11 ފެބްރުއަރީ 2024: އައިޖީއެމްއެޗް. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އައިޖީއެމްއެޗް

8 މަހުގެ ކުއްޖަކު މަރުވުން: އައިޖީއެމްއެޗުން ބުނީ ކުއްޖާގެ ހާލަތު ކޮންމެ ދުވަހަކު ޑޮކްޓަރު ބަލަމުންދިޔަ ކަމަށް

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގައި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެ ކަންކަން އިސްލާހު ކުރާ ކަމަށް

އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި 8 މަހުގެ ތުއްތު ކުއްޖާގެ ހާލަތު ޑޮކްޓަރު ކޮންމެ ދުވަހަކު ވެސް ބަލަމުންދިޔަ ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ކެއްސައި ހޮޑުލައި އާދަޔާހިލާފަށް ރޯތީ މި މަހުގެ 18 ވަނަ ދުވަހު އައިޖީއެމްއެޗުގެ އީއާރަށް ފަރުވާ ހޯދަން ގެންދިޔަ 8 މަހުގެ ތުއްތު ކުއްޖަކު ވަނީ މަރުވެފަ އެވެ.

އެ ކުއްޖާ މަރުވެފައިވަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެތަނުގެ އިހުމާލުން ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ. އާއިލާއިން ބުނާ ގޮތުގައި، އެ ކުއްޖާ އެތަނުގައި އެޑްމިޓުކުރުމަށް ފަހު، ކުއްޖާގެ ހާލަތު ބަލައިލާން ކުޑަކުދިންގެ ޑޮކްޓަރަކު އައީ ވެސް އާއިލާއިން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުންނެވެ.

ބުނީ ކީކޭ؟ - އެ މައްސަލައާ ގުޅިގެން ރޭ އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ، ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ވިޔަސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެެއްލުންވެދާނެ ފަދަ އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަ އުނދަގޫ ކަންކަން ކަމަށެވެ. އަދި މިފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރު ވެސް ދިމާވެދާނެ ކަމަށް އެ ތަނުން ބުންޏެވެ.

އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 8 މަހުގެ ތުއްތު ކުއްޖަކު މަރުވުމުން އެކަމާ ހިތާމަކުރާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތް ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން ބަލަމުންދިޔަކަން އެނގޭ ކަމަށެވެ.

އެގޮތުން، އެ ތަނުން ބުނީ:

  • ޑޮކްޓަރުންގެ ޓީމުން ދިޔައީ މޮނިޓާކޮށް، އެވަގުތު ދެވޭނެ ފަރުވާދީ، ގުޅުންހުރި ލޭގެ އަދި އެހެނިހެން ތަހުލީލުތައް ކުރެވި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން

  • އެ ޑިޕާޓުމަންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރާތްކޮށް، ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވާކަން ރެކޯޑުތަކުން ދައްކާ

އެ ބަޔާނުގައި ބުނީ ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަކީ އައިސީޔޫގައި ފަރުވާދޭންޖެހޭ ކަމަށް ޑޮކްޓަރު ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރުން ކަމަށެވެ. އައިސީޔޫގައި ޖާގަ ނެތްނަމަ އެހެން ހޮސްޕިޓަލަކަށް ޓްރާންސްފާ ކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖައިސައިދޭ ކަމަށް އެ ތަނުން ބުންޏެވެ.

މިފަދަ ކޮންމެ ހާދިސާއަކާ ގުޅިގެން ވެސް އެތެރޭގެ ތަހުގީގެއް ކުރެވި ހިދުމަތް އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ދެނެގަންނަ ކަމަށާއި މި މައްސަލަ  ވެސް ބަލަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މައްސަލަައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެކަންކަން އިސްލާހު ކުރާ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

30 ޖޫން 2025
އައިޖީއެމްއެޗްގެ އިހުމާލެއްގެ ތުހުމަތު އައިޖީއެމްއެޗްއިން ތަހުގީގުކޮށް އައިޖީއެމްއެޗްއިން އައިޖީއެމްއެޗްގެ އިހުމާލެއް ނެތްކަމަށް ނިންމުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބި އައިޖީއެމްއެޗްއާއިމެދު އޮތް އިތުބާރު އެތައްތަނަކުން އިތުރުވެއްޖެ. މަރުހަބާ އައިޖީއެމްއެޗް.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް