20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން (ކ) - (ފޮޓޯ/ މަޖިލިސް)
މެންބަރު ސިނާންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ހުކުމަކާ އެއްގޮތަށް ދަރަންޏެއް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގަ އެވެ.
އޭރު އެ ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމް އެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން މާދަމާ މައްސަލަ ފެށުމަށް ތާވަލުކޮށް މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗު ވެސް ވަނީ އެކުލަވާލައިފަ އެވެ. އެ ގޮތުން:
-
މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން
-
ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން
ބެންޗުގައި ދެން ތިއްބަވާނެ ފަނޑިޔާރުންނަކީ:
-
އަލީ ރަޝީދު ހުސައިން
-
ޑރ. މުހައްމަދު އިބްރާހީމް
-
ހުސައިން ޝަހީދު
-
މުހައްމަދު ސަލީމް
ގާލިބު ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިތަދޫ ކޯޓުން ހުކުމްކޮށްފައިވާ ގޮތަށް ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް ފައިސާ ދައްކަމުން ނުދެ އެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި ހަވާލާދީފައި އެވެ. އެ މާއްދާގައި ބުނަނީ:
-
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް
"އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު، ހުޅުދޫއާގެ/އައްޑޫ ހިތަދޫ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެކެވެ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ - މައްސަލަ ހުށަހެޅި ދުވަހު، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސިނާން ވަނީ 'ގަނޑުކޮށް އެއްފަހަރާ' ދަރަނި ދައްކައި ނިންމައިފަ އެވެ.
ހުކުމާ އެއް ގޮތަށް ފައިސާ ނުދައްކައިފި ނަމަ އެ ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ މުދާ ނެގުމުގެ ބާރު އެމްއައިބީއަށް ލިބިގެންވާ ކަމަށް ވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވެ އެވެ.
ރަހުނުގެ ގޮތުގައި ސިނާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ރޯދި' ނަމަކަށް ކިޔުނު ދޯނި، އަދި ގޯއްޗަކާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ހިމަނައި، ރަހުނުގެ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފައިވެ އެވެ.
ކޮމެންޓް (2)
އަލިފު.
ލަގޮޑި