ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ އަބްދުﷲ ހަމީދު (ވ)، މުހައްމަދު ސަލީމް (ކ)
ހަމީދާއި ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ނިންމީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފޮނުވާފައިވާ ހުށަހެޅުން ދިރާސާކުރުމަށް ފަހު، އެކަމާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އެ ދެ ބޭފުޅުންގެ ޝަރުތު ފުރިހަމަވާ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރުހުންދޭން ނިންމެވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ތަފްސީލް - މިގޮތަށް ފާސްކޮށް، ރުހުންދޭން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ހައި ކޯޓުގައި މަސައްކަތްކުރައްވައި ތައުލީމީ ބޭފުޅުންނަށް ވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތު ފުރިހަމަވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޝަރުތު ފުރިހަމަނުވާ ކަމަށް ދެކެވޭ ވާހަކައަށް ވެސް އެއްޗެއް ދަންނަވާލަން ބޭނުން. ސަބަބަކީ އޭގައި ބުނަނީ އެންމެ އަސާސީ ސަބަބު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ސަބަބަކީ އެއަށް ވުރެ މަތީ މަސައްކަތްތައް އެބަހުރި. މިސާލަކަށް ގާނޫނީ މަސައްކަތްތައް ކުރައްވާނެ ގާނޫނީ ވަކީލުން ވެސް އަދި ފަނޑިޔާރުން ވެސް ކުރައްވަނީ އެ މަސައްކަތް. އެހެންކަމުން އެއީ ޝަރުތުހަމަނުވާ ސަބަބެއް ނޫން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށެވެ. އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފަ އެވެ.
ކޮމެންޓް (1)
ހހގބ