ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަ ދައްކަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ ޓެކްސް ފައިސާ ދަނީ ހަމަޖައްސައިދެމުން: މިނިސްޓްރީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލާޝިޕްތަކުގައި ތިބި ދަރިވަރުންނަށް ޓެކްސްގެ ފައިސާ މިހާރު ފޮނުވަމުންދާ ކަމަށާއި އެ މިނިސްޓްރީގެ ލޯންގައި ކިޔަވާ ދަރިވަރުންނަށް ވެސް އެ ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުންދާ ކަމަށް

މެލޭޝިއާގައި ތައުލީމު ހާސިލް ކުރާ ބޭރު ދަރިވަރުންގެ އަތުން އެ ގައުމުން އަލަށް ނަގަން ފެށި ޓެކުހަށްވާ ފައިސާ ދިވެހި ދަރިވަރުންނަށް ހަމަޖައްސައިދެމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މެލޭޝިއާގައި މި މަހު އަމަލު ކުރަން ފެށި ސޭލްސް އެންޑް ސާވިސް ޓެކްސް އިސްލާހުގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނަގާނެ އެވެ.

ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރާ ދިވެހި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާ އެއް ގައުމަކީ މެލޭޝިއާ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ލޯނާއި ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނާއި އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.

ތަފްސީލް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި އަދި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ. އެގޮތުން މެލޭޝިއާގައި އަހަރަކު 60،000 ރިންގިޓަށް ވުރެ ބޮޑު (218,496 ރުފިޔާ) ކޯސް ފީއެއް ދައްކަން ޖެހޭ ދަރިވަރުންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސްއަށްވާ ފައިސާ ވެސް ހަމަޖައްސައިދެމުންދާ ކަމަށް ބުންޏެވެ.

އެ މިނިސްޓްރީން ބުނީ:

  • ސްކޮލާޝިޕްގައި ތިބި ދިވެހިންގެ އިންވޮއިސްގައި ހިމަނައިގެން ލިބުމުން އެ ފައިސާ ދޫކުރަމުންދާ ކަމަށް

  • ހަޔާ އެޑިއުކޭޝަންގެ ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ ދިވެހިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މަސައްކަތް ކުރަމުންދާ ކަމަށް

އެނގުން މުހިންމު - މެލޭޝިއާ ސަރުކާރުން ނިންމާފައިވަނީ:

  • އެ ގައުމުގައި ކިޔަވައިދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ތެރެއިން އަހަރަކު 60،000 ރިންގިޓުން ފެށިގެން މަތިން ދަރިވަރުން އަތުން ފީ ނަގާ އިދާރާތަކުން ސޭލްސް އެންޑް ސާވިސް ޓެކުހަށް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް 

  • އެ ތަންތަނުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ދައްކާ ފީން %6ގެ ޓެކުހެއް ނެގުމަށް

މިއީ މެލޭޝިއާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭ ހިމެނޭ ކަމެއް ކަމަށް މިދިޔަ މަހު އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް (2)

ޢަޒޫ

9 ޖުލައި 2025
މަނިކުފާނު ބައްލަވާ! އެއީ ބޮޑެތި މީހުންގެ ދަރިން އެކަންޏެއް ނޫންތޯ؟ ލިބުނު ނިކަމެތި އެއްވެސް ކުއްޖެއް ނުވަތަ އާއިލާއެއް ބުނެދީބަލަ! އާސަންދަ ނުލިބެނީ، އެކަމަކު މުއްސަދިން ދޯ މެލޭޝިއާއަށް ރާއްޖޭން ކިޔެވެން އޮއްވާ އެ ދަނީ! ރާއްޖޭން ކުރެވޭ ފަރުވާއަށް އާސަންދަ ނުލިބޭ އުސޫލުން ރާއްޖޭން ކިޔެވޭ ފެންވަރު ހުރި ކޯސްތަކަށް ޓެކްސް ދޭން ޖެހޭތޯ؟ ތީ ޔޫރަޕް ބޭސް ލިބޭ ވާހަކަ މުއިޒް ބުނިހެން، ސިޔާސީ މީހުންގެ ދަރިންނަށް ތިވެސް ލިބެނީ.
0 0

ޡުލޭ

10 ޖުލައި 2025
@ޢަޒޫ މިއަދު މަނިކުފާނު ބުނީ ލޯނު ތެރެއަށް އެބައް ވައްދާ ކުދިންނަށް އޮޅުވާލީތާ! މިއޮތީވާ ސަރުކާރެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް