެ މީހާ އެވެ.

ތަފްސީލް - އައިޖީއެމްއެޗުން ބުނި ގޮތުގައި:

  • 40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން

  • 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ ވޯޑުގައި

  • ހާލު ސީރިއަސް؛ އިތުރު ތަފްސީލެއް ނެތް

ފާހަގަކޮށްލެވޭ - އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.  

އެނގުން މުހިންމު - މަންޒަރު ދުށް މީހަކާ ހަވާލާދީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި 'ދައުރު'ގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންްޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެ، އެ ވަގުތު މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ދަށުވީ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.


ކޮމެންޓް (1)

ހައްވަ

14 ޖުލައި 2025
އެނގުން މުހިންމު. އެކްސިޑެންޓުވީ ކޮބައިކަން. ހަމައެކަނި އެގެނީ ތޭރަވާގެ ދަރިފުޅު. އެހެން މީހުންނަކީ ކޮންބައެއް؟
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް