އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައްދަލު ކުރައްވަނީ (ފޮޓޯ/އެކްސް)

ރާއްޖެ-އިންޑިއާ

ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ: ހަލީލް

ރާއްޖެ-އިންޑިއާ ހައިލެވެލް ކޯ-ގްރޫޕުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވަނީ މިދިޔަ މަހު ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރައްވާފައި

ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތުގައި ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ-އިންޑިއާ ހައިލެވެލް ކޯ-ގްރޫޕުގެ ބައްދަލުވުމަކަށް މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރައްވާ ދަތުރުގައި އިއްޔެ ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފަ އެވެ.

ތަފްސީލް - އެ ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ، މިދިޔަ މަހުގެ 22ގައި ކަޝްމީރުގައި ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކުރައްވައި އިންޑިއާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ތާއީދު އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ހަލީލް ދެއްވި ކަމަށެވެ.

"އިންޑިއާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާގެ ރައްޔިތުންނާއި ސަރުކާރާ އެކު ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޑރ. ހަލީލް ވަނީ ދެއްވައިފަ އެވެ،" ދެ މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން ނެރުނު ބަޔާނަކާ ހަވާލާދީ ދަ ހިންދޫގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޖައިޝަންކަރާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އިންޑިއާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ރާއްޖޭން ދޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އިންޑިއާގެ އެހީ އަބަދުވެސް ދޭނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

ޖައިޝަންކަރާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ މިފަހުން އިންޑިއާ އިން ރާއްޖެއަށް ދިން މާލީ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފާހަގަ ކުރެވޭ - ޕަހަލްގަމްއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ. ޖުމްލަ 26 މީހުން މަރުވި އެ ހަމަލާ ކުށްވެރިކުރައްވައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެފައިވާ ޕަހަލްގަމުގެ ޓެރަރިސްޓް ހަމަލާއިން ހިތާމަ އާއި ސިހުން ލިބިފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން ހުރިހާ ގޮތަކުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ސާބިތުވެ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - ރާއްޖެ-އިންޑިއާ ހައިލެވެލް ކޯ-ގްރޫޕަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ލީޑަރުން އެކުލަވާލެއްވި ތަސައްވުރު ތަންފީޒުކުރަން ދެ ގައުމުގެ ދެމެދު މަޝްވަރާކުރަން އެކުލަވާލި ގްރޫޕެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް