ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަދައްކަވަނީ(ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު، ދައުރު)

ސުޕްރީމް ކޯޓަށް ދެން އިތުބާރެއް ނެތް: ޔާމީން

ޔާމީން ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ރައީސް މުހައްމަދު މުއިއްޒު، ސިޔާސީ ގޮތުން ހަދިޔާ ދެއްވާފައި ތިބި ބޭފުޅުންތަކެއް ކަމަށް

ސުޕްރީމް ކޯޓުގައި މިހާރު އޮތް ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން ހަދިޔާ ދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށާއި އެ ކޯޓަށް މިހާރު އިތުބާރު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ މިރޭ އޮތް ޕީއެންއެފް ޖަލްސާގައި، ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، އެ ކޯޓުގެ ބެންޗުގައި ތިއްބެވި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވަނީ ވަކިކޮށްފަ އެވެ. މީގެ އިތުރަށް:

  • އެކަމާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި 

  • ރައްޔިތުން މަޖިލީހުން ފަނޑިޔާރުން ވަކިކުރީ އެކަން އެގޮތަށް ނުކުރުމަށް ގިނަ ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލަމުން ދަނިކޮށް

އެ ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މިހާރު ވަނީ އައްޔަންކޮށްފަ އެވެ.

ބުނީ ކީކޭ؟ - ސްޕްރީމް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުންނަށް ފާޑުވިދާޅުވެ މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ރައީސް މުހައްމަދު މުއިއްޒު، ސިޔާސީ ގޮތުން ހަދިޔާ ދެއްވާފައި ތިބި ބޭފުޅުންތަކެއް ކަމަށެވެ.

"މިހާރު ސުޕްރީމް ކޯޓަކުނެތް ރައްޔިތުން އިތުބާރުކުރާ މީހެއް. މިހާރު ސުޕްރީމް ކޯޓުގައި އެތިބީ ކޮންބައެއްތޯ. ސިޔާސީ ގޮތުން ކަންތައްތަކެއް ކޮށްދިނީމާ ސިޔާސީ ހަދިޔާ ދީފައި ތިބި ބައެއް ސުޕްރީމް ކޯޓުގައި މިހާރު އެތިބީ،" ޔާމީން ވިދާޅުވި އެވެ.

އެގޮތުން ވިދާޅުވީ:

  • ހައި ކޯޓުގައި އާރަށް މައްސަލައިގެ އިސްތިއުނާފް އޮއްވާ، ފަނޑިޔާރު ސަލީމް ހުންނެވީ ދޮޅު މަސްވަންދެން ފިލައިގެން

  • ކެންޑިޑަސީ ބާތިލުވަންދެން އާރަށުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިފަހައްޓާލަ ދިން ބޭފުޅަކީ ސަލީމް

  • ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ އެކަމަށް ދެއްވި އިނާމެއްގެ ގޮތުގައި

  • ގާނޫނީ ދާއިރާގެ އިލްމީ ބޭފުޅުން ވިދާޅުވެފައި އޮތީ ސަލީމް އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް

"މުއިއްޒު ވިދާޅުވާނެ ޖޭއެސްސީއަކަށް އަތެއް ނުބާނަމޭ، ފައިބޭނުވީ. ޖޭއެސްސީން ނިންމީ [ސަލީމް] ޝަރުތު ފުރިހަމަވާ ކަމަށް. އެކަމަކު މިއަށްވުރެ މާ ކޮލިޓީ މީހުން އެބަތިއްބޭ. މާ ކޮލިޓީ ތިން ފަނޑިޔާރުން ބޭރުކޮށްފައި އެ ގެނެސްލީ ސަލީމް،" ޔާމީން ވިދާޅުވި އެވެ.

"ކީއްތޯ އެކުރައްވަނީ. ކައްފާރާ ދައްކަވަނީ. ދަރަންޏެއް އަދާ އެކުރަނީ."

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ދަށްވެގެން ދިއުމުން، އެތަނުން ނިންމާ މައްސަލަތަަކަށް އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުރައްވާ ކަަމަށް ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ސަލީމަކީ ވ. އާރަށް މައްސަލާގައި ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީންއަށް ގެއްލުނީ އެ އިސްތިއުނާފް ހައިކޯޓުގައި އިންތިހާބާ ދިމާކޮށް އޭރު މަޑުޖެހުމުގެ ސަބަބުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ސުޕްެރީމް ކޯޓުގެ ބެންޗަށް އިތުބާރު ނެތް ކަމަށް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނުގެ މައްސަލައެއް އެ ކޯޓުގައި މިހާރު ވެސް އެބަ ހިނގަމުންދެ އެވެ. އެއީ އާރަށުގެ މުއާމަލާތާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގިއިރު، ޔާމީންއާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން ހުށަހެޅި މައްސަލަ އެކެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، ކްރިމިނަލް ކޯޓުގައި އަލުން ފެށި، އެ މައްސަލައިގެ ޝަރީއަތް މިވަގުތު އޮތީ މަޑުޖައްސާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް