2018 އިން 2023އަށް ސްޕޯޓްސް މިނިސްޓަރަކަށް ހުންނެވި އަހުމަދު މަހުލޫފް. (ފައިލް ފޮޓޯ/މަޖިލީސް)
ސްޕޯޓްސް މިނިސްޓްރީގެ 2018-2023 އޮޑިޓު: ފަރުވާކުޑަ ކަމާއި އިހުމާލުގެ އިންތިހާ
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން މިދިޔަ ސަރުކާރުގައި ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައިވާއިރު ރެކޯޑުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޮޑިޓު އޮފީހުން ވަނީ އެ މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރާ ހަމައަށް ކޮށްފައިވާ މުއާމަލާތްތަކާއި މަޝްރޫއުތައް އޮޑިޓުކޮށް، ރިޕޯޓެއް އާންމުކޮށްފަ އެވެ. ރަށްރަށުގައި ކުޅިވަރު ކުޅޭނެ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ މަސައްކަތް މަތިކޮށްފައި އޮތް އެ މިނިސްޓްރީގެ އެ މުއްދަތުގެ އޮޑިޓު ރިޕޯޓުން ފެންނަނީ އިހުމާލާއި ފަރުވާކުޑަކަމުގެ މިސާލުތަކެެވެ.
ތަފްސީލް - އޮޑިޓު އޮފީހުން އިއްޔެ އާންމު ކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2018 އިން 2023އަށް ސްޕޯޓްސް މިނިސްޓްރީން 576 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މަޝްރޫއުތަކުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
-
2022 ވަނަ އަހަރު ފިޔަވާ ކޮންމެ އަހަރަކު ވެސް ކުރި ހަރަދު އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރުވެފައި
-
ރިޔާސީ އިންތިހާބު އޮތް 2023 ވަނަ އަހަރުގެ އެ ހަރަދުތައް އެހެން އަހަރުތަކާ އަޅާބަލާއިރު މާ ބޮޑަށް ވެސް އިތުރު
-
2022އާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ހަރަދުތައް %64 އިތުރުވެފައިވޭ
-
އަހަރުން އަހަރަށް ހަރަދު އިތުރުވި ނަމަވެސް މަޝްރޫއާ ގުޅޭ ކަންކަން އެކަށީގެންވާ ގޮތަށް ބަލަހައްޓާފައެއް ނުވޭ
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ މައުލޫމާތު ބަލަހައްޓާފައެއް ނެތެވެ. އެގޮތުން، މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ނެތް ކަމަށާއި މުހިއްމު ލިޔުންތައް ވެސް ފައިލްކޮށްފައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.
"މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މި އޮފީހުން އެދުމުން، މިނިސްޓްރީން ހިއްސާކޮށްފައިވާ ލިސްޓު (އެކްސެލް ފައިލް)ގައި ބައެއް މުހިއްމު މައުލޫމާތުތައް ނެތްކަން ވެސް ފާހަގަކުރަމެވެ،" އޮޑިޓު އޮފީހުން އާންމުކުރި ރިޕޯޓުގައިވެ އެވެ.
މަޝްރޫއުތައް އެވޯޑުކުރި ތާރީހާއި އަގު އަދި މަސައްކަތް ފަށަން ޖެހޭ ތާރީހާއި ނިންމަން ޖެހޭ ތާރީހު އަދި މުއްދަތަށާއި އަގަށް ބަދަލު ގެނައި ނަމަ އެފަދަ މައުލޫމާތު ވެސް ނެތްކަން އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެ އެވެ. މައުލޫމާތުތައް ފުރިހަމަނުވުމުން، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓު އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޕްރޮކިޔުމެންޓުގެ އަގު 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނަމަ، އެ މަޝްރޫއަށް ހުއްދަ ދޭނީ ޓެންޑަ ބޯޑަށް ހުށަހަޅައިގެން ކަމަށް މާލިއްޔަތު ގަވައިދުގައި ބުނި ނަމަވެސް، ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ކުޅިވަރު ކުޅޭ ދަނޑުތައް އެޅުމުގެ މަޝްރޫއުތައް އެކި ބައިބަޔަށް ބަހާލައިގެން އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިއީ މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ މުއާމަލާތްތަކެއްކަން ފާހަގަކޮށް ރެ ރިޕޯޓުގައި ބުނީ:
-
އޮޑިޓުގައި ބެލި 129 މަޝްރޫއުގެ ތެރެއިން 23 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މަޝްރޫއުގައި ހިމެނޭ އެއްކޮށް ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން
-
މި 23 މަޝްރޫއަށް 154 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން 18 މަޝްރޫއަކީ ޖުމްލަ އަގު 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަޝްރޫއުތައް
އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަސައްކަތްތައް ބައިބަޔަށް ބަހާލައިގެން އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމުން މަސައްކަތްތައް ލަސްވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެެ އެވެ. ސަބަބަކީ ބައެއް މަޝްރޫއުތަކުގައި އެއް މަސައްކަތެއް ނިމުމުން ނޫނީ މަޝްރޫއުގައި ހިމެނޭ އިތުރު މަސައްކަތްތައް ނުފެށޭނެތީ އެވެ. މި ފަދަ ހާލަތްތަކުގައި އެއް މަސައްކަތެއް ދެފަހަރަށް ކުރަންޖެހި އިތުރު ހަރަދުތައް ދައުލަތުގެ ބަޖެޓުން ކުރަންޖެހިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް، އެޑްވާންސް ފައިސާގެ ގޮތުގައި މަޝްރޫއުގެ ޖުމްލަ އަގުގެ %55 ދޫކޮށްފައިވާކަން ވެސް އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ. މާލިއްޔަތު ގަވައިދު ބުނަނީ ކޮންޓްރެކްޓަރު ބޭނުންވެއްޖެ ހިނދެއްގައި އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ ޖުމްލަ އަގުގެ %15 ކަމަށެވެ. އަދި އެއަށް ވުރެ އިތުރަށް ފައިސާ ދޫކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައަށް ލިޔުމުން އެދި، އެ ހުއްދަ ލިބުމުން ކަމަށް ވެސް މާލިއްޔަތު ގަވައިދު ބުނެ އެވެ.
ނަމަވެސް ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގައި ޓާފް އެޅުމުގެ މަސައްކަތްތަށް ބޭނުންވާ ތަކެތި ސައިޓަށް ސަޕްލައިކުރުމާއި ހަމައަށް މަޝްރޫއުގެ އަގުގެ %55އަށް ވާފައިސާ ކޮންޓްރެކްޓަރަށް ދޫކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އޮޑިޓު ރިޕޯޓުގައި ދެން ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ މަޝްރޫއުގެ ޕްރޮޖެކްޓު ކޯޑު ނޫން އެހެން ކޯޑެއްގައި ހަރަދު ރެކޯޑުކޮށްފައިވާ ކަމެވެ. އެގޮތުން، ރަނގަޅު ނޫން ކޯޑުގައި 7 މަޝްރޫއެއް ރެކޯޑުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އެއް މަޝްރޫއެއްގެ ގޮތުގައި ރެކޯޑު ކުރަން ޖެހޭ މަޝްރޫއުތަކުގެ ހަރަދު، ތަފާތު މަޝްރޫއުތަކުގެ ގޮތުގައި އެސްއޭޕީގައި ރެކޯޑުކޮށްފައިވާ ކަމަށާއި މިއީ އެއްކޮށް ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށްގެން ކުރިއަށް ގެންދިޔުމުން ދިމާވެފައިވާ ކަމެއް ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ މަޝްރޫއުތަކަށް ގެނެސްފައިވާ ވޭރިއޭޝަންތަކުގެ ސަބަބުން މަޝްރޫއަށް ބަޖެޓުން ކުރަން ޖެހުނު ހަރަދު އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ސާމްޕަލްގެ ގޮތުގައި ބެލި 129 މަޝްރޫއުގެ ތެރެއިން 19 މަޝްރޫއުގައި މަސައްކަތް ހަވާލު ކުރި ފަރާތާ އެކު ވެވޭ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެފައިވެ އެވެ. އެއްބަސްވެފައިވާ އަގަށް ވޭރިއޭޝަންގެެ ގޮތުގައި ޖުމްލަ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ:
-
މަޝްރޫއުތައް ހަވާލުކުރުމުގެ ކުރިން އެކަމުގެ މަސްއޫލުވެރިންނާ މަޝްވަރާ ކޮށްފައިނުވާތީ، ފަހުން ވޭރިއޭޝަންގެ ގޮތުގައި އިތުރަށް މަސައްކަތް ކުރަން ޖެހިފައިވޭ
-
ގަވައިދާ ހިލާފަށް ވޭރިއޭޝަން ގެނެސްފައިވޭ
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ބައެއް މަޝްރޫއުތަކާ ގުޅޭ މައުލޫމާތު މަޝްރޫއު ކުރިއަށް ގެންދާ ރަށްރަށުގެ ކައުންސިލަރުންނަށް އަދި ސްޕޯޓްސް މިނިސްޓްރީއަކަށް ވެސް ނޭނގެ އެވެ. އެގޮތަށް ދިމާވެފައިވަނީ މަޝްެރޫއުތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތަށް ބަލަހައްޓާފައި ނުވާތީ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ އަނެއް ކަމަކީ:
-
ބައެއް މަޝްރޫއުތައް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވޭ
-
އޭގެ ތެރޭގައި 2019 އަދި 2020ގެ މަޝްރޫއުތައް ވެސް ހިމެނޭ
-
މަޝްރޫއުތައް ހުއްޓާލާ ގިނަ ދުވަސް ވުމުން ދަނޑުތަކުގެ މަސައްކަތް ކުރަން ފަށާފައިވާ ތަންތަނުގައި ވިނަ ފަޅައި ރާނާފައިވާ ބައެއް ތަންތަން ހަލާކުވެފައިވޭ
-
މީގެ ސަބަބުން މަޝްރޫއަށް ހަރަދު ކުރަން ކަނޑައެޅި އަދަދަށް ވުރެ މާ ގިނައިން ހަރަދު ކުރަން ޖެހޭނެ
ސްޕޯޓްސް މިނިސްޓްރީއަށް ހޯދާފައިވާ ބައެއް ހަރުމުދާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި ހަރުމުދަލުގެ ރަޖިސްޓްރީގައި ބައެއް މުދާ ހިމަނާފައި ނުވާކަމަށް އަދި ބައެއް ހަރުމުދާ ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ކަމަށް ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން:
-
ސްޕޯޓްސް މިނިސްޓްރީއަށް 2022 ވަނަ އަހަރު ހޯދި ހަރުމުދާ ހުރިތޯ ބެލިއިރު، އޮޑިޓު ސާމްޕަލްގެ ގޮތުގައި ބެލި 442،201ރ. ފެނިފައެއް ނުވޭ
-
މިކަމާ މެދު ސުވާލު ކުރުމުން އެތަކެތި ގެއްލިފައިވާ ކަމަށް އޮޑިޓަރުންނަށް މައުލޫމާތު ދިން
-
ނަަމަވެސް އޮޑިޓުގެ ތާރީހާއި ހަމައަށް ވެސް އެ އެއްޗެހި ގެއްލުނުކަން ފުލުހުންނަށް އަދި ފިނޭންސްއަށް ވެސް އަންގާފައެއް ނުވޭ
މީގެ އިތުުރުން، 2023 ވަނަ އަހަރު ވެރިކަން ބަދަލުވެ، ސްޕޯޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ދެ މިނިސްޓްރީގެ ގޮތުގައި ބެހިގެން ދިޔަ ޓްރާންސިޝަން މުއްދަތުގައި ސްޕޯޓްސް މިނިސްޓްރީގެ ބައެއް ހަރުމުދާ ގެއްލިފައިވާ ކަމަށް މިނިސްޓްރީގެ އައިޓީ މުވައްޒަފަކު ފާހަގަކުރުމުން އެކަން އެ މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
-
ސްޕޯޓްސް މިނިސްޓްރީގެ ހަރުމުދާ މުވައްޒަަފުންގެ ގެޔަށާއި އެކި ރަށްރަށަށް ގެންދާއިރު އެ ތަކެއްޗަށް ޒިންމާވާނެހެން ލިޔުމުން ހަވާލުކޮށްފައެއް ނުވޭ
-
މިނިސްޓްރީން ގެއްލިފައިވާ މުދަލަށް ޒިންމާވާނެ މީހަކު ކަނޑައެޅުމަކީ ދަތިކަމެއް
-
ޔޫތު ސެންޓަރުތަކަށް ހޯދާފައިވާ ތަކެތި ހަވާލު ކުރި ކަމުގެ ލިޔުންތައް ވެސް ނެތް
-
ބައެއް ތަކެތި ފޮނުވީ ކޮން ރަށަކަށްކަން ވެސް ނޭނގޭ
މީގެ އިތުރުން، 61 ރަށަކަށް ބޭނުންވާ ޖިން އިކުއިޕްމެންޓު ހޯދުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށްކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ މަސައްކަތް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމުން ދައުލަތުގެ މާލިއްޔާއިން 1 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހުނު ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދެން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ 'ނިސާން' މަރުކާގެ 6 ގޮނޑީގެ އާ ވޭނެއް ގަންނަން ހަވާލު ކުރުމުން ބާ ވޭނެއް މިނިސްޓްރީއާ ހަވާލުކުރި މައްސަލައެކެެވެ. އެގޮތުން:
-
2019 ވަނަ އަހަރު ވޭން ގަތުމަށް އިއުލާނު ކުރުމުން 9 ފަރާތަކުން ބިޑު ހުށަހެޅި އިރު، ބިޑް އެވޯޑުކޮށްފައި ވަނީ 4 ވަނައަށް ދިޔަ ފަރާތަށް
-
އެ ފަރާތުން މިނިސްޓްރީއާ ހަވާލު ކުރީ ބާ ވޭނެއް
އޮޑިޓުން ދެން ފާހަގަވި އަނެއް ކަމަކީ އެ މިނިސްޓްރީން ހަރަދުކޮށްގެން ރަށްރަށުގައި އަޅާފައިވާ ޔޫތު ސެެންޓަރުތަައް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރުމާއި އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމެވެ.
ރަށްރަށުގައި ޔޫތު ސެންޓަރުތައް އެޅުމުގެ ކުރިން އެތަންތަން ބޭނުން ކުރާނެ ގޮތް ކަނޑައަޅާފައި ނުވާ ކަމަށާއި އެފަދަ ތަނެއްގެ ބޭނުންތެރިކަން ވެސް ވަޒަންކޮށްފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން 2018 ވަނަ އަހަރު 36 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެ ފައިސާ ހަރަދު ކުރި ގޮތް އެ މިނިސްޓްރީން ބަލަހައްޓާފައި ނުވާކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެސޯސިއޭޝަންތަކުން ވެސް އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލު ލިޔުމުން ބަލަހައްޓާފައި ނެތް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.