މަޖިލިސް ޖަލްސާއެއްގައި ކަނޑިތީމު ދާއިރާގެ މެންބަރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ސިއްހީ އަދި ތައުލީމީ ދާއިރާގެ އޯޓީއާ ބެހޭ ގަރާރެއް މަޖިލީހަށް

ސިއްހީ އަދި ތައުލީމީ ދާއިރާގެ މަސައްކަތްތެރިން އިތުރު އުޖޫރައެއް ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރާކަން ގަރާރުގައި ވަނީ ފާހަގަކޮށްފައި

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް އިތުރު ވަގުތު މަސައްކަތް ކުރަންޖެހޭތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަފި އެވެ.

ވީ ކިހިނެއް؟ - އެ ގަރާރު ހުށަހެޅުއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

އެ ގަރާރު ހުށަހެޅުއްވީ އެ ދެ ދާއިރާގައި މަސައްކަތް ކުރާ މީހުން އިތުުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މާހައުލެއް ގާއިމްކުރުމަށް މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ.

ތަފްސީލް- ގަރާރުގައި ބުނެފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މަސައްކަތްތެރިން އިތުރު އުޖޫރައެއް ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރާ ކަމަށެވެ.

އެ ގަރާރުގެ މައިގަނޑު ބޭނުމަކީ:

  • އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތްތަކުގައި ހޭދަކުރަމުން ދިޔުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުން

  • އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގުމާ މެދު މެންބަރުން ދެކޭ ގޮތް ދެނެގަތުން

ސިއްހީ ދާއިރާގެ އެކި މަސައްކަތް ކުރާ ޓެކްނިކަލް ލެވެލްތަކުގެ މީހުން ޖޮބް މެޓްރިކްސްގެ އުސޫލަށް ހިިޖުރަކޮށްފައިވާ ކަމަށާއި ތައުލީމީ ދާއިރާގެ މީހުންގެ މުސާރަ ވެސް އެހެން ދާއިރާތަކާ އެއްހަމަ ކުރުމަށް އާ ފްރޭމްވޯކެއް ތައާރަފުކޮށްފައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް މި ދެ ދާއިރާގައި މަސައްކަތްކުރާ މީހުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިން ތަކެއް ކަނޑައެޅިފައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ދެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހިފައިވާ ބަޔެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން:

  • ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑުގައި އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ އިތުރުގަޑީގެ ފައިސާ ލިބޭނެ މީހުންގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން %10

  • އެ މިންވަރަށް ވުރެ އިތުރުވާގޮތަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުން މަނާ

  • އެކަމަކު ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދުކަމުން އެ މީހުން އިތުރު ވަގުތު މަސައްކަތް ކުރަން ޖެހޭ

  • މީގެ އިތުރުން ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގައި އުޅޭ މީހުން ވެސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ

އެ ގަރާރުގައި ވަނީ އާ ޕޭ ފްރޭމްވޯކުގެ ދަށުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންއަށް ވުރެ އިތުރަށް އެއްވެސް ފަރާތެއް ލައްވާ މަސައްކަތް ކުރުވަންޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ.

މީގެ އިތުރުން، ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުން، އިތުރު ގަޑީގައި މަސައްކަތް ކުރާ ނަމަ، އެ ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބޭނެ ގޮތަށް އުސޫލުތައް މުރާޖައާކުރަންޖެހޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.


ކޮމެންޓް (1)

Hasan

18 ޖޫން 2025
އެއްވެސް ކަހަލަ އިހްލާސްތެރި ކަމެއްނެތް، މިދިޔަ ދައުރުގައި ހުރިހާ ބާރެއް މުށުތެރޭގަ އޮވެފަ، ހަމަ ތި ޝަކުވާ ކުރީމާ ބޮލާލާ ޖެހީ، މުދައްރިސުންނަން ނުވަތަ ސިއްޙީޚިދުމަތްތެރިންނަން މަލާމާތްކުރަން މިހާރު ކުރާކަމެެއްތީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް