ދަރުމަވަންތަ ހޮސްޕިޓަލުގައި ތިއޭޓަރެއްގައި ޑޮކްޓަރުންތަކެއް ހަރަކާތްތެރިވަނީ (ފައިލް ފޯޓޯ)
ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ
ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނިގެން އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ވީ ކިހިނެއް؟ - މި ބަލީގައި އިއްޔެ އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއާ އެކު އެޗްޕީއޭއިން ވަނީ، މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނުކަން ކަށަވަރުކޮށް، މިއަދު ބަޔާނެއް ނެރެފަ އެވެ.
ބުނީ ކީކޭ؟ - "އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުން،" އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
މެނިންގޯކޮކަލް އަކީ ކޮބާ؟
އިންވޭސިވް މެނިންގޯކޯކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. ރާއްޖެއިން މި ބަލި ފެނިފައިވަނީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންގެ ގައިން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގަ އެވެ. އަލާމާތްތަކުގެ ތެރޭގައި:
-
ހުން އައުން
-
ހަމުގައި ރަތް ބިހިތަކެއް ނެގުން
-
ބޮލުގައި ރިއްސުން
-
ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވޭ
މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންގެ ގަޔަށް ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑެވެ.
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) މިދިއަ އަހަރުގެ 25 ޖޫންގައި ނިޔާވީ ވެސް އެ ބަލީގަ އެވެ. އޭނާއަށް ބަލިޖެހުނީ އެ އަހަރު ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ ދައުވަތަށް ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ހިމެނި، ހައްޖުގެ އަޅުކަން ނިންމާފައި ހަމަ އައުމާ އެކުގަ އެވެ. އެއީ އޭރު އެޗުޕީއޭއިން ބުނި ގޮތުގައި ރާއްޖެއިން ފެނުނު އިންވޭސިވް މެނިންގޯކޮކަލްގެ ތިން ވަނަ ކޭސް އެވެ.