ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 4000 ފްލެޓުތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

4،000 ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގަން ފަށައިފި

އެފަދަ ފަރާތްތަކުން އެ ނިންމުމާ މެދު ދެކޮޅު ހަދާ ނަމަ އެކަން މުރާޖައާކުރަން ހުށަހަޅަން ފުރުސަތު ދޭނެ

'ގެދޮރުވެރިޔާ' ސްކީމުގެ 4000 ފްލެޓު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން މިއަދު އެކަން އަންގަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.  

އޭގެފަހުން:

  • ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން 

  • އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާ ލިސްޓެއް އާންމުކުރި 

  • އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށް 

  • އެކަމަކު އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން މިހާރު ސަރުކާރުން އޮތީ ނިންމާފައި

ބުނީ ކީކޭ؟ - ހައުސިން މިނިސްޓްރީން އިއްޔެ ބުނިގޮތުގައި އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަނުވެގެން ފްލެޓު ނުލިބޭ ފަރާތްތަކަށް އެކަން ރަސްމީކޮށް ލިއުމުން މިހާރު ދަނީ އަންގަމުންނެވެ.

އެގޮތުން ފްލެޓު ނުލިބޭކަން އަންގަމުންދަނީ:

  • ‎ސަރުކާރުން މީގެ ކުރިން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް 

  • އެސްއޯއީ ތަަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް 

  • 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް އޮތްކަމަށް ޔަގީންވާ ފަރާތްތައް

އެނގުން މުހިންމު - މިދިޔަ ސަރުކާރުގެ ލިސްޓަށް ފްލެޓުދޭން މި ސަރުކާރުން ނިންމި ނަމަވެސް، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ. އެގޮތުން:

  • މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް ލަފާކުރެވޭ މިނިސްޓަރު ވިދާޅުވެފައިވޭ

  • ޝަރުތު ހަމަނުވެގެން އުނިކުރާ މީހުންނަށް އެ ނިންމުމާ މެދު ދެކޮޅު ހަދާ ނަމަ އެ ނިންމުން ރިވިއުއަށް ލާން މުއްދަތެއް ދޭނޭ ކަމަށް ވިދާޅުވެފައިވޭ 

  • އެ ފަރާތަށް ކަނޑައަޅާފައިވާ ފްލެޓް އެހެން ފަރާތަކަށް ދޭނީ އެ ހުރިހާ މަރުހަލާއެއް ނިމުމުން

މުއްތަލިބު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް އެއް ބޯހިޔާވަހިކަން ދިނުން ކަމަށެވެ. އެ ސިޔާސަތަށް ފުށުއަރާ ގޮތަށް ފްލެޓް ދީފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން:

  • 391 ދެމަފިރިންނަށް ފްލެޓް ލިބިފައިވޭ؛ އެއިން ފްލެޓް ލިބޭނީ އެކަކަށް

  • ފްލެޓް ލިބުނު 305 މީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބުނު

  • މާލޭގައި ބޯހިޔާވަހިކަމެއް ހުރި އިތުރު 302 މީހަކު ވެސް އެ ލިސްޓުން ފްލެޓު ދީފައިވާކަން ފާހަގަވޭ 

މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 3778 މީހުންނާއެކު ފުލެޓު އެއްބަސްވުމުގައި އޭރު ސޮއިކޮށްފައިވާ ކަމަށާއި އެމީހުން އަތުން ފްލެޓު އަތުލެވޭނީ ކޯޓު މެދުވެރިކޮށް ކަމަށް ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަންއިން މިފަހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

ހއނޖސ

20 ޖޫން 2025
އެކި އެއްޗެހި ކިޔައިގެން ވިޔަސް ތިޔަ ނުދީ ހިފެހެއްޓޭނެގޮތެއް އޮތިއްޔާ އެކަން ކުރާތި، ޝަރުތު ހަމަނުވަންޏާ ވާނީ ނުވާކަމަށް އަނެއްކާ އެމީހުންނަށް ޝަކުވާ ހުށައަޅަން މުއްދަތި ދޭން ޖެހޭ ސަބަބެއް ނެތް. ވެރިކަން ނިމި 5 އަހަރު ވޭތުވާ އިރުވެސް ހަދާ ނިމިފަ ހުރި ފްލެޓްތަކެއް ނުދެވިގެން މިއުޅެނީ. ކޮންފަދަ ކަމެއްތަ ދެން މީ ، ރައްޔިތުން ހާރުވަން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް