ޓެލެގްރާމް އެޕް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގިނަ ބައެއްގެ ޓެލެގްރާމް އިއްޔެ ހެކްކޮށްފި؛ ފުލުހުންގެ އިރުޝާދުތަކެއް
ގިނަ ބައެއް ޓެލެގްރާމް އިއްޔެ ހެކްކުރުމާ ގުޅިގެން، އެކަމަށް ސަމާލުވުމަށް އެދި ބައެއް އިރުޝާދުތައް ފުލުހުން ދީފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ހެކްކުރި ޓެލެގްރާމް އެކައުންޓްތަކުގެ ތެރޭގައި ބައެއް އިސް ބޭފުޅުންގެ އެކައުންޓުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ނޫނަސް ބައެއް ވިޔަފާރިވެރިން އަދި ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އެކައުންްޓުތައް ހިމެނެ އެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ގާސިމްގެ އެކައުންޓު އިއްޔެ ހަވީރުގެ ވަގުތެއްގައި ހެކްކޮށް، ބައެއް މީހުންނަށް މެސެޖްކޮށްފައިވެ އެވެ. އަދި އެ މެސެޖްތައް ކުރި ފަހުން މިހާރު އެ އެކައުންޓު ވަނީ ރިކަވާކޮށްފަ އެވެ.
އާންމު ގޮތެއްގައި ޓެލެގްރާމް އެކައުންޓު ހެކްކުރަނީ ނުދަންނަ ނަންބަރުތަކުން އެ މީހަކަށް ލިންކު ފޮނުވައިގެން، އެ ލިންކަށް ފިތުމުންނެވެ. ޓެލެގްރާމް އެކައުންޓުތައް ހެކްކުރުން އާންމުވުމާ ގުޅިގެން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ފޭސްބުކް ޕޭޖުން ސަމާލުވުމަށް އެދި ރޭ ޕޯސްޓްތަކެއްކޮށްފައިވެ އެވެ.
އެ ޕޯސްޓުތަކުގައި އެދިފައި ވަނީ ނުދަންނަ ފަރާތްތަކުން އެގޮތަށް ލިންކްތައް ފޮނުވުން ހުއްޓުވުމަށްޓަކައި ޓެލެގްރާމްގެ ސެޓިންސް ބަދަލުކޮށްދިނުމަށެވެ. އެކަން ކުރާނެ ގޮތަކީ:
-
ޓެލެގްރާމް ހުޅުވާލުމަށް ފަހު 'ސެޓިންގްސް'އަށް ފިތާލާ
-
އެއަށް ފަހު ދެން ދާން ޖެހެނީ 'ޕްރައިވެސީ އެންޑް ސެކިއުރިޓީ'އަށް
-
'އިންވައިޓްސް' އަދި 'ކޯލްސް'، 'މައި ކޮންޓެކްސް'އަށް ބަދަލުކޮށްލާ
މިފަދަ ކަމެއް ފާހަގަވާ ނަމަ، އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދެ އެވެ. އެގޮތުން:
-
ފޯނުން - 911 ނުވަތަ 125
-
އީމެއިލް - [email protected]