ރައްޔިތުންގެ މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް(މ) އާއި ޒިޔާދު (ވ) ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

ކައުންސިލަރުން މަދުކުރަން އުޅެނީ، ދޭ އެހީއަށް ބާރުފޯރުވަން: އެމްޑީޕީ

އެމްޑީޕީގެ މެމްބަރުން ވިދާޅުވާގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ އެންމެ %5 ފައިސާ ކަމަށާއި ބޭނުމަކީ އެ ފައިސާއަށް ނުފޫޒުފޯރުވުން ކަމަށް

ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ފަށާފައިވާއިރު އެކަން ކުރަނީ، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ އެހީއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު އެމްޑީޕީއިން ތުހުމަތުކޮށްފި އެވެ.

ވީ ކިިހިނެއް؟- ކައުންސިލަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށްޓަކައި މިއަދު ވަނީ، ޕީއެންސީއިން ގަރާރެއް ހުށަހަޅާފަ އެވެ.

އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ.

ތަފްސީލު- އެކަމަކު މިއީ އިދިކޮޅު އެމްޑީޕީއިން މާ ތާއީދު ކުރާ ކަމަކަށް ނުވި އެވެ.

ޖަލްސާއަށް ފަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުން ވަނީ، އެކަމާ ގުޅޭގޮތުން އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ.

ޖުމްލަކޮށް ބަލާއިރު، ސަރުކާރު ނިސްބަތްވާ ޕާޓީއިން އެގޮތަށް ނިންމަނީ، މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ކައުންސިލްތައް ހިންގުމަށް ސަރުކާރުން ދޭ %5 އެހީއަށް ނުފޫޒު ނުފޯރުވޭތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ދޭ މި އެހީއަކީ، ދައުލަތުގެ ބަޖެޓްގެ އާމްދަނީގެ %5 އެވެ. އެއީ ކައުންސިލަރުންނާއި އެތަނުގެ މުވައްޒަފުންނާއި ރަށުތެރޭގެ އެކި ކަންކަމަށް ހަރަދު ކުރަން ކަނޑައަޅާފައި އޮންނަ މިންވަރު ކަމަށް ވިދާޅުވި އެވެ. އެކަމަކު ރާއްޖޭގެ 187 ރަށުގެ ކައުންސިލްތަކަށް، އެ ބަޖެޓްގެ ފަސް ޕަސެންޓް ކަނޑައަޅާފައި އޮންނައިރު އަނެއް %95 އޮންނަނީ އޮތް ގޮތަށް ކަމަށާއި ހަރަދު ކުޑަކުރަން ބޭނުން ނަމަ، އެބައިން ކުޑަކުރުން މާ އައުލާކަން ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ކައުންސިލްތައް ބެލެހެއްޓުމަށް، ދައުލަތުން ބޮޑު ހަރަދުކޮށްގެން މިހާރު ވެސް ދެ އިދާރާއެއް އުފައްދާފައިވޭ. އެއީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ

  • އެ މިނިސްޓްރީ ހިންގުމަށް 150-280 މިލިޔަން ރުފިޔާ ހަރަދުވާއިރު، އެލްޖީއޭ ފިޔަވައި އިތުރު އިދާރާއެއް އުފައްދައިގެން ނެރެވުނު ނަތީޖާއާ މެދު އޭނާ ސުވާލު އުފެއްދެވި

  • އޭގެ މަގްސަދެއްގެ ގޮތުގައި ވެސް ޒިޔާދު ވެސް ފާހަގަ ކުރެއްވީ، އެ %5 އަށް ސަރުކާރުގެ ނުފޫޒު ފޯރުވުން

"މިހާރު ވެސް ކައުންސިލްތަކަށް ލިބޭ ބާރުތައް ހަނިކޮށްފައި، ރަށުގައި ބޭނުން ހިފޭ ތަނެއް ވިއްޔާ، އެތަނެއް ރަށުގެ އިހްތިސޯސުން އުނިކުރުން ނޫނީ ޓޫރިޒަމަށް ނަގަމުން ދަނީ. ދެން ބޭނުމަކީ މި ލިބޭ ގްރާންޓް ކުޑަކުރުން ނޫނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެ ގެނައުން،" އޭނާ ވިދާޅުވި އެވެ.

ގަރާރާ މެދު މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ، އެ ދޭ އެހީ، ކައުންސިލްތަކުން ރަނގަޅަށް ބޭނުން ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވި ގޮތުގައި އެ އެހީ، ގިނަ ފަހަރަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގުމަކަށް ނުވެސް ފުދެ އެވެ.

އޭނާ ވިދާޅުވީ:

  • ދޭ ފައިސާ ކައުންސިލްތަކުން ބަހައްޓާތީ އެކަމާ ކައުންސިލްތަކާ ސުވާލުކުރުމުން އެނގުނީ، ރަނގަޅު މަޝްރޫއެއް ހިންގާލެވެނީ ދެ އަހަރު ނޫނީ ތިން އަހަރުގެ ބަޖެޓުން އެއްކޮށްލައިގެން ލިބޭ ފައިސާއިން ކަމަށް

  • އެހެންވެ، އެ ފައިސާ ބަހައްޓަނީ ރަށުގައި ރަނގަޅު މަޝްރޫއެއް ފެށުމަށް އެއް ކުރުމަށް ކަމަށް ކައުންސިލުން ބުނާކަމަށް

ނާޒިލް ވިދާޅުވީ، ކައުންސިލަރުންގެ އަދަދު އިތުރުވުމުން ބަޖެޓަށް ބާރުބޮޑުވާ ކަމަށް ސަރުކާރުން ބުނި ކަމުގައި ވިޔަސް، ކައުންސިލަރުންގެ އަދަދު ދެތިން މެމްބަރުންނަށް މަދުކޮށްލިޔަސް، އޭގެ މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ކައުންސިލަރުންގެ އަދަދު މަދުކޮށްގެން، ދައުލަތަށް ބާކީ ކުރެވެނީ 80 މިލިޔަން ރުފިޔާ ކަމަށް

  • އެކަމަކު ދެ އީދުގައި ތިން ރޭ ބޮކިތައް ދިއްލާލުމަށް ވެސް 35 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށާއި ހަ އީދުގައި އެ އަދަދު 70 މިލިޔަން ރުފިޔާއަށް އަރާކަމަށް

"ދެން ރައްޔިތުން ވިސްނަންވީ، ދެ އީދުގައި ބޮކިތައް ދިއްލުންތޯ ރަނގަޅީ ނޫނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދޭނެ މަންދޫބުންތަކެއްގެ ގޮތުގައި ކައުންސިލަރުންތަކެއް ތިބުންތޯ،" ނާޒިލް ވިދާޅުވި އެވެ. 

"މިއީކީ ފައިސާއަށް ނުވަތަ ބަޖެޓްގެ ބަޖެޓަށް ބާރުބޮޑުވާތީ ކުރަން އުޅޭ ކަމެއް ނޫން. މިއީ ސަރުކާރުން އެހެން ނިޔަތެއްގައި ކުރަން އުޅޭ ކަމެއް." 

އެނގުން މުހިއްމު- ކައުންސިލަރުން މަދުކުރުމާ ގުޅޭގޮތުން، ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށިތާ މިވީ 15 އަހަރު ތެރޭ މިހާތަނަށް 15 ފަހަރު އިސްލާހުކޮށްފައިވޭ؛ ކޮންމެ ސަރުކާރަކުން ވެސް ބަލާފައިވަނީ "ޕެޗް" އަޅައިގެން ގާނޫނަށް އެ ވަގުތަށް ބޭނުންވާ އިސްލާހެއް ގެނެސް ހައްލު ހޯދުމަށް

  • މި 15 އަހަރު ތެރޭ 4 ކައުންސިލް އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުން އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ބަޖެޓުން މި ނިޒާމަށް ވަނީ ހަރަދުވެފައި

  • ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނާކަށް ނެތް

  • "ކަތީބުން ގެއަށް ފޮނުވާލައި" ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން ތިބޭ ގޮތަށް ގެނައި މި ނިޒާމު ގެނައީ ފޮނި އުންމީދުތަކާ އެކު ނަމަވެސް މިހާރު މި ނިޒާމު އޮތީ "ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް" ޖާގަ ދޭ ނިޒާމެއްގެ ގޮތުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް