އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގައި ރައީސް މުއިއްޒު ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހިޖުރީ އާ އަހަރު

ރައީސްގެ ހިޖުރީ އާ އަހަރުގެ ތަހުނިޔާ: ގޮވާލެއްވީ އިސްލާމް ދީނުގެ ވާފަށުގައި ބާރަށް ހިފަހައްޓަން

ރަސޫލާގެ ސުންނަތުން ފެންނާން ކޮންމެ ކަމަކީވެސް ހުރިހާ ޒަމާނެއްގައި މުސްލިމުންނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށް ރައީސް ވިދާޅުވި

ދިވެހިންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށާއި ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅަކީ މި ޒަމާނަށް ވެސް އޮތް ފިލާވަޅެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ، މުޖްތަމައުގައިހުރި ކަންބޮޑުވުންތަކުގެ ހައްލާއި ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމަށެވެ.

ތަފްސީލް - މިއީ އިސްލާމީ އުއްމަތުން ކެތްތެރިވެ، މާތްﷲ ގެ ހަޒްރަތުން ވާގި އެދި، މުސްލިމުންގެ އެއްބައިވަންތަ ކަމަށް ދުއާ ކުރަން ޖެހިފައިވާ ވަގުތުކަމަށް ރައީސް ވިދާޅުވި އެވެ.

ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތަކުން މި ފަހުން ތައްމަލު ކުރިކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ދިވެހިންގެ އިހުލާސްތެރި ދުއާތައް މުސްލިމު އަހުންނާއި އުހުތުންނާއެކު ވާކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އަޅުގަނޑުމެން އެދޭހިނދު، އެ ސަރަހައްދުގެ މުސްލިމް ހުރިހާ ވަތަނަކަށްމެ، ސިލްމާއި ރައްކާތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ހަޒްރަތުގައި ދަންނަވަމެވެ،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސް ވަނީ ހިޖުރައިގެ ތާރީހީ ހާދިސާ އަށް އަލިއަޅުވާލައްވާ، އެ ހާދިސާ އިން ލިބިގަންނަންވީ އިބުރަތްތަކާއި ފިލާވަޅުތައް ވެސް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން ރަސޫލާ، އެކަލޭގެފާނުގެ އުފަން ބިން ދޫކުރައްވާ މަދީނާ އަށް ހިޖުރަ ކުރެއްވުމަށް ނިންމެވި ހިސާބުން، އެ ދަތުރުގެ ކޮންމެ ކަމަކުން ފެންނަނީ ފަރުދީ ގޮތުންނާއި ގައުމެއްގެ ނިސްބަތުގައި އަދި އުއްމަތުގެ ނަޒަރުން ބެލި ނަމަވެސް، ކާމިޔާބު ހާސިލް ކުރުމުގައި ހިފަހައްޓަންވީ ހަމަތައް ކަމަށް ވިދާޅުވި އެވެ.

އެގޮތުން:

  • ދަތުރުފުޅަށް ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެގޮތް ރޭއްވެވުމުން ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާއެކު ޕްލޭން ކުރުމުގެ މުހިންމުކަން ދޭހަވޭ

  •  ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމު ކަން އެ ހާދިސާ އިން ފާހަގަވޭ

  •  ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން ދޭހަވޭ

  • މުސްލިމުން އިތުރު ތަޖްރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރުހުރި، ގައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލު އެ ހާދިސާ އިން ފެނޭ

  • އެހެން އަގީދާތަކުގެ އަހުލުވެރީންނާއެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމު ކުރައްވާ، އެކި ފިކުރުތަކުގެ މީހުންނާއެކު ހަމަޖެހިގެން އަމާންކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކެވި

ރަސޫލާގެ ސުންނަތުން ފެންނާން ހުރި ކޮންމެ ކަމަކީވެސް ހުރިހާ ޒަމާނެއްގައި މުސްލިމުންނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް