ލަތީފާ އަބްދުއްރައްޒާގު ރިޓަޔާ ކުރުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފުލާއަށް ހަތްކޮޅުގައި ދަނީ

އުނގޫފާރު

އުނގޫފާރު ހޮސްޕިޓަލުން މި ދައްކައިދިނީ މުހިއްމީ މަގާމު ނޫންކަން، ހިދުމަތްކަން

27 އަހަރު ހޮސްޕިޓަލުގެ އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ލަތީފާ ރިޓަޔާ ކުރުމުން އެ ހޮސްޕިޓަލުން އޭނާއަށް އަލްވަދާއުކީ ފުރިހަމަކަމާއެކުގައި

ލަތީފާ އަބްދުއްރައްޒާގުގެ އާއްމު މަސައްކަތަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެނދުތައް އަޅައި ސާފުކޮށް ބެލެހެއްޓުމެވެ. އަދި ހޮސްޕިޓަލްގެ ފޮތިތައް ދޮވުމާއި ބަލި މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމެވެ. ނަރުހުންގެ އަތްގާތްކޮށްދިނުމާއި އެ މީހުންދޭ ބައެއް ސާމްޕަލްތައް އެ ލިބެން ޖެހޭ ފަރާތްތަކަށް ރައްދުކޮށްދިނުމެވެ.

މީހުންގެ ނަޒަރުގައި ހޮސްޕިޓަލެއްގެ އެންމެ އާދައިގެ މަސައްކަތްތަކެވެ. އެކަމަކު ލަތީފާގެ އެ ޒިންމާތަކަކީ އާދައިގެ މަސްއޫލިއްޔަތުތަކެއް ނޫން ކަމާއި އެއީ ހޮސްޕިޓަލަށް މުހިއްމު، އަދި ބޭނުންތެރި ހިދުމަތްތަކެއްކަން އެ ހޮސްޕިޓަލުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ސާބިތުކޮށްދީފަ އެވެ. މެދުނުކެނޑި، ޒިންމާދާރުކަމާއެކު 27 އަހަރު ލަތީފާ ކުރި މަސައްކަތުގެ އަގުވަޒަން ކުރާކަން، އެރޭ، ވަރަށް ފުރިހަމައަށް އެތަނުން ހާމަކޮށްދިނެވެ.

ލަތީފާ ރިޓަޔާ ކުރުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފުލާއަށް މޮޓޯކޭޑުގައި ގެންދަނީ
ލަތީފާ ރިޓަޔާ ކުރުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފުލާއަށް މޮޓޯކޭޑުގައި ގެންދަނީ

އުނގޫފާރު ހޮސްޕިޓަލުގެ އެޓެންޑެންޓު ނުވަތަ މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި ލަތީފާ، އުމުރުން 65 އަހަރު ވެގެން ރިޓަޔާ ކުރުމުން، އޭނާއަށް އެ ހޮސްޕިޓަލުން އަލްވަދާއުކީ އެހެން ހުރިހާ މުއައްސަސާތަކަކަށް މިސާލު ދައްކަމުންނެވެ.

ލަތީފާގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް އުނގޫފާރު ހޮސްޕިޓަލުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ބޮޑު ހަފްލާއެއް ބާއްވާފަ އެވެ. އެ ހަފުލާއަށް އޭނާ ގެނައީ މޮޓޯކޭޑެއްގަ އެވެ. އިނީ މަލުގެ ހާރެއް އަޅުވާފައިވާ ކާރެއްގަ އެވެ. ވަށައިގެން ތިބީ، ކަޅުކުލައިގެ 'ބޮޑީގާޑް' ހެދުމުގައި ދިވެހި ދިދަ ހިފައިގެން ތިބި މީހުންނެވެ. 

ކާރުން ފައިބައި، ހޮސްޕިޓަލާ ހަމައަށް ދިޔައީ ހަތްކޮޅުގަ އެވެ. ވަށައިގެން، ސަގާފީ ހެދުމުގައި މުވައްޒަފުން ތިބި އިރު، ފަހަތުން އިވެނީ ބެރުގެ އަޑެވެ. ހޮސްޕިޓަލް ކުރިމަތީ ރަތް ދޫލަ ދަމާލައި، މުޅި ހޯލު އަލިތަކުން ޖަރީކޮށްފައި އޮތް އިރު، އެތަނުގެ ވެރިން މަރުހަބާ ކިޔަން ދޮރުމަތީ ތިއްބެވި އެވެ.

ލަތީފާ އަބްދުއްރައްޒާގު ރިޓަޔާ ކުރުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފުލާއަށް ހަތްކޮޅުގައި ދަނީ

މި ފަދަ މަރުހަބާތައް އާއްމުކޮށް ފެންނަނީ ގައުމުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުންނެވެ. އެކަމަކު އުނގޫފާރު ހޮސްޕިޓަލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި ލަތީފާ ރިޓަޔާ ކުރުމުން، އެ ހޮސްޕިޓަލުން އޭނާގެ ޝަރަފްގައި ކިއީ ހަމަ އެހާ ބޮޑު މަރުހަބާ އެކެވެ.

"27 އަހަރު އަޅުގަނޑުމެންގެ ހިދުމަތުގައި އެ ހޭދަކުރެއްވީ. އަޅުގަނޑުމެންނަށް މުހިއްމީ މަގާމެއް ނޫން. އެ މީހެއްގެ ހިދުމަތް،" އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ހުސެން އާސިފް ވިދާޅުވި އެވެ.

"ވެރިއަކަސް، އެޓެންޑެންޓަކަސް ކޮންމެ މީހަކު ވެސް ކުރާ މަސައްކަތް އޭގެ ޒާތުގައި ވަރަށް މުހިއްމު."

ލަތީފާ އަބްދުއްރައްޒާގު ރިޓަޔާ ކުރުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފުލާގައި ހޮސްޕިޓަލްގެ ވެރިން އޭނާގެ އިންތިޒާރުގައި

އާސިފް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކޮންމެ މީހަކީ ވެސް އެތަނަށް މުހިއްމު މީހެކެވެ. ހޮސްޕިޓަލް ބިނާވެފައިވަނީ، ވަކި ފަންތިއެއްގައި މަސައްކަތް ކުރާ ބައެއްގެ މައްޗަށް އެކަނި ނޫން ކަމަށާއި އެކަމުގައި އެތަނުގެ ހުރިހާ ލެވެލްއެއްގެ މުވައްޒަފުން ވެސް ބައިވެރިވުން އޮންނަ ކަމަށް ވިދާޅުވި އެވެ.

އަދި އެހާ ބޮޑުކޮށް، އެ ހަރަކާތް ބޭއްވީ، މުވައްޒަފުންގެ ހިދުމަތް ބަލައިގަންނަކަން އެ މީހުންނަށް އެންގުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ލަތީފާ ރިޓަޔާ ކުރުމުން އޭނާގެ ޝަރަފުގައި ބޭއްވި ހަފުލާގައި މުވައްޒަފުންނާ ސަލާމް ކުރަނީ

"ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް އެކަން ފާހަގަ ނުކުރެވިދާނެ. އެކަމަކު އަޅުގަނޑުމެން ހާމަކޮށްދޭން ބޭނުންވީ އެ ހިދުމަތުގެ އަގުވަޒަންކުރާކަން. ހާއްސަކޮށް އެހާގިނަ ދުވަހު ހިދުމަތްކޮށްދީފައި ދާ ބޭފުޅުން ހާއްސަކަން،" އާސިފް ވިދާޅުވި އެވެ.

ލަތީފާގެ ޝަރަފުގައި ބޭއްވި އެ ހަފުލާގައި ހޮސްޕިޓަލުގެ ވެރިންގެ އިތުރުން އޭނާގެ އާއިލާއިން ވެސް ބައިވެރިވި އެވެ. ޔަގީނުން ވެސް އެ ހަފުލާ ވާނީ، އެ އާއިލާއަށް ލިބޭނެ ބޮޑު ޝަރަފަކަށެވެ.

ކޮމެންޓް (4)

ފޮނުއަރުވާ

17 ޖޫން 2025
އުނގޫފާރު ހޮސްޕިޓަލުން އަތޮޅުގެ ކަންކަމަށް ދެނީ ބީރުކަންފަތެއް. ހުރިހާ ލާރިއެއް ތަޅާލަނީ އުނގޫފާރަށް. އަތޮޅު ތެރޭގެ ރަށެއް ކަމެއް ބުނެފިއްޔާ ބަޖެޓް ހުސްވެފަ...މީ ހާލު
1 0

ސަގަރޭ

17 ޖޫން 2025
@ފޮނުއަރުވާ ބަރާބަރު ވާހަކައެއް.
0 0

ދުވާފަރު ސޮރު

17 ޖޫން 2025
ޙުސައިން އާސިފު ކޮންމެ އެއްޗެއް ބުންޏަސް، އުނގޫފާރު މީހެއް ނޫނީ ތިޔަ ގޮތަކަށް އެމީހެއްގެ ޚިދުމަތް ފާހަގައެއް ނުކުރޭ، އުނގޫފާރު ހޮސްޕިޓަލަށް އެހެން ރަށްރަށުގެ މީހުން ކޮށްދީފަ ހުރި ޚިދުމަތަކީ ޚިދުމަތަކަށް ނުވަނީތޯ؟ އުނގޫފާރު މީހުން ހީކުރަނީ ހޮސްޕިޓަލަކީ އެމީހުންގެ އަމިއްލަ މުދާގަނޑެއްކަމަށް...
1 0

ފައިނު ދޮންބެ

17 ޖޫން 2025
@ދުވާފަރު ސޮރު އަތޮޅުގެ ސިއްހީ ޚިދުމަތުގެ ތަނބުތައް ކަމުގައިވާ މީސްމީހުން އަގު ދުވަހަކު ވެސް އުނގޫފާރު ހޮސްޕިޓަލުން ކޮށްފައެއް ނެތް...މަޑުއްވަރީ ހެލްތު ސެންޓަރުންވެސް 2023 ވަނަ އަހަރު އަތޮޅުގެ ޞިއްޙީ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ހަފްލާއެއް ބޭއްވި. އެމީހުން މާ ރަގަޅެއްނު
-1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް