އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓެއް
ނައިބު ރައީސް އިންނެވި ފްލައިޓެއްގައި ބޮމުގެ އިންޒާރެއް ދިނުމުން އިމަޖެންސީގައި އަނބުރާ ޖައްސައިފި
ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު މިދިޔަ ހަފްތާގައި އެމެރިކާގައި ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމުގެ އިންޒާރެއް ލިޔެފައި ހުއްޓާ ފެނިގެން ބޯޓު އަނބުރާ ޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖެެލިސްއަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފާހާނާއެއްގެ ލޯގަނޑުގައި ހުރި ލިޔުމަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ބޯޓު އަނބުރާ ޖައްސާފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
ތަފްސީލް - ޔުނައިޓެޑުގެ ފްލައިޓު ނަންބަރު 1169ގައި ނައިބު ރައީސް ހުސެން ވެސް އިންނެވި ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނައިބު ރައީސް ހަވާއީއަށް ވަޑައިގަތީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށެވެ.
ޔުނައިޓެޑު އެއާލައިންސުން ބުނީ އެ އެއާލައިނުގެ ބޮއިން777 މަރުކާގެ ބޯޓުގެ ފާހާނާ އިން ފެނުނު އިންޒާރުގެ ލިޔުމާ އެކު ބޯޓު އަނބުރާ ހޮނޮލުލޫއަށް އިމަޖެންސީގައި ޖެއްސީ ކަމަށެވެ.
އެ ފްލައިޓުން 339 ފަސިންޖަރުންނާއި 10 ކްރޫ އިން ދަތުރުކުރި އެވެ. އެ ހާދިސާ އެފްބީއައި އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ނައިބު ރައީސް އިންނެވި ފްލައިޓެއްގައި ދިމާވި ހާދިސާއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް ބަހެއް ނުބުނެ އެވެ.
ފްލައިޓު އިމަޖެންސީގައި ހޮނޮލުލޫއަށް ޖެއްސުމުން ނައިބު ރައީސް އެހެން ފްލައިޓެއްގައި ފުރާވަޑައިގެންނެވީ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.