ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދު

އެމްއެންޑީއެފް

ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގަން ގޮވާލައިފި

އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ ބިދޭސީއަކު ވަނީ ގެއްލިފައި؛ ކޮޅުވެއްޓީގައި ޖުމްލަ 6 މީހުން ދަތުރުކުރި

މިދިޔަ މަހުގެ25 ވަނަ ދުވަހު މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތާއިމެދު މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ -ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ ހިނގި އިރު އޭގައި 6 މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ތިން ބިދޭސިންނެވެ.

  • ތިން ބިދޭސިންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ބަޔެއް ކަމަށް އެ ދުވަހު އެމްއެންޑީއެފް އިން ބުނި

  • ތިން ދިވެހިންނަކީ ވެސް ސިފައިންގެ ތިން މީހުން

ތަފްސީލް - އެ ހާދިސާގައި ސިފައިންގެ ވޮރެންޓު އޮފިސަރު2 އަލީ ހާމިދު ވަނީ މަރުވެފަ އެވެ. އަދި ބިދޭސީއަކު ވަނީ ގެއްލިފަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ފަސްޖެހެމުންދާކަމަށް ބުނެ މޯޝާ އިން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ޖަމްއިއްޔާ އިން ބުނީ ގެއްލުނު ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު އާންމު ނުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ބިދޭސިން ނިސްބަތްވަނީ ބަންގްލަދޭޝް އަށް ކަމަށް މީގެ ކުރިން އެމްއެންޑީއެފް އިން ބުނި ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މޯޝާ އިން ބުނީ މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނުގައި ޔުނިފޯމްޑު މުޒާރާތައް އިސްތިސްނާވީ ކަމުގައިވިޔަސް، އާންމު މީހުން ހިމެނޭ މަސައްކަތުގެ މާހައުލުގެ ހާދިސާތައް ތަހުގީގުކޮށް ހާމަކުރުމަށް ގާނޫނު ލާޒިމް ކުރާ ކަމަށެވެ.

އެ ޖަމްއިއްޔާ އިން ވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގާ، ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަ ކުރުމަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން ކަމުގެ ކަންބޮޑުވުން ހުރި މިންވަރަށް ބަލާ، ކަމާ ގުޅުން ހުރި މުވައްސަސާތަކުން ލަސްނުކޮށް އަވަސް ފިޔަވަޅު އެޅުމަށް ވެސް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

މޯޝާ އިން ބުނީ އެފަދަ ހާދިސާތަކުގައި ފުރާނަ ގެއްލޭ އާންމުންގެ ހައްގުތައް ގެއްލިގެން ނުވާނެ ކަމަށެވެ. އެ ޖަމްއިއްޔާ އިން ވަނީ އެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށާއި އެޗްއާރުސީއެމްގެ އިތުރުން ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ މުވައްސަސާއަކަށް ގޮވާލައިފަ އެވެ.

ގުޅުން ހުރި -ދޫ ކަނޑަށް ބަންޑުން ޖަހާލި ކޮޅުވެއްޓި އެ ދަތުރުކުރުމަށް ކެޕްޓަނަށް ސިވެކް ކުންފުނީގެ ވެރިން ޕްރެޝަރުކުރި ކަމަށް ދެކެވޭ ވާހަކަ އެމްއެންޑީއެފުން ވަނީ ދޮގުކޮށްފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އޮންނަ އެމްއެންޑީއެފްގެ ޓެލެގްރާމް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެމްއެންޑީއެފް އިން ބުނީ:

  • ކޮޅުވެއްޓި ދިޔަވެގެން އަރިއަޅާލި ވަގުތު ކެޕްޓަނާއި، މި ހާދިސާގައި ނިޔާވި ސިފައިންގެ ވޮރަންޓް އޮފިސަރު އަލީ ހާމިދު ތިބީ ވީލްހައުސްގެ ތެރޭގައި

  • މި ހާދިސާގައި ގެެއްލިގެން ހޯދަމުންދާ ބަންގްލަދޭޝް މީހާ ހުރީ ލޭންޑިން ކްރާފްޓްގެ އިންޖީން ރޫމުގެ ތެރޭގައި ކަމަށްވޭ

  • އަލީ ހާމިދުގެ ހަށިގަނޑު ނެގީ ވެސް ލޭންޑިން ކްރާފްޓްގެ ވީލްހައުސްގެ ތެރެއިން

  • މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް؛ ކަން ހިނގައިދިޔަ ގޮތް ދަނީ އިތުރަށް ތަހުގީގުކުރަން


ކޮމެންޓް (1)

ހުސެން ސައީދު

8 ޖުލައި 2025
މި ގައުމުގަ އިންސާނާގެ ފުރާނައިގެ އަގެއް ނުހުރޭ، މަރުވީމަ މަރުވީ. ބަޔަކު އިހުމާލުން ވީ ކަމެއްތޯ ވެސް ބަލާނުލާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް