26 މެއި 2025: މާފަންނު ސަހަރާގައިވާ މަހާނަތައް ނަގާ އެތަން އެއްކޮށް ސާފު ކޮއްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަހަރާތައް ކޮނުނު ފަހުން އިތުރު ފަތުވާއެއް ނެރެފި، ބުނީ އެތަން ހިތްފަސޭހަ މައިޒާނަކަށް ނުހެދޭނެ ކަމަށް

މިކަމާ ގުޅޭގޮތުން މީގެ ކުރިން ވެސް ވަނީ ފަތުވާއެއް ނެރެފައި. އޭގައި ބުނީ، އިސްލާމީ ގައުމުތަކުގައި ގަބުރުސްތާނުތައް އާއްމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރާކަމަށް

މާފަންނު ސަހަރާކޮނެ، އެތަން ޕާކިން ޒޯނަކަށާއި ހިތްފަސޭހަ މައިޒާނަކަށް ހެދުމުގެ މަސައްކަތް ފެށި ފަހުން، އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ އިސްލާމީ ފަތުވާ ދޭ އެންމެ މަޖިލީހުން މިއަދު އާ ފަތުވާއެއް ނެރެފި އެވެ. އެކަމަކު ސަރުކާރުން ކުރިން ބުނިގޮތުގައި، އެ މަސައްކަތް ފުރަތަމަ ފެށީ ވެސް މަޖިލީހުން ހުއްދަ ދީފައި އޮތުމުންނެވެ.

ވީ ކިހިނެއް؟ - ފަތުވާ މަޖިލީހުން މިއަދު އާ ފަތުވާ ނެރުނު އިރު، 2022 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ، ސަހަރާ ކޮންނަން ފެށީ، އެކަމާ ގުޅޭގޮތުން ކުރިން ނެރުނު ފަތުވާ ތަކެއްގައި އެއީ ހުއްދަކަމެއް ކަމަށް ބުނުމުންނެވެ. އޭގެ ފަހުން، ސަހަރާކޮނެ، ގަބުރުތައް ނަގައި އެތަން މިހާރު ވަނީ ޕާކިން ޒޯނަކަށް ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފަ އެވެ.

ތަފްސީލް - ފަތުވާ މަޖިލީހުން މިއަދު ބުނިގޮތުގައި:

  • ގަބުރުސްތާނުކޮނެ، ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރުމަކީ މައްޔިތާގެ ހުރުމަތެއް ކެނޑޭނެ ކަމެއް ކަމަށް

  • އެކަމާ ގުޅޭގޮތުން ވާރިދުވެފައިވާ ހަދީސްތައް ފަތުވާގައި ވަނީ ހިމަނާފައި

  • އޭގައި ބުނެފައިވާ ގޮތުގައި، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ގަބުރުތައް ނެގުން ހުއްދައެއް ނުވާނެ

ކުރީގެ ފަތުވާގައި އޮތީ ކީކޭ؟

ފަތުވާ މަޖިލީހުން 2017 ވަނަ އަހަރު، އެ މައްސަލައާ ގުޅޭ ގޮތުން ފަތުވާއެއް ނެރުނީ، ދިގު މުއްދަތަކަށް މީހުން ވަޅުނުލައި އިންދިރާސްވެފައިވާ ގަބުރުސްތާނެއް އާއްމު މަސްލަހަތު ހިމެނޭ ކަމެއްގައި ބޭނުން ކުރެވިދާނެތޯ ސުވާލުކޮށް، ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭ ގޮތުންނެވެ.

އިސްލާމިކް މިިނިސްޓްރީ އާއި އެހެން ފަރާތްތައް ހިމެނޭ ގޮތަށް އެ މައްސަލަ ހުށަހަޅާފައި ވަނީ، އެފަދަ ގަބުރުސްތާނުތައް މާލެ އާއި ރަށްރަށުގައި ހުރި އިރު، އެ ގަބުރުސްތާނުތައް އިހުތިރާމާއެކު ކޮނެ، ސާފުކޮށް އަދި މިނިކަށި ހުރި ނަމަ އެ ކަށިތައް ނަގައި އިހްތިރާމާ އެކު އެހެން ތަނެއްގައި ވަޅުލުމަށް ފަހު ހުސްކުރި ބިން ބޭނުން ކުރެވިދާނެތޯ އެވެ.

އާއްމު މަސްލަހަތު ހިމެނޭ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެ ބިމުގައި ސްކޫލެއް، ހޮސްޕިޓަލެއް، މަގެއް ނޫނީ ކާރު ޕާކު ކުރާ ފަދަ ތަނެއް އެޅުމެވެ.

އޭގެ ޖަވާބުގައި، ފަތުވާ މަޖިލީހުގެ ފަސް މެމްބަރުން ސޮއިކުރައްވައި ވިދާޅުވެފައި ވަނީ:

  • މާލެ އާއި ރަށްރަށުގައި އިންދިރާސްވެފައި ހުރި ވަރަށް ގިނަ ގަބުރުސްތާނުތައް ނޫނީ އެ ތަނުން ބައެއް، އާއްމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރެވިފައި ވާކަން

  • އިސްލާމީ ގައުމުތަކުގައި އެ ފަދަ ގަބުރުސްތާނުތައް އާއްމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރާކަން؛ ހާއްސަކޮށް ޒަރޫރީ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ބޭނުން ކުރާކަން

  • އޭގެ ތެރޭގައި މިސްކިތް، ސްކޫލު ނުވަތަ ހޮސްޕިޓަލް އެޅުން؛ ނޫނީ މަގު ހެދުމާއި ފާލަމެއް އެޅުން ފަދަ ކަންކަން ހިމެނޭ

  • މިއީ ސައުދީ އަރަބިއްޔާ އާއި އުރުދުން ފަދަ ގައުމުތަކުގައި ވެސް ކަންކުރާ ގޮތް

"އަދި އަލްއިމާމުއްނަވަވީ އާއި އެފަދަ ބޮޑެތި ގިނަ އިލްމުވެރިން، އިންދިރާސްވެފައިވާ ގަބުރުސްތާނުތަކުގެ ބޭނުން އާއްމު މަސްލަހަތު ހުރި ހެޔޮ ކަންކަމުގައި، އިސްވެ ދިޔަ ޝަރުތުތަކާ އެކު ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވެފައިވޭ،" ފަތުވާގައި ބުނެފައިވެ އެވެ.


ކޮމެންޓް (1)

ދެކަނި

11 ޖުލައި 2025
އެންމެފަހުން ފަތުވާތައްވެސް ދެއިރު ދެދަޅައަށް ބަދަލުވާން ފެށީއެވެ. މިވެސް ރައީސްގެ ހާއްސަ އިސްނެންގެވުމާ އިރުސާދާއެކު ކުރާކަމެއްތޯ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް