މިދިޔަ އަހަރުގެ މޭ މަސް ތެރޭ މ. ރަބީއުވިލާ ގޭތެރޭ މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑު ތަހުލީލުތަކަށް ގެންދިޔުމަށް ފުލުހުން މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޕޯސްމޯޓަމް ހެދުމާއި ވިހަ ދެނެގަތުމުގެ ގާބިލްކަން ފުލުހުން ގާއިމްކުރަނީ

ފުލުހުންގެ ތެރޭ ޒަމާނީ ވަސީލަތްތައް ގާއިމްކޮށް ޒަމާނީ ޓެކްނޮލޮޖީތައް ފުލުހުންގެ މަސައްކަތުގައި ބޭނުން ކުރަން ފެށުމަކީ އާ ޕޮލިސް ކޮމިޝަނަރު ނަވީންގެ ތަސައްވުރެއް

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުމާއި ވިހަ ވެގެން މަރުވާ މީހުން ދެނެގަންނަ، ޓޮކްސިކޮލޮޖީގެ ވަސީލަތްތައް ފުލުހުގައި ގާއިމްކުރައްވާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ. 

ތަފްސީލް - އަންގާރަ ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަވީން ވިދާޅުވީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނޭ ވަސީލަތްތައް ގާއިމްކުރުމަށް އޭނާ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

އެ މަސައްކަތްކުރައްވާތާ ވަރަށް ދުވަސްވެއްޖެކަން ފާހަގަކުރައްވައި ނަވީން ވަނީ އެކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ޕޮލިސް މެޑިކަލް އާއި ހެލްތް މިނިސްޓްރީ އަދި އެކަން ކުރާނޭ ހޮސްޕިޓަލަކާ ވެސް މިހާރު ވަނީ ވާހަކަދައްކައި އެއްބަސްވުންތަކަކަށް އާދެވިފައި

  • އެކަމަށް ބޭނުންވާ ޑޮކްޓަރެއް އެކަން ކުރަން ތައްޔާރަށް ފުލުހުންގެ ތެރޭގައި އެބަހުރި 

  • އެކަން ކުރާނެ ތަނެއް ގާއިމްކުރުމާއި ސާމާނު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ

"މަޝްވަރާކުރެވި ނިމިފައި ހުރީ ކަންކަން. ހުރިހާ ކަމެއް އެލައިންކޮށްލުން މިހާރު މިދާ ކަމަކީ. އަޅުގަނޑުމެންނަށް އެކަން ރާއްޖޭގައި ކުރެވޭނެ... ތަނާއި އެ ބޭނުންވާ ރިސޯސަސްއާ ހަމަޖެހުނީމާ އެކަންތައް ފެއްޓޭނެ ކަމުގެ ޔަގީންކަން ޕޮލިސް މެޑިކަލްއިން އެބަ ދެއްވާ އަދި ޑޮކްޓަރު ވެސް އެކަމަށް ރެޑީގައި އެހެރީ،" ނަވީން ވިދާޅުވި އެވެ.

އާ ޕޮލިސް ކޮމިޝަނަރު ނަވީން 'ދައުރު'އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ފުލުހުންގެ ތެރޭގައި ޒަމާނީ ވަސީލަތްތައް ގާއިމްކުރެއްވުމަށް އިސްކަން ދެއްވާނޭ ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ވިދާޅުވީ އެކަމަށް އިތުރު މުވައްޒަފުން ވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން ރާއްޖޭގައި ފަށާއިރު ބޭރުން ފަންނީ މުވައްޒަފުން ގެނައުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ. 

އެނގުން މުހިންމު - ރާއްޖޭގައި ޕޯސްޓްމޯޓަމް ނެހެދޭތީ ބޮޑެތި މައްސަލަތަކުގައި ހަށިގަނޑު ފޮނުވަން ޖެހެނީ ތަހުލީލަށް އިންޑިއާއަށެވެ. އެކަމަށް ބޮޑެތި ހަަރަދުތަކެއް ހިނގަ އެވެ. އެކަން ރާއްޖޭގައި ކުރެވޭނެ ގޮތް އަވަސް ކުރުމަށް މިފަހުން މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. 

ފުލުހުންގެ ފޮރެންސިކްސް ޒަމާނީ ކުރަނީ

ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސަމާލުކަން ދޭނީ އޮޕަރޭޝަންސް، އިންވެސްޓިގޭޝަން، އިންޓެލިޖެންސް އަދި ސަޕޯޓް ހިދުމަތްތަކުގެ ފެންވަރު މަތިކުރަން ކަމަށް ނަވީން ވިދާޅުވި އެވެ.

ފުލުހުންގެ ފޮރެންސިކްސް ޓީމަކުން ސީންއެއްގައި ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ/ފުލުހުން)

އެ މަސައްކަތްތަކުގެ ދަށުން، ފުލުސް ހިދުމަތަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމާއި ފޮރަންސިކްސް ޒަމާނީ ކުރައްވާނެ ކަމަށް ނަވީން ވިދާޅުވި އެވެ. އެގޮތުން:

  • ފުލުހުންގެ ފޮރެންސިކްސް ލެބޯޓުރީގައި ޓެކްސިކޮލޮޖީ ނުވަތަ ވިހަ ދެނެގަންނަ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • އެއީ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރާއިރު އެހީއަކަށް ވާނޭ ކަމަށް ނަވީން ވިދާޅުވި 

"އާލާތްތައް މޮޑަނައިޒް ނުވަންޏާ ޗެލެންޖުތައް ހުންނާނެ. އަޅުގަނޑުމެން މިހާރު މި އުޅެނީ ޓެކްސިކޮލޮޖީގެ ގާބިލިއްޔަތުކަން ޑްރަގް ކެމިކަލް ލެބޯޓްރީއަށް ގެނައުމަށް ޓަކައި މަސައްކަތް ފަށައިގެން. އެ ގެނެސްފި ކަމަށްވަންޏާ ޕޮއިޒަން [ވިހަ] ވެގެން މަރުވާ މީހަކު ކަމަށްވަންޏާ ދެނެގަތުމުގެ ގާބިލަންކަން ހުންނާނެ،" ނަވީން ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް