ސުޕްރީމް ކޯޓު ފަނޑިޔާރު ކަމުން ވަކިކުރި އަޒްމިރަލްދާ އަދި މަހާޒު (ކ)، ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ މުހައްމަދު ސަލީމާއި އަބްދުﷲ ހަމީދު (ވ)

ސުޕްރީމް ކޯޓު

މަހާޒާއި އަޒްމިރަލްދާ އަދި ސަލީމާއި ހަމީދު؛ ފެންވަރަކީ ކޮބާ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ފަހު ހުސްވި މަގާމުތަކަށް އައްޔަންކުރަން ލަފާ ދީފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމްއާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު؛ ތައުލީމާއި ތަޖުރިބާއަށް ބަލާއިރު ކުރީގެ ފަނޑިޔާރުން ރަނގަޅު ކަމަށް ބުނެވިދާނެ

މާޒީގައި ގޯސްތަކެއް ފެނުނަސް، މިފަހުން ސުޕްރީމް ކޯޓު ވެގެން ދިޔައީ އުންމީދަކަށެވެ. ކުރިން ހެން، ސުޕްރީމް ކޯޓުން އަމިއްލައަށް މައްސަަލައެއް ނުބަލަ އެވެ. އަމިއްލައަށް އިސްވެގެން، ދަށު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ބަހެއް ނުބުނެ އެވެ. ޝަރުއީ ތިން މަރުހަލާ ފުރިހަމަ ނުވާނެ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމަ އެވެ. ރޭގަނޑުގެ ނުރަސްމީ ވަގުތުތަކުގައި އަޑުއެހުންތައް ބާއްވައި ހުކުމްތަކެއް ނުނެރެ އެވެ.

އެހެންވިޔަކަސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމުގެ ސަގާފަތް މި ފަހަރު ވެސް ތަކުރާރުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި ދައުލަތާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރީ ބަންދު އަމުރަކަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވި މައްސަލައެއްގަ އެވެ.

ދެ ފަނޑިޔާރުން ވަކިކުރުމުން ހުސްވި މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ 12 ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއުކުރެއްވުމަށް ފަހު ތަރުތީބުކުރި ލިސްޓުގައި އެންމެ މަތީގައިވާ ދެ ބޭފުޅުންނަކީ ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ކުރިން ތިއްބެވި ފަނޑިޔާރުންނާއި މިހާރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީން އިސްކަން ދެއްވި ދެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާއަށް ބަލައިލަމާ ހިނގާށެވެ. 

ފަނޑިޔާރުކަމަށް ގެންނަން އުޅޭ ދެ ބޭފުޅުން

މުހައްމަދު ސަލީމް

  • ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލްކުރެއްވި

  • ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހޭދަކުރެއްވި

  • ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ތިން އަހަރު

އަބްދުﷲ ހަމީދު

  • ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީން

  • ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި

  • ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 14 އަހަރާއި ހަ މަސް ވަންދެން

  • ޖޭއެސްސީގައި ހައި ކޯޓު ތަމްސީލްކުރައްވާ މެންބަރުކަން ކުރެއްވި

  • ފަނޑިޔާރުކަމުން ވަކިކުރީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުން ފްލެޓެއް ބައްލަވައިގަތްކަމަށް ތުހުމަތުވާ މައްސަލައެއްގައި ޖޭއެސްސީން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން

ވަކިކުރި ފަނޑިޔާރުން

ޑރ. އަޒްމިރަލްދާ ޒާހިރު

  • އިނގިރޭސިވިލާތުގެ ޔުނާވިސިޓީ އޮފް ކާޑިފް އިން ބެޗްލާސް އިން ލޯ ހާސިލްކުރެއްވި

  • އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕޯޓްސްމައުތު އިން މާސްޓާސް އޮފް ލޯ ހާސިލްކުރެއްވި

  • ޕީއެޗްޑީ ހާސިލްކުރެއްވީ ބައިނަލްއަގުވާމީ ފިކުރީ މުދަލާ ބެހޭ ގާނޫނުގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެގްޒެޓާއިން

  • އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިންގަމުން ދިޔަ ލޯ ކޮމިޝަނުގެ ލީގަލް އޮފިސަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވި

  • މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ބަދަލުވެގެން ދިޔަ ދުވަސްވަރު ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން

  • ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރު؛ ފަސް އަހަރު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވި

  • ސުޕްރީމް ކޯޓަށް 2019ގައި އައްޔަންކުރަން ދެން އަޒްމިރަލްދާ އުޅުއްވީ އަމިއްލަ ލޯފާމެއް އުފައްދަވައި ޕްރައިވެޓް ލޯ ޕްރެކްޓިސްގައި

މަހާޒު އަލީ ޒާހިރު

  • މޯލްޑިވްސް ކޮލެޖް ފޮ ހަޔާ އެޑިއުކޭޝަން އިން ބެލްޗާ އޮފް ލޯސް ޑިގްރީ ހާސިލްކުރެއްވި

  • މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރެޓިވް ލޯސް ޑިގްރީ ހާސިލްކުރެއްވި

  • އެޓާނީ ޖެނެރަލް އޮފީހުގެ ޖިނާއީ މައްސަލަތަކާ ބެހޭ ސެކްޝަނުގައި އެސިސްޓެންޓް ސްޓޭޓް އެޓާނީކަން، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާގެ ގޮތުގައި ދައުލަތް ތަމްސީލްކުރެއްވި

  • ޑްރަގް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަސް ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި

  • މަހާޒަކީ ގާނޫނީ، ޝަރުއީ، އަދި ދީނީ އިލްމުގެ ތަފާތު އެކި ފަންނީ މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެއް

އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލަރަކުން ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދުނުކޮށް ދޫކޮށްލި އިރު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވެސް ނިންމީ ހެކި ނެތުމުން މައްސަލާގައި ދައުވާ ނުކުރުމަށެވެ.

ބަންދު އަމުރަށް މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ސުލޫކީ މައްސަލައެއް ބަލަން ފެށީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ 26 ފެބްރުއަރީގައި ސަސްޕެންޑްކުރީ ދުސްތޫރީ މައްސަލާގައި ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި ވަނިކޮށެވެ.

ކޮމެންޓް (2)

އަންނި

29 މޭ 2025
އަތުގައި އޮންނަ ސެޓްފިކެޓަކުން ނޫނޭ ޖަޖު ކުރަންވީ . ސުއޫދު އަތުގައި ވެސް މޮޅު ސެޓްފިކެޓްްތަށް ހުއްޓޭ . އެކަމަކު މޑޕ މުޒާހަރާ ތަކުގައި އެކްޓިވިސްޓަކަށް އުޅެފައި ސ ކޯޓަށް އައިސް. އެކްޓިވިސްޓް ބިހޭވިއަރ ގައި ބެންޗުގައި އިނދެގެން ޒުވާބު ކުރަން ކަމަކު ނުދޭ
4 8

ޑޮންޑޮން

30 މޭ 2025
@އަންނި ދެން ބަލަމާ ހިނގާ ފަޑިޔާރު ކަމުގައި ނެރެފައިވާ ހުކުމްތަކުގެ ފެންވަރަށް، ގާނޫނީ ނުކުތާތަކަށް. އުޑާ ބިމާހާ ތަފާތުވާނެ.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް