މާފަންނު ބަސް ސްޓޭޝަން ކައިރީ ހިނގި އެކްސިޑެންޓު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ؛ 2 މީހުން ސީރިއަސް
މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލުގައި ތިބި އުމުރުން 18 އަހަރު ނުވާ ދެ ދިވެހި ފިރިހެން ކުދިންގެ ތެރެއިން 17 އަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާފަންނު ބަސް ސްޓޭޝަން ކުރިމަތިން މިރޭ އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
ތަފްސީލް - އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި އެވެ. މަރުވީ އޭގެ ތެރެއިން އެކެކެވެ.
ބާކީ ތިބި ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އެ ދެ މީހުންގެ ވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި:
-
މަރުވި ކުއްޖާގެ އިތުރުން އަނިޔާވެފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށް
-
އޭގެ ތެރެއިން މަރުވި 17 އަހަރުގެ ކުއްޖާ އާއި އަނިޔާވި 16 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެ ކުދިން
ފާހަގަކޮށްލެވޭ - މަންޒަރު ދުށް މީހަކާ ހަވާލާދީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި 'ދައުރު'ގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންްޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެ، އެ ވަގުތު މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ދަށުވީ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.
'ދައުރު'އަށް ލިބިފައިވާ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓުގައި ދެ މީހެއްގެ ބޯ ވަރަށް ބޮޑަށް ފެޅިފައިވާ ތަނެވެ. އޭގެ ތެރެއިން އެކެއްގެ ބޮލުގެ ފުށްކިބަ ވަރަށް ބޮޑަށް ގޭނި، ވަރަށް ގިނައިން ލޭ ފައިބައިފައި ހުއްޓެވެ.