ފުލުހުން މިގެ ކުުރިން މާލެ ތެރޭ ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުން

'ވާނުވާ'ގެ ހައްލަކަށް ގެނައި ޓެގް ނިޒާމުން ނުރައްކަލެއް ނުވާނެ: ޕޮލިސް ކޮމިޝަނަރު

ޓެރަރިޒަމާއި ބޮޑެތި އަދަދުތަކުން ޑްރަގް އެތެރެކޮށްފައިވާ މީހުން އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްނުލާން ފުލުހުން އެދިފައިވޭ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ ތިބުން ނުވަތަ 'ވާނުވާ' ބަންދަށް ނިމުމެއް ގެނައުމަށް މިހާރު ފަށާފައިވާ ޓެގް އަޅުވާ އެފަދަ ފަރާތްތައް ދޫކުރުމުގެ ނިޒާމަށް އިތުބާރު އެބައޮތް ކަމަށް އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ. 

ތަފްސީލް - މިދިޔަ އަންގާރަ ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަވީން ވިދާޅުވީ:

  • ޓެގް އަޅުވާފައި ދޫކުރާ ފަރާތްތައް މޮނީޓާ ކުރަމުން އަންނަނީ ހާއްސަ ސެންޓަރަކުން 

  • އެ ސެންޓަރުން އެކަން 24 ގަޑިއިރު ކުރަމުންދޭ

  • އެ ނިޒާމު ފަރުމާކޮށްފައިވާ ގޮތުން ޓެގް އަޅުވާފައި ހުންނަ މީހާގެ ހުރިހާ ހަރަކާތްތަކެއް މޮނީޓާ ކުރުމުގެ އިތުރަށް ލޮގްތައް ބަލައި އޮޑިޓްތައް ކުރެވޭނެ

"މިއީ އިލެކްޓްރޯނިކަލީ ރިޕޯޓް ޖެނެރޭޓް ކުރާ އެއްޗެއް [ޓެގަކީ]. އެ ދީފައި އިންނަ ރޭޑިއަސްއިން [ސަރަހައްދުން] ބޭރަށް ނިކުތުން ފަދަ ކަމެއް ކޮށްފި ކަމަށް ވަންޏާ ނޫނީ ޝަރުތުތަކާ ހިލާފުވެއްޖިއްޔާ އިލެކްޓްރޯނިކަލީ ރިޕޯޓް ޖެނެރޭޓް ކުރެވޭނެ،" ނަވީން ވިދާޅުވި އެވެ.

އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން 'ދައުރު'އަށް އަންގާރަ ދުވަހު އިންޓަވިއު ދެއްވަނީ: ޓެގް ނިޒާމުން މުޖުތަމައަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވި (ފޮޓޯ/ފުލުސް މީޑިއާ)

ނަވީން އިތުރަށް ވިދާޅުވީ ޓެގް އަޅުވާފައި ގެއަށް ބަދަލުކުރާ މީހުން އެންމެ ފުރަތަމަ ދޫކޮށްލަނީ 100 ދުވަސް ނުވަތަ ތިން މަހަށް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކަށް ބަލައި ނިޒާމަށް ބަދަލުތައް ގެންނަން ފުރުސަތު އޮންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަވީން ދެއްވި ޔަގީންކަމަކީ:

  • އެގޮތަށް ދޫކޮށްލާ ފަރާތްތަކުގެ ކިބައިން މުޖުތަމައަށް ނުރައްކަލެއް ނާންނަ ވަރަށް އެ މީހުން ފުލުހުންނަށް ބެލެހެއްޓޭނެ 

  • ޓެގް ނިޒާމަކީ އިތުބާރު އޮތް ދެފުށް ފެންނަ ނިޒާމެއް

"އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް މި ޓެގްގެ އިންޓަގުރިޓީއާ ދޭތެރޭ،" ނަވީން ވިދާޅުވި އެވެ.  

އެނގުން މުހިންމު - ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޓެގް އަޅުވާފައި މީހުން ގެއަށް ބަދަލުކުރަން ފެށި ފަހުން 9 މީހެއްގެ ފައިގައި ވަނީ މިހާރު ޓެގް އަޅުވައި ގެއަށް ބަދަލުކޮށްފަ އެވެ. ޕީޖީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި: 

  • ޖަލު ބަންދުން ދޫކޮށްލަ ދޭން 121 މީހަކު ވަނީ އެދިފައި

  • 20 މީހެއްގެ ބަންދަށް ލުއި ނުދޭން ނިންމާފައިވޭ 

  • 92 މީހުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން ހަދަން ޖެހޭ އެސެސްމަންޓް ދަނީ ހަދަމުން

ކުއްވެރިއެއްގެ ފައިގައި ޓެގް އަޅުވާފައި (ފައިލް ފޮޓޯ/ ޕޮލިސް)

ނަވީން ވިދާޅުވީ ގިނަ މީހުންގެ ފައިގާ ޓެގް އަޅުވާ ދޫކުރާ ވަރަކަށް އޭގައި ހުރި ގޮންޖެހުންތައް ފާހަގަވަމުންދާނޭ ކަމަށެވެ. އަދި އެކަންކަން ބެލުމަށް ފަހު ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި މިހާތަނަށް މި ކުރެވުނު ތަޖުރިބާ ރަނގަޅު މި ޓެގުގެ ކަންތަކުގައި. މީގައި ގިނަ މީހުން ދޫކުރަން ފެށީމާ ދެން އިނގޭނީ،" ނަވީން ވިދާޅުވި އެވެ.

'ހަތަރު ބާވަތެއްގެ ކުށްވެރިން ދޫނުކުރަން އެދިފައިވާނެ'

ހަތަރު ބާވަތެއްގެ މައްސަލަތަކުގައި ތުހުމަތުވާ ފަރާތްތައް އެގޮތަށް ދޫނުކުރަން އެދިފައިވާނެ ކަމަށް ނަވީން ވިދާޅުވި އެވެ. އެއީ:

  • ބޮޑެތި އަދަދުތަކުން ޑުރަގް ރާއްޖެ އެތެރެކޮށްފައިވާ މީހުން 

  • ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން

  • މީހުން މަރާފައިވާ ކަމަށް ތުހުމަތުވާ މީހުން 

  • ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުވާ މީހުން 

"އެފަދަ ފަރާތްތައް ދޫނުކުރަން ޕީޖީއަށް މިދަނީ މަޝްވަރާދެމުން،" ނަވީން ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް