މަހާޒު (ކ) އަދި އަޒްމިރަލްދާ. (ފޮޓޯތައް/ސުޕްރީމް ކޯޓު)

ޖުޑިޝަރީ

މަހާޒާއި އަޒްމިރަލްދާ މައްސަލާގައި އައިބީއޭއެޗުއާރުއައި އިން ކަންބޮޑުވުން ފާޅުކޮށްފި

ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ފަނޑިޔާރުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ހެދިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވޭ

ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިން ލަފާއާ މެދު އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިޔުމަން ރައިޓްސް އިންސްޓިޓިއުޓް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ  އެވެ. ނަމަވެސް އެ ދެ ބޭފުޅުން އެކަމަށް ގެންދެވީ އިންކާރު ކުރައްވަމުންނެވެ.

ދެ ފަނޑިޔާރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 14 ގަ އެވެ.

ތަފްސީލް - އެ މައްސަލައާ ގުޅިގެން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިޔުމަން ރައިޓްސް އިންސްޓިޓިއުޓް (އައިބީއޭއެޗްއާރްއައި) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން ނިންމާފައިވަނީ ޑިއު ޕްރޮސެސް ފުރިހަމަ ނުކޮށް ކަމަށާއި ޖުޑިޝަރީ އަށް ނުފޫޒު ފޯރާފައި އޮތް މިންވަރު އެ މައްސަލައިން ފެނިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތުން،  ސަރުކާރުން ފަނޑިޔާރުންގެ މިނިވަންކަމާއި އަދުލު އިންސާފުގެ އުސޫލުތަކަށް އިހުތިރާމްކުރާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެ އެވެ.

ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ފަނޑިޔާރުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން

  • ފަނޑިޔާރުންނާ ދެކޮޅަށް ކުރި ތުހުމަތުތަކުގެ ފުރިހަމަ ތަފްސީލު ދީފައި ނުވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވޭ

  • އެ ދެ ފަނޑިޔާތުން ވަކިކުރުމާ މެދު އިއުތިރާޒުކުރުމަށް އެކަށީގެންވާ ޝަރުއީ ރައްކާތެރިކަން ލިބިދީފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވޭ

  • މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ގެންދިޔުމަކީ ވެސް ކަންބޮޑުވުމެއް

މީގެ އިތުރުން،  ފަނޑިޔާރުންނާ މެދު އެއްވެސް އިސްލާހީ ފިޔަވަޅެއް އަޅާ ނަމަ، އެކަން ކުރަންވާނީ ފަނޑިޔާރުންގެ މިނިވަންކަމާއި އަދުލު އިންސާފުގެ އުސޫލުތަކަށް އިހުތިރާމު ކުރަމުން ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިޔުމަން ރައިޓްސް އިންސްޓިޓިއުޓް އިން ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައެޅިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބައަވުމަށް އެ ބަޔާނުގައި ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.

ފާހަގަ ކުރެވޭ - ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ މެދު ފާޑުކިޔާ އިންޑިއާގެ ބާ އެސޯސިއޭޝަނާއި މެލޭޝިއާގެ ބާ އެސޯސިއޭޝަންގެ އިތުރުން ކޮމަންވެލްތުގެ ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ ފާޑުކިޔައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް