އީދު ފާހަގަ ކުރުމަށް ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް (ފޮޓޯ/އަހުނަފްއެމްވީ)

ބ.ކަމަދޫ

ބޮޑު އީދާ އެކު ކަމަދޫގެ އިގްތިސޯދަށް ދިރުމެއް

އީދާ ދިމާކޮށް ރަށުގައި ހިންގާ 13 ގެސްޓްހައުސް އެކީ ފުރި، ގޭގޭގައި ކުއްޔަށް ދޭން ހަދާފައި ހުރި ހުރިހާ ކޮޓަރިއެއް ވެސް އޮތީ ފުރިފައި

އެންމެ ކުލަގަދަކޮށް، ފޯރިއާ އެކު އީދު ފާހަގަ ކުރާ އެއް ރަށަކީ ބ. ކަމަދޫ އެވެ. ޒަމާނުއްސުރެ ވެސް އެ ރަށުގައި އެކަން އޮންނަނީ އެހެންނެވެ. އެކަމަކު މިދިޔަ އަހަރު ކަމަދޫގައި އީދު ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ލިބި، މި އަހަރު އެންމެ ގިނަ ބަޔަކު އީދަށް ދާން ބޭނުންވި ރަށަކީ ވެސް ކަމަދޫ އެވެ.

އެއާ އެކު، މި ނިމުނު ބޮޑު އީދުގައި އެތައް ސަތޭކަ ބަޔަކު ކަމަދުއަށް ދިޔަ އެވެ، އީދު ބަންދު އެކުގައި އެ ރަށުގައި ހޭދަކުރި މީހުންނާއި ކޮންމެ ދުވަހަކު ވެސް ކުޅިވަރުތައް ބަލާލަން ދިޔަ މީހުން ވެސް އޭގެ ތެރޭ ހިމެނެ އެވެ.

އީދު ފާހަގަ ކުރުމަށް ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް (ފޮޓޯ/އަހުނަފްއެމްވީ)

އީދަށް ކަމަދުއަށް ދިޔަ މީހުންނާ އެކު ރަށް ފުރާލި އެވެ.  ގެސްޓުހައުސްތައް ފުރި ގޭގޭގެ ކުއްޔަށް ދޭ ކޮޓަރިތައް ވެސް އެކީ އޮތީ ފުލްވެފަ އެވެ.

މާލެ އާއި އަތޮޅު ތެރެއިން ގިނަ ބަޔަކު އެ ރަށަށް ގޮސް އީދު ނިމެންދެން ތިބި އިރު އީދުގެ ހަރަކާތްތައް އަދިވެސް ކަމަދޫގައި ނުނިމެ އެވެ.

ކަމަދޫ ކައުންސިލްގެ މެންބަރު ހަސަން މުފީދު ލަފާކުރައްވާ ގޮތުގައި، އެ ރަށަށް އީދުގައި 1،500އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި އެވެ. ރަށުގައި ހިންގާ 13 ގެސްޓްހައުސް ބުކްވެ، ގޭގޭގައި ކުއްޔަށް ދޭން ހަދާފައި ހުރި ކޮޓަރިތައް ވެސް އެކީ ހުރީ ފުރިފަ އެވެ. ގެސްޓްހައުސްތަކަށް އެކަނި ބެލި ނަމަވެސް އެއީ 350އަށް ވުރެ ގިނަ އެނދެވެ.

"ގެސްޓްހައުސްތަކުން އެކަނި ވެސް 200،000އަށް ވުރެ ގިނަ ރުފިޔާ ދުވާލަކު ވަންނާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

އީދު ފާހަގަ ކުރުމަށް ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް (ފޮޓޯ/އަހުނަފްއެމްވީ)

މީގެ އިތުރުން، ރަށުގެ ކެފޭތަކާއި ގާޑިޔާ އަދި ފިހާރަތަކަށް ލިބުނު އާމްދަނީއާ އެކު މުޅި އީދުގައި އެ ރަށުގެ އިގްތިސޯދަށް 2 މިލިއަން ރުފިޔާއާ ގާތްކުރާ ވަރަކަށް އާމްދަނީ ވަންނާނެ ކަމަށް ލަފާކުރެވެ އެވެ.

ކަމަދޫގެ އީދު ފޯރި ބަލަން ބޭނުންވާ މީހުންނަށް ހާއްސަކޮށް މާލެއިން ދަތުރުތައް ހަމަޖެއްސީ، އެ ރަށުގެ ވިޔަފާރިވެރިއަކަށް ނިސްބަތްވާ ހޯކްސް ކުންފުނިންނެވެ. އޭގެ އިތުރުން، ރ. އަތޮޅާއި ނ. އަތޮޅު އަދި ބ. އަތޮޅުގެ ރަށްރަށުން ކޮންމެ ދުވަހަކު ވެސް މީހުން ކަމަދުއަށް ޒިޔާރަތްކުރި އެވެ.

"އީދު ހަރަކާތްތަކަށް އިތުރަށް ތިން ދުވަސް އިތުރުކޮށްގެން މި ކުރިއަށް ގެންދަނީ. [ކަމަދޫގައި] ހަރަކާތްތައް ނިންމާލާނީ 14ގައި،" މުފީދު ވިދާޅުވި އެވެ.

ބ. ކަމަދޫ.

އީދަށް ކަމަދުއަށް ޒިޔާރަތްކުރި ގިނަ މީހުން ރަށުން ފުރައިގެން ދިޔައީ، މުފީދު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ އީދަށް ވެސް ކަމަދުއަށް ދާން ނިންމައި ގެސްޓްހައުސް ވެސް ބުކްކޮށްފަ އެވެ.

ސަގާފީ އަދި ޒަމާނީ ކުޅިވަރުތަކާ އެކު ކަމަދޫގައި އީދު ހަރަކާތްތައް ކުރިއަށް ގެންދަނީ ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ބައިވެރިވެވޭނެ ކުޅިވަރުތައް ވެސް ހިމަނައިގެންނެވެ. މީގެ އިތުރުން އެ ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ހާއްސަކޮށްގެން އެ މީހުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތަކެއް ވެސް ކަމަދޫގައި ކުރިއަށް ގެންދެ އެވެ.

ރަށުގެ ރީތިކަން ބަލައިލުމަށާއި ފޯރިގަދަ އީދެއް ތަޖުރިބާކޮށް ކަމަދުއަކީ އެންމެ އެކަށޭނަ އެއް ރަށެވެ. އެ ރަށަށް ހުއްޓިފައިވާ ސަމާލުކަމާއި އީދާ އެކު ރަށުގެ އިގްތިސޯދަށް ވެސް ދިރުން ގެނެސްދީފި އެވެ.

ފެށުނީއްސުރެ ފޯރިއާ އެކު އީދު ކުޅިވަރުތައް ކުޅޭ ކަމަދޫ ކައުންސިލުގެ މެންބަރު ދެއްވި ޔަގީންކަމަކީ ކުރިއަށް އޮތް ތަނުގައި ވެސް އެ ރަށުގައި އެ ފޯރި ދެމި އޮންނާނެ ކަމެވެ.

"ހުރިހާ ބޭފުޅުން ވެސް ފުރިހަމަ އީދެއް ބަލައިލަން ބޭނުން ނަމަ ކަމަދުއަށް ޒިޔާރަތް ކުރާށޭ. ކަމަދޫން ފެންނާނެ ފުރިހަމަ އީދެއްގައި ފެންނަން ޖެހޭ ހުރިހާ ރަހަތަކާ ސިފަތައް،" ކައުންސިލްގެ މެންބަރު މުފީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް