އިޖްތިމާއީ ކޮމިޓީގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާސަންދަ

އެންޑޯމެޓްރިއޯސިސް ފަރުވާއަށް މި އަހަރުގެ މިހާތަނަށް 1 މިލިއަން ރުފިޔާގެ އެހީ ދީފައިވާނެ: ހީނާ

އާސަންދައިގެ ދަށުން ފަރުވާ ހޯދަންދާ ހޮސްޕިޓަލުތަކުގައި އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ޑޮކްޓަރުން ނުތިބޭތީ އޮތް ކަންބޮޑުވުންތަކާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި ގައިނީ ޓީމުން ބުނީ އެންޑޯމެޓްރިއޯސިސްގެ ސްޕެޝިއާލަޓީއަކީ އޮންނަ އެއްޗެއް ނޫން ކަމަށް

އެންޑޯމެޓްރިއޯސިސް ފަރުވާއަށް މި އަހަރުގެ މިހާތަނަށް، 14 މީހަކަށް 1 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހީނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ބައެއް މެމްބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބުދެއްވަމުންނެވެ. އެންޑޯމެޓްރިއޯސިސް ފަރުވާއަށް ބޭނުންވާ މީހުން ރާއްޖޭގައި ގިނައިރު އަދި އެކަމަށް ދާ ހަރަދު  ބޮޑުއިރު  އެކަމަށް އާސަންދައިން ފޯރުކޮށްދޭ އެހީގެ އަދަދު ކުޑަކަމުގެ ޝަކުވާ ބައެއް މީހުން ކުރާތީ އެކަމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި  މެމްބަރުން ސުވާލުކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އާސަންދަ، އެންސްޕާ، އަދި މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލުގެ ބޭފުޅުން ބައިވެރިވި(ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - ހީނާ ވިދާޅުވީ އެންޑޯމެޓްރިއޯސިސްއަށް ފަރުވާ ހޯދުމަށް ހުރި ދަތިތައް ފާހަގަކުރެވިގެން އެކަމަށް ހައްލު ހޯދައިދިނުމަށް މިދިޔަ އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސައިދޭ ކަމަށެވެ. އަދި މެޑިކަލް ވެލްފެއާގެ ތެރެއިން ވެސް އެ ބަލީގެ އެކިއެކި ފަރުވާތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް 14 ފަރާތަކަށް 1 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ހާއްސަކޮށް މި ފަރުވާގެ އެކިއެކި ކަންކަމަށް މިހާރު ވެސް ހޭދަކުރެވިފައި އެބަހުރި،" ހީނާ ވިދާޅުވި އެވެ.

މިއަދު މެމްބަރުން ވަނީ އެ ބަލި ތަހަންމަލުކުރާ ބައެއް މީހުންގެ ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެގޮތުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަކީ:

  • ސާޖަރީ ހެދުމަށް އެހީއަށް އެދި ހުށަހެޅުމުން އެންސްޕާއިން އެކަމަށް ދޭ އެހީގެ އަދަދަކީ 4500 - 5000 ޑޮލަރުގެ އަދަދެއް ކަމަށް 

  • އެއީ އެންޑޯމެޓްރިއޯސިސްގެ ފަރުވާގެ ތެރޭގައި ހިމެނޭ ސާޖަރީގެ ދެބައިކުޅަ އެއްބައިގެ ހަރަދު ވެސް ހަަމަނުވާވަރުގެ އަދަދެއް ކަމަށް

ޖަވާބުގައި ހީނާ ވިދާޅުވީ އެގޮތަށް ވަނީ އާސަންދަ ފޯރުކޮށްދެވޭ ހޮސްޕިޓަލުތަކުގެ ލިސްޓުގައި ނުހިމެނޭ ހޮސްޕިޓަލުތަކުން ފަރުވާ ހޯދަން އެދި ބައެއް މީހުން ހުށަހަޅާތީ ކަމަށެވެ. އެގޮތުން ވިދާޅުވީ:

  • އާސަންދަ ފޯރުކޮށްެދޭ ލިސްޓުގައި ނުހިމެނޭ ހޮސްޕިޓަލަކުން ފަރުވާ ހޯދަން ދާ ނަމަ އޫސުލުގެ ދަށުން ފޯރުކޮށްދޭނީ އާސަންދަ ފޯރުކޮށްދޭ ހޮސްޕިޓަލުގެ އެވަރެޖް އަދަދު

  • އެބޭފުޅެއްގެ އަމިއްލަ އިހުތިޔާރުގައި އާސަންދަ ނުލިބޭ ހޮސްޕިޓަލުތަކަށް ވަޑައިގަންނަވަނީ

  • އޭގެ ތެރޭގައި ވަރަށް އަގުބޮޑެތި ހޮސްޕިޓަލުތައް ވެސް ހިމެނޭ

  • އެގޮތުން ދުބާއީ، މިސުރު، ތުރުކީ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުގެ ހޮސްޕިޓަލުތައް ހިމެނޭ

"މި މައްސަލައިގެ މުހިންމުކަން އެނގޭތީ އަޅުގަނޑުމެން ހަމަ އެބަ މަސައްކަތް ކުރަން ހަމަ އާސަންދައިގެ ދަށުން ހިދުމަތް ދޭ ހޮސްޕިޓަލެއް ކަނޑައަޅަން ހަމަ ވިތު ސްޓޭންޑު މަލްޓި ސްޕެޝިއާލަޓީ ސެޓަޕާ އެކު. އުންމީދަކީ ވަރަށް އަވަހަށް އެކަން ހަމަޖެހުން،" އެންސްޕާގެ އެމްޑީ އާމިނަތު ޒީނިޔާ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓުންނަކީ ތިބޭ ބައެއް ނޫން

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި މިހާރު ވަނީ ގާއިމުކޮށްފަ އެވެ. މި ކްލިނިކުން ހަފްތާއަކު އެއްފަހަރު މި ބަލީގެ ބަލިމީހުން ބަލަ އެވެ.

އެކަމަކު، މި ކްލިނިކުގައި އެ ބައްޔަށް ހާއްސަ ސްޕެޝިއަލިސްޓުން ނުތިބޭ ކަމުގެ ޝަކުވާ ބައެއް މީހުން ކުރާތީ އެކަމާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ސުވާލުކުރެއްވި އެވެ. އަދި އާސަންދައިގެ ދަށުން އެ ބައްޔަށް ފަރުވާ ހޯދަން ފޮނުވާ ހޮސްޕިޓަލުތަކަކީ ވެސް އެކަމަށް ހާއްސަ  ޑޮކްޓަރުން ތިބޭ ތަންތަނަށް ނުވާތީ އެކަމަށް ކުރާ ހަރަދު ބޭކާރުވާކަމުގެ ޝަކުވާ ވެސް ކުރާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އިޖްތިމާއީ ކޮމިޓީގައި ޑރ. ޒޭބާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖަވާބުގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒޭބާ އަހުމަދު ވިދާޅުވީ އެންޑޯމެޓްރިއޯސިސްގެ ސްޕެޝިއާލަޓީއަކީ  އޮންނަ އެއްޗެއް ނޫން ކަމަށާއި، އެކަމަށް ހާއްސަ އެއްވެސް ތަމްރީނެއް ހޯދެން ވެސް ނުހުންނަ ކަމަށެވެ.

"އާސަންދައިން ފޮނުވާ ހޮސްޕިޓަލުތަކުގައި ވެސް އެފަދަ ސްޕެޝަލިސްޓުންނެއް ނުތިބޭ. އޭގެ މާނައަކީ މިކިޔާ ސްޕެޝަލިސްޓުންނެއް ނުތިބެއޭ އެންޑޯމެޓްރިއޯސިސް އަކަށް،" ޒައިބާ ވިދާޅުވި އެވެ.

އެކަމަކު އެކަން ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮންނާތީ، އެންޑޯމެޓްރިއޯސިސްގެ ސްޕެޝިއަލިސްޓުންގެ ގޮތުގައި ބައްލަވާ  ޑޮކްޓަރުންނަކީ ކޮން ބައެއްކަން މި ބައްދަލުވުމުގައި ޒައިބާ ސާފުކޮށްދެއްވި އެވެ. 

އެގޮތުން ވިދާޅުވީ:

  • އެގޮތަށް ބައްލަވާ ބައެއް  ޑޮކްޓަރުންނަކީ އަމިއްލަ ޝައުގުގައި އެފަދަ ބަލި މީހުން ބައްލަވައި ތަޖުރިބާ ހޯއްދަވާ ބޭފުޅުން

  • އަމިއްލަ ޝައުގުގައި އެކަމަށް ހާއްސަވެގެން އެކަން ކުރާ ބައެެއް ޑޮކްޓަރުން ހިމެނޭ ކްލިނިކްތައް އިންޑިއާގައި ވެސް ހުރޭ

  • މި ކްލިނިކްތައް ހިންގަނީ އެކަމަށް އަމިއްލައަށް ހާއްސަވެ، އެފަދަ ބަލި މީހުން ބަލަމުން ގޮސް ގިނަ ދުވަސްތަކެއްގެ ތަޖުރިބާއިން އެކަމުގެ ހުނަރު ލިބި ތިބި ޑޮކްޓަރުން

  • އެހެންކަމުން ބޭރު ގައުމަކުން އެކަމަށް ހާއްސަ ޑޮކްޓަރެއް ގެންނަން މަސައްކަތްކުރިޔަސް އެއީ ވާނެ ކަމެއް ނޫން

"މިއީކީ ސެޓިފިކޭޝަނަކާ އެކު ތަމްރީނެއް ލިބި ތިބި ބައެއް ނޫނޭ. ހަމަ ގައިނަކޮލަޖިސްޓުންގެ ޓީމޭ މި ބަލަނީ. ދެން އަޅުގަނޑުމެންގެ ޓީމުގައި ވެސް އެބަ ތިބި އެކަމަށް ޝައުގުހުރި ބޭފުޅުން. އެކަމަކު އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ ވަކި ހަމައެކަނި މިކަމަށް ހުސްވެގެން ދާކަށް. އެބޭފުޅުންނަކީ ޖެނަރަލް ގައިނީއެއްގެ ގޮތުގައި ދަރިމައިވުމާ ގުޅޭ ހުރިހާ ކަންކަމެއް ބަލަމުން މިފަދަ [އެންޑޯމެޓްރިއޯސިސް]ގެ ކޭސްތައް ވެސް ބެލުން،" ޒައިބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންޑޯމެޓްރިއޯސިސް އަކީ ދެނެގަތުން އުނދަގޫ، ފަރުވާކުރަން ވެސް އުނދަގޫ ބައްޔެއް ކަމަށެވެ. އަދި އެކަމަށް ދާއިމީ ފަރުވާއެއް ނޯންނަ ކަމަށާއި، ހޯދާ ފަރުވާތަކުން ބަލި މެނޭޖުކުރެވެނީ ކަމަށެވެ.

ކޮމެންޓް (1)

ސިޔާ

3 ޖުލައި 2025
ދެކޮޅު ހަމަ ނުޖެހޭ ވާހަކަ ތި ދައްކަނީ އިނޭތޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް