ޝަމްއާންގެ ބަންދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗު

ސުޕްރީމް ކޯޓު

ކޮރަޕްޝަން މައްސަލަ ފުލުހުންނަށް އެކަނި ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގޯސްކޮށް: ސުޕްރީމް ކޯޓު

މަނީ ލޯންޑަރިންނާ ގުޅޭ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގު އޭސީސީއާ ނުބައްސައި ފުލުހުންނަށް އެކަނި ތަހުގީގު ކުރެވިދާނެ ކަމަށް ހައި ކޯޓުން އޮތީ ކަނޑައަޅާފައި؛ ސުޕްރީމް ކޯޓުން އެބައި މިއަދު ބާތިލުކުރި

މަނީލޯންޑަރިންނާ ގުޅިފައިވާ ކޮރަޕްޝަންގެ މައްސަލަތައް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުމެއް ނެތި، ފުލުހުންނަށް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެގޮތަށް ނިންމީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު  ކުރުމުން ސުުޕްރީމް ކޯޓުން އިއްވި ހުކުމުގަ އެވެ.

މި ބަންދު އަމުރުތައް ހައި ކޯޓުން ވަނީ ދަމަހައްޓާފަ އެވެ. މިކަމާ ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެކޯޓުން ވެސް މިއަދު ނިންމީ އޭނާގެ ބަންދު އަމުރު ދެމެހެއްޓުމަށެވެ.  އެކަމަކު  މަނީލޯންޑަރިންނާ ގުޅިފައިވާ ކޮރަޕްޝަންގެ އަމަލުތައް ފުލުހުންނަށް އެކަނި ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި ކަނޑައެޅުން ބާތިލުކުރި އެވެ.

ތަފްސީލު - ސުޕްރީމް ކޯޓުގައި ޝަމްއާން އެދިފައި އޮތީ:

  • ފުރަތަމަ ބަންދުކުރި ގޮތް ގާނޫނާ ހިލާފު ކަމަށް ނިންމައިދިނުމަށް؛ ޝަމްއާންގެ ފަރާތުން ބުނަނީ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ބަންދުކުރަން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާއިރުު ފުލުހުންނާ އެކު އެ ތަހުގީގުގައި އޭސީސީ ވެސް ބައިވެރިވާން ޖެހޭނެ ކަމަށް

  •  އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް

  • ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުކުރި ކުރުން ވެސް ގޯސްކަމަށް ނިންމައިދީ ބަންދު އަމުރުތައް ބާތިލުކޮށްދިނުމަށް

ބުނީ ކީކޭ؟ - މި މައްސަލަ އެ ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ރިޔާސަތު ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ވިދާޅުވީ، އެސީސީގެ ބައިވެރިވުމެއް ނެތި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ބަންދުކުރަން އެދުމަށް ފުލުހުންނަށް ގާނޫނީ ހުރަހެއް އޮތް ކަމަކަށް ނުފަންނަ ކަަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުން:

  • މަނީލޯންޑަރިންގެ ކުށަކީ ފުލުހުންނަށް ތަހުގީގު ކުރުމުގެ ބާރު ލިބޭ ކުށެއް

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަކީ ފުލުހުންނާއި އޭސީސީއަށް ތަހުގީގު ކުރުމުގެ ބާރު ލިބޭ ކުށެއް

"ވުމާ އެކު މަނީލޯންޑަރިންނާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށަކީ ވަކި ކުށެއް ކަމުގައި ވާއިރު އަދި އެކަން ތަހުގީގު ކުރުމުގެ ބާރު އޭސީސީއަށް ލިބިފައިވާތީ، އެ ކޮމިޝަނުގެ  ބައިވެރިވުމެއް ނެތި ތަހުގީގު ކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 77ވަނަ މާއްދާއާ ހިލާފު ކަމަށް ދެކެން،" ޝަހީދުގެ ރައުޔުގައި ވެއެވެ.

މި ރައުޔުއަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވުމުން، ހައި ކޯޓުގެ ނިންމުމުގައިވާ އެބައި މިއަދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފަ އެވެ.

އެނގުން މުހިންމު - ޝަމްއާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް މިދިޔަ 11 މާޗުގެ ރޭގަނޑު 11:30 ހާއިރު އޭނާގެ ދަށުން މަސައްކަތްކުރާ ހަަތަރު މުވައްޒަފަކަށް އިރުޝާދު ދީފައިވާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލާގައި ޝަމްއާންގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • މަނީ ލޯންޑަރިންގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް