ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަލީ ހައިދަރު. (ފޮޓޯ/ރައީސް އޮފީސް)

މަތީ ތައުލީމު

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން ޓެކުހުގެ ބުރަ އުފުލާކަށް ނުޖެހޭނެ: ހައިދަރު

މެލޭޝިއާގައި ތައުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނަގަން ވަނީ ނިންމާފައި

މެލޭޝިއާގައި ތައުލީމު ހާސިލް ކުރާ ބޭރު ދަރިވަރުން ދައްކާ ފީން %6ގެ ޓެކުހެއް ނަގަން އެ ގައުމުގެ ސަރުކާރުން ނިންމި ނަމަވެސް އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުން އޭގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މެލޭޝިއާގައި އަންނަ މަހުގެ 1 ވަނަ ދުވަހު އަމަލު ކުރަން ފަށާ ސޭލްސް އެންޑް ސާވިސް ޓެކްސް އިސްލާހުގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނަގާނެ އެވެ.

ތަފްސީލް - ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރާ ދިވެހި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވާ އެއް ގައުމަކީ މެލޭޝިއާ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ލޯނު އަދި ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނާއި އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.

މެލޭޝިއާ ސަރުކާރުގެ މި ނިންމުމާ ގުޅޭ ގޮތުން، މިނިސްޓަރު މިއަދު 'ދައުރު'އަށް ވިދާޅުވީ މެލޭޝިއާގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން ޓެކުހެއް ނަގަން ނިންމި ނިންމުމާ ގުޅޭ މައުލޫމާތު އެ ގައުމުގެ އިދާރާތަކާ ގުޅިގެން ސާފު ކުރަމުން އަންނަ ކަމަށެވެ.

"ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މެލޭޝިއާ ސަރުކާރާ މަޝްވަރާ ކުރާނަން ދިވެހި ދަރިވަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް. އެއީ ދިވެހި ދަރިވަރުންގެ އަތުން ޓެކްސް ނުނެގުމަށް ނޫނީ ކުޑަ ރޭޓެއް ހަމަޖެއްސުމަށް،" ހައިދަރު ވިދާޅުވި އެވެ.

ދިވެހި ދަރިވަރުންނަށް ބުރަ އުފުލަން ނުޖެހޭ ގޮތަށް ސަރުކާރުން ކަންތައްތައް ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބިއްޖެ ނަމަ، ސަރުކާރުން ދަރިވަރުންނަށް އެ ފައިސާ ހަމަޖައްސައިދޭނެ. ދިވެހި ދަރިވަރުންނަށް މި ނިންމުމުގެ އަސަރު ނުކުރާނެ ގޮތަށް ދިވެހި ސަރުކާރުން ކަންތައް ހަމަޖައްސައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - މެލޭޝިއާ ސަރުކާރުން ނިންމާފައިވަނީ:

  • އެ ގައުމުގައި ކިޔަވައިދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ތެރެއިން އަހަރަކު 60،000 ރިންގިޓު (218,496ރ.) އިން ފެށިގެން މަތިން ދަރިވަރުން އަތުން ފީ ނަގާ އިދާރާތަކުން ސޭލްސް އެންޑް ސާވިސް ޓެކުހަށް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް 

  • އެ ތަންތަނުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ދައްކާ ފީން %6ގެ ޓެކުހެއް ނެގުމަށް

މިއީ މެލޭޝިއާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭ ހިމެނޭ ކަމެއް ކަމަށް މި މަހުގެ 9 ވަނަ ދުވަހު އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް (1)

މެލޭސިއާ

28 ޖޫން 2025
"ބިދޭސީ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނަގަން"... މީ އަދި ނުބައިކޮށް ތި ލިޔެވެނީ. ބިދޭސީ ދަރިވަރުންނަށް ދޭ ހިދުމަތުން ފީނަގަނީ. މިއީ ކިޔަވައިދޭ ތަނުގެ ޒިންމާއެއް. އެ ޓެކްސް އެ ތަނަކުން ދަރިވަރުންގެ އަތުން ނެގުމާ އަމިއްލަ އަށް ހަރަދު ޒިންމާވުމަކީ އެމީހުންގެ ކަމެއް. ގާނޫނުގަ ބުނަނީ ދަރިވަރުންގެ އަތުން ނަގާ ވާހަކައެއް ނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް