ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓު މުވައްޒަފުންތަކެއް ފަތުރުވެރިންގެ ލަގެޖް ލޯންޗަށް އަރުވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

މިނިމަމް ވޭޖް މުރާޖައާ ކުރަން ހަދާ ދިރާސާ ޑިސެމްބަރަށް ނިމޭތޯ ބަލަން: ހައިދަރު

8 ނޮވެމްބަރު 2021ގައި މިނިމަން ވޭޖް ކަނޑައެޅި ފަހުން މުރާޖައާކޮށްފައެއް ނުވޭ؛ ގާނޫނު ބުނާ ގޮތުން ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖް މުރާޖައާ ކުރަން ޖެހޭ

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރަން ހަދާ ދިރާސާ އަންނަ ޑިސެމްބަރަށް ނިމޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހައިދަރު މިގޮތަށް ވިދާޅުވީ، މިނިމަން ވޭޖާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން:

  • ކުރީ ސަރުކާރުގައި 8 ނޮވެމްބަރު 2021ގައި މިނިމަމް ވޭޖް ކަނޑައެޅި ފަހުން އެ އަދަދުތައް މުރާޖައާކޮށްފައެއް ނުވޭ

  • ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖް މުރާޖައާ ކުރަން ޖެހޭ

  • އެހެންވެ މިވީހާ ތަނަށް އަދިވެސް މިނިމަމް ވޭޖް މުރާޖައާކޮށްފައި ނުވާތީ އެކަން ސާފު ކުރުމަށް މިނިސްޓަރާ ސުވާލު ކުރަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު

  • މިނިސްޓަރާ ކުރަން ހުށަހެޅުއްވި ސުވާލުގައި އޮތީ، މިނިމަމް ވޭޖް ކަނޑައެޅިތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ އަދަދުތައް މުރާޖައާނުކޮށް ލަސްވަނީ ކީއްވެގެންތޯ؟ މިނިމަމް ވޭޖް އެންމެ އަވަހަށް މުރާޖާކޮށް އެ އަދަދުތައް ބޮޑު ކުރެވޭނީ ކޮން އިރަކުންތޯ؟

މިއަދުގެ މަޖިލިސް ޖަލްސާގައި މައުރޫފް މިނިސްޓަރާ ސުވާލު ކުރައްވަނީ (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 8 ނޮމެބްބަރު 2021ގައި ކަނޑައެޅި މިނިމަމް ވޭޖް ދިރާސާ ކުރަން ޖެހެނީ ގާނޫނު ލާޒިމްކޮށްފައިވާ ގޮތުން 8 ނޮވެމްބަރު 2023 އަށެވެ. މި ސަރުކާރު 17 ނޮވެމްބަރު 2023ގައި ވެރިކަމާ ހަވާލުވިއިރު ވެސް އޮތީ މިނިމަމް ވެޖް މުރާޖައާނުކޮށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިދިޔަ ސަރުކާރުން މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތްކޮށްފައި ނުވާތީ، މި މިނިސްޓްރީއާ [މަސައްކަތްތެރިންނާ ގުޅޭ] މެންޑޭޓް ހަވާލުވި ހިސާބުން މިނިމަމް ވޭޖް ބޯޑު އެކުލަވާލުމުގެ މަސައްކަތް އަލުން ފަށައި 3 ޖުލައި 2024ގައި އާ ބޯޑު ގާއިމް ކުރެވުނު،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ:

  • އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ 12 ސެޕްޓެމްބަރު 2024ގައި ވަނީ

  • އާ ބޯޑުގެ މެންބަރުންގެ އެެދުމުގެ މަތިން ކުރީ ސަރުކާރުގައި އޮތް ބޯޑުގެ މުހިންމު ލިޔެކިޔުންތަކާއި ދިރާސާ ކަރުދާސްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ވަގުތުކޮޅެއް ހޭދަވި

  • އޭރު މިނިމަމް ވޭޖްގެ މަސައްކަތުގައި އުޅުއްވި ގިނަ ޓެކްނިކަލް މުވައްޒަފުން އެކިއެކި ސަބަބުތަކަށްޓަކައި ވަނީ މި މަސައްކަތާ ދުރަށް ޖެހިފައި؛ އެހެންވެ މިފަދަ މަސައްކަތަކަށް ބޭނުންވާ ޓެކްނިކަލް ތަޖުރިބާ އާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ކުރިމަތިވި

  • އެ ދަތިކަން ހައްލު ކުރުމަށްޓަކައި އާ ބޯޑަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ އެހީތެރިކަން ހޯދުމަށް މިދިޔަ ނޮވެމްބަރު އަދި ޑިސެމްބަރު މަސް ތެރޭ އެ ޖަމިއްޔާއާ އެކު ބައްދަލުވުންތަކެއް ބާއްވައި ދެ ފަރާތުން އެއްބަސްވި ގޮތަށް ޕްރޮޕޯސަލްތަކެއް މިނިސްޓްރީން ތައްޔާރުކޮށްފައިވޭ

  • އެ ޕްރޮޕޯސަލްއަށް "ޓެކްނިކަލް ނޯޓެއް" މިދިޔަ 20 މެއިގައި އައިއެލްއޯއިން ފޮނުވާފައިވޭ

މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލިސް)

އައިއެލްއޯގެ ހުށަހެޅުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މުރާޖައާ ކުރަން ހަދާ ދިރާސާ ދެ ފިޔަވަައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށެވެ. އެއީ:

  • މިނިމަމް ވޭޖް ތަންފީޒުވާ މިންވަރު ބަލަން ހަދާ ދިރާސާއެއް ހެދުމުގެ ފިޔަވައްސާއި މިނިމަމް ވޭޖްގެ އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ ފިޔަވަހި 

  • ފުރަތަމަ ފިޔަވަހީގައި ނަގަން ޖެހޭ ޕްރައިމަރީ އަދި ސެކަންޑަރީ ޑޭޓާ ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން

  • ފުރަތަމަ ފިވަހި ނިންމައި އަދި ސްޓެޓިސްޓިކް ބިއުރޯއިން ހަދާ ލޭބާ ސާވޭ ހަދާ ނިމުމުން ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެ

އެއާ އެކު، މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ވަރަށް ހައްސާސް މަސައްކަތެއް ކަމަށާއި މިކަން ކުރުމުގައި ރިއާޔަތް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކަނޑައެޅޭ މިނިމަމް ވޭޖަކީ އޭގެ ބުރަ ނުވަތަ ނޭދެވޭ އަސަރު މަސައްކަތްތެރިންނާއި މަސައްކަތްތެރިކަމަށް ނުކުރާނެ ގޮތަށް އެކަން ކުރުމަކީ ވެސް ދައުލަތުގެ ޒިންމާއެކެވެ.

"އެހެންކަމުން މިކަމަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ ކަމެއް. އަޅުގަނޑުމެން މި ދިރާސާ ކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިންމާލެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިން ތަނެއްގައި މަޑުކޮއްލައިގެން. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިނިމަން ވޭޖް މިހާރު ކަނޑައަޅާފައިވާ ގޮތް

މިނިމަން ވޭޖެއްގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވަނީ މަހަކު 4،500ރ. އާއި 8،000ރ.އާ ދެމެދުގެ އަދަދެކެވެ. އެއީ:

  • ކުދި ފަންތި ވިޔަފާރިތަކަށް: ގަޑިއަކަށް 21.64ރ. ނުވަތަ މަހަކަށް 4،500ރ.

  • މެދު ފަންތި (ސަރުކާރު ހިމެނޭ ގޮތަށް): ގަޑިއަކަށް 33.65ރ. ނުވަތަ މަހަކަށް 7،000ރ.

  • ބޮޑު ފަންތި: ގަޑިއަކަށް 38.46ރ. ނުވަތަ މަހަކަށް 8،000ރ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް