ނަޝީދު (މ) އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ އަރިހުގައި ޕާޓީގެ ރައީސް ޝާހިދު (ކ2) އަދި ޗެއާޕާސަން ފައްޔާޒު އިސްމާއީލް (ފޮޓޯ/ އެމްޑީޕީ)

އަބްދުﷲ ޝާހިދު

މިރޭ މި އަތުގުޅާލީ 'ސްކޭމް ސަރުކާރު' ޒިންމާދާރު ކުރަން: ޝާހިދު

އެމްޑީޕީ ތެރޭގައި ހުރި "އެހެން ކަންކަން އެއްކިބާކޮށްފައި" މިވަގުތު އަމާޒު ހިފަންވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކަމަށް ޝާހިދު ވިދާޅުވި

މިހާރު މި އޮތް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ "ސްކޭމް ސަރުކާރެއް" ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު މިރޭ މި އަތުގުޅާލީ މި ސަރުކާރު ޒިންމާދާރު ކުރުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯލިހްގެ ފަސް އަހަރުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު މިގޮތަށް ވިދާޅުވީ، ނަޝީދު އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކްގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަޅުގަނޑުމެން [އެމްޑީޕީ] ތެރޭގައި ހުރި އެހެން ކަންތައްތައް އެއްކިބާކޮށްފައި ލޯކަލް ކައުންސިލް އިންތިހާބަށް ފޯކަސް ކުރަން ޖެހޭނީ. އަޅުގަނޑުމެން މިއަދު ނުކުންނަންވީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިހާބުގައި މި ސްކޭމް ސަރުކާރަށް ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނާ ތަން ދައްކަން.

އަބްދުﷲ ޝާހިދު / އެމްޑީޕީގެ ރައީސް

ތަފްސީލު - ޕޯޑިއަމްއަށް އަރާވަޑައިގެން ވާހަކަ ފައްޓަވަމުން ޝާހިދު ފުރަތަމަ ވެސް ވިދާޅުވީ، "ރައީސް މުހައްމަދު ނަޝީދަށް ހިފެހެއްޓުމެއް ނެތި ވަރަށް ހޫނު މަރުހަބާއެއް" ދަންނަވާ ކަމަށެވެ. އަދި ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ފެނިގެންދަނީ "ޕާޓީގެ ސަފުތައް އަލުން ބަދަހިވެ، ރުކުރުވާލައިގެންދާ ތަން" ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ ގެއަށް އަލުން މަރުހަބާ ދަންނަވަން. ތިޔަ ބޭފުޅުންގެ ޕާޓީއަށް އަލުން މަރުހަބާ ދަންނަވަން. ވެލްކަމް ބެކް ހޯމް،" ނަޝީދާ އެކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނަށް މަރުހަބާ ދަންނަވަމުން ޝާހިދު ވިދާޅުވި އެވެ.

"މިއީ ތިޔަ ބޭފުޅުން ތިއްބަވަންވީ ތަން. މިއީ ތިޔަ ބޭފުޅުންނާ އެކު އަތުގުޅާލައިގެން، މިއަދުގެ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ޕްލެޓްފޯމް. އެންމެ ގަދަފަދަ ބާރަކީ އެކުވެރިކަމޭ، ދެން އޮތީ އެ ވާފަށުގައި ހިފެހެއްޓުމޭ ބުނެ، އަޅުގަނޑުމެން މިރޭ މި އަތުގުޅާލަނީ މި ސަރުކާރު ޒިންމާދާރު ކުރުވުމަށް."

މިރޭގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)

އެއާ އެކު، ޝާހިދު ވިދާޅުވީ "މާޒީގެ އަޅުން"ގެ ގޮތުގައި ތިބެވެން ނެތް ކަމަށާއި މާޒީއަކީ ބަދަލު ކުރެވޭނެ އެއްޗެއް ވެސް ނޫން ކަމަށެވެ. އަމާޒު ހިފަންވީ މުސްތަގުބަލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިމަތީގައި މިއަދު މިއޮތީ ލޯ މަރާލައިގެން، ކަންފަތުން އަޑު ނީވޭ ކަމަށް ހަދައިގެން ތިބޭވޭނެ މަންޒަރެއް ނޫން. އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ ބޮޑު ސްކޭމް ސަރުކާރެއް. ބޮޑު ސިންގާ ސްކޭމް ސަރުކާރެއް،" ޝާހިދު ވިދާޅުވި އެވެ.

"ބަންކަރިންގެ ސްކޭމް. ޑޮލަރުގެ ސްކޭމް. ރަސްމާލެ [އަދި] ބިއްލޫރި ޓަނަލްގެ ސްކޭމް. ޗާގޯސްގެ ސްކޭމް. އިންޑިއާ އައުޓޭ ކިޔާފައި ނުކުތް ސްކޭމް."

ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ އެމްޑީޕީ)

ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރުގެ އަމަލުތައް ހުރީ މުޅިން ވެސް ރައްޔިތުންނަށް އޮޅުވާލާ ގޮތަށެވެ. އެހެންވެ އޭނާ ގަބޫލު ކުރައްވަނީ "މިއީ ސްކޭމް ސަރުކާރެއް" ކަމަށެވެ.

"ފްލެޓްތައް އޮޅުވާލުމަށް އޮތް ސްކޭމް، ޕާޓީގެ މެންބަރުންތައް ވަގަށް ފޭރި ގަންނަން ނުކުތް ސްކޭމް،" ލިސްޓެއްހެން އަމުނާލައްވަމުން ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝާހިދު ވިދާޅުވީ:

  • އާސަންދައެއް ނުލިބޭ، ބޭސް ގުޅައެއް ނުލިބޭ

  • މިއީ "ޖުޑީޝަރީ އޮޅާލި ސަރުކާރު" 

  • އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ފެށި ތަރައްގީގެ ހުރިހާ މަޝްރޫއެއް އޮތީ ހުއްޓާލާފައި

  • އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދޭ

"އެހެން ކަންކަން އެއްކިބާކޮށްފައި އަމާޒު ހިފަންވީ ކައުސިލް އިންތިހާބު ނަގަން'

ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަޝީދު 21 ޖުލައި 2023ގައި އެމްޑީޕީން ވަކިވަޑައިގެންނެވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުން ޖެހިވަޑައިގެންނެވި މައްސަލަގަނޑުގެ ތެރެއިންނެވެ. ސޯލިހަށް 2023ގެ އިންތިހާބުގައި ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އެއް ސަބަކަކީ ވެސް ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމެވެ. 

އެ ދެ ބޭފުޅުންގެ ގުޅުން އަދިވެސް އޮތީ ހީނަރުވެފަ އެވެ. އޭގެ އިތުން:

  • ރިޔާސީ ޓިކެޓަށް ނަޝީދު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޝައުގުވެރިކަން ފާޅު ކުރައްވާފައިވޭ 

  • ރޭ ސޯލިހް ވެސް ވަނީ މި ރޭހަށް ނުކުމެވަޑައިގެން ހުންނެވިކަން އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ހާމަ ކުރައްވާފައި

  • ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ރޭހަށް ނުކުމެވަޑައިގެން ހުންނެވިކަން މިދިޔަ އަހަރު އިއުލާން ކުރައްވާފައިވޭ

އެ ރޭހަށް ނުކުންނެވިކަން މިހާތަނަށް ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް، ވެރިކަމަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ޝާހިދު ވިދާޅުވީ، ޕާޓީ ތެރެއިން "އެހެން ކަންކަން އެއްކިބާކޮށްފައި" އަމާޒު ހިފަންވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށެވެ. 

ގައުމުގެ ކަންކަން އޭނާ އެ ލިސްޓު ކުރެއްވި މަގުން ދާއިރު މިއަދު "ބަލަން ތިބެވެން ނެތް"ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން "މަޖުބޫރުވެއްޖެ" ކަމަށެވެ.

"އަޅުގަނޑުމެން [އެމްޑީޕީ] ތެރޭގައި ހުރި އެހެން ކަންތައްތައް އެއްކިބާކޮށްފައި، ލޯކަލް ކައުންސިލް އިންތިހާބަށް ފޯކަސް ކުރަން ޖެހޭނީ. އަޅުގަނޑުމެން މިއަދު ނުކުންނަވީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިހާބުގައި މި ސްކޭމް ސަރުކާރަށް ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނާ ތަން ދައްކަން،" ޝާހިދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް