އެމްއެސްއޯގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ހިމެނޭ ފޮޓޯއެއް.
އެމްއެންޔޫގެ ދިފާއީ ދާއިރާގެ ޖާނަލްގައި ޝާއިއުކުރުމުގެ ފުރުސަތު އޮސްޓްރޭލިއާގައި ހުޅުވާލައިފި
ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި އަލަށް އެފެއްދި ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީސްއިން ފަށާފައިވާ މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް (އެމްއެސްއޯ)ގައި ލިޔުންތައް ޝާއިއުކުރުމުގެ ފުރުސަތު އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަސިޓީ (އޭއެންޔޫ)ގައި ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޖާނަލް ވަނީ އެ ޔުނިވަސީގެ ވެބްސައިޓްގައި ލޯންޗުކޮށްފަ އެވެ.
އޭއެންޔޫގެ ސައުތު އޭޝިއަން ރިސާޗު އިންސްޓިޓިއުޓް (އެސްއޭއައިއާރު)ން ނެރޭ ނިއުސްލެޓާގައި، އޮސްޓްރޭލިއާ އަދި ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީގެ ދާއިރާގެ ގިނަ އެކެޑެމިކުންނާއި ޕޮލިސީ އިންސްޓިޓިއުޓްތައް ބައިވެރިވެ އެވެ.
ބުނީ ކީކޭ؟ - "މި ކާމިޔާބީގެ ސަބަބުން، އެމްއެންޔޫގެ ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީސްގެ 'މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް' (އެމްއެސްއޯ)އަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވޭ ފަދަ މަގުބޫލުކަމެއް ލިބިގެންދާނެ،" އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވި އެވެ.
"މިއީ މި ޔުނިވަސިޓީން ތައުލީމީ ފެންވަރު މަތިކޮށް ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ އިތުރު ހިތްވަރަކަށްވެ، ކުރިއެރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމެއް."
ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީސްގެ އިސްވެރިޔާ ޑރ. އަތާއުﷲ އަހުމަދު ރަޝީދު ވިދާޅުވީ ބޭރުގެ ޔުނިވަސިޓީތަކުގައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ 'މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް'ގައި ލިޔުންތައް ޝާއިއުކުރުމުގެ ފުރުސަތު އޮތްކަން އިއުލާންކުރުމަކީ އެ ޖާނަލް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
އެނގުން މުހިންމު - ގައުމީ ސަލާމަތާ ގުޅުންހުރި އިލްމީ މައުލޫމާތު ގެނެސްދޭ ރާއްޖޭގެ ފުރަތަމަ ޖާނަލް ކަމަށްވާ އެމްއެސްސއޯގެ އެޑިޓަރުންނަކީ:
-
ސީއެސްއެސްއެސްގެ ވެރިޔާ ޑރ. އަތާއުﷲ އަހުމަދު ރަޝީދު
-
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރު އަހުމަދު ޒަކީ ނާފިޒު
-
މެރިޓައިމް ސެކިއުރިޓީގެ މާހިރު، ބަންގްލަދޭޝްގެ ޔުނިވަސިޓީ އޮފް ޑާކާގެ ޕްރޮފެސަރު ލައިލޫފަރު ޔަސްމީން
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕްރޮފެޝަނަލުންނާއި ދަރިވަރުންގެ އިތުރުން، ސެކިއުރިޓީ އަދި ސްޓްރެޓެޖިކް ސްޓަޑީޒްގެ ތަޖުރިބާކާރުންނަށް މި ޖާނަލްގައި ލިޔުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ޖާނަލްގައި 800 އާއި 1000އާ ދެމެދުގެ ދިގުމިނުގެ އަމިއްލަ ލިޔުންތައް ލިޔާ މައުލޫތަކަކީ:
-
ގައުމީ ސަލާމަތާއި ރައްކާތެރިކަން
-
އަސްކަރީ އަދި ދިފާއީ ދާއިރާ
-
ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން
-
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސަލާމަތީ ކަންކަން
-
މަސްތުވާތަކެތީގެ ވަގު ވިޔަފާރި
-
ޓެރަރިޒަމް
-
ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަން