ރާއްޖޭގެ މަހުން ޗައިނާއިން އުފެއްދި މަސްދަޅު، ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް (ކ) ހަދިޔާކުރަނީ

މަސްވެރިން

ރާއްޖޭގެ މަސް ޗައިނާއިން ދަޅުގައި ބަންދުކުރުން އިދިކޮޅަށް ކަމަކު ނުދިޔަ

އަމްރު ވިދާޅުވި ގޮތުގައި ކަނޑު މަސް ބޭރުކޮށް، އެހެން ބަޔަކު އެއިން ބާވަތްތައް އުފައްދައި އެކްސްޕޯޓް ކުރަން ފުރުސަތު ދިނުމަކީ ލިބޭ ގެއްލުމެއް

ރާއްޖޭގައި ބާނާ ކަނޑުމަސް، ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވެފައިވާއިރު މިއީ ދިވެހިން އުފާވާން ޖެހޭ ކަމެއް ނޫން ކަމަށް އިދިކޮޅުގެ ބައެއް ފަރާތްތަކުން ބުނެފި އެވެ.

ވީ ކިހިނެއް؟- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވަނީ، ރާއްޖޭގެ ކަނޑުމަސް، ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުން ދަޅުގައި ބަންދުކޮށް، ބާޒާރަށް ނެރެން ތައްޔާރުވަމުންދާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ، ޗައިނާ އާއި ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ (ޓީއެފްޖީ)ގެ ތެރެއިން ކުރިއަށް އެޅުނު ފިޔަވަޅެކެވެ. އަދި މަސްވެރިކަމުގެ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ރަނގަޅު ކޮލިޓީގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށްރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓިޖިކް ޕްލޭނިންގެ ބައެއް ކަމަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިދިކޮޅުގެ ބައެއް ފަރާތްތަކުން ބުނިގޮތުގައި މިއީ ދިވެހިންނަށް ލިބުނު ކުރިއެރުމެއް ނޫނެވެ.

"އެފްޓީއޭގެ ދަށުން މި އެކްސްޕޯޓް ކުރަނީ ރޯ މަސް. ޗައިނާއިން އެ މަސް ދަޅުގައި ބަންދުކޮށް، ލޭބަލް ހަރުކޮށް ދުނިޔޭގެ ބާޒާރަށް ވިއްކަނީ އެވެ. ބަދަލުގައި މި ލިބެނީ، މިނިސްޓަރުގެ ހޫނު އަތްތިލަ ބަޑިއެކެވެ." އެމްޑީޕީގެ މެމްބަރު އަދި މިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި އެވެ.

އޭނާ ވަނީ މަސްވެރިކަމުގެ ހާލަތާ ގުޅޭގޮތުން އާއްމުކޮށް ނުދައްކާ ވާހަކަތައް އާއްމުކުރައްވާފަ އެވެ.

އަމްރު ވިދާޅުވި ގޮތުގައި:

  • މިފްކޯއަށް ރާއްޖޭން ބޭރުން އޯޑަރެއް ނުލިބޭތާ މިހާރު އެތައް މަހެއް ވެއްޖެ. އެތަނުން ހަމައެކަނި ނެރެނީ ލޯކަލް މާކެޓަށް ބޭނުންވާ ދަޅުމަސް

  • ސަރުކާރުން މަސް ގަންނަ އަގު ދަށްވުމުގެ ސަބަބުން އެތައް މަސްވެރިން ވަނީ ހާލުގައި ޖެހިފައި

  • މަސް ފެކްޓަރީތައް ހިންގަނީ ގެއްލުމުގައި

"ޗައިނާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ކުރިއެރުން ލިބެން ޖެހޭއިރު ފެންނަނީ އިތުރަށް ދަށްވަމުންދާ ތަން،" އަމްރު ވިދާޅުވި އެވެ.

"ވެލިއު އެޑެޑް އެކްސްޕޯޓެއް ނެތް. ސްޓްރެޓެޖީއެއް ނެތް. އުއްމީދެއް ތަސައްވުރެއް ނެތް."

އޭނާ ވިދާޅުވީ ރާއްޖޭން ބޭރު ކުރާ ތަކެތީގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ މިއީ، ދިވެހިންނަށް ލިބޭ ގެއްލުމަކަށް ވެފައި ބޭރު މީހުންނަށް ލިބޭ ފައިދާއެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތަކެތި އުފެއްދުމާއި އޭގެ އަގުމަތި ކުރުމަށް ހިތްވަރު ދޭން ޖެހެ އެވެ. ހަމައެކަނި ރޯ ކަނޑުމަސް އެކްސްޕޯޓްކޮށް، އެހެން މީހުން އެއިން ބާވަތްތައް އުފައްދަން ފުރުސަތު ދޭ ނަމަ، ރާއްޖެ އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަސަން

5 ޖުލައި 2025
އެއީ މަސްވެރިންނަށް މޮޅު ނުވާތީ. ދެން ކޮން އިދިކޮޅެއްތަ. އެއީ ދިވެހިންނެއް ނޫންތަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް