ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު (ދައުރު ފޮޓޯ/އަޒްމީ)
ކްރިކްގެ ދައުވާ އަނބުރާ ގެންދިޔައިރު ޔާމީންގެ ދައުވާތައް މުރާޖާނުކުރުމަކީ ބޭއިންސާފެއް: ޑރ. ޖަމީލު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިޔައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް މުރާޖާނުކޮށް އޮތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ޔާމީނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި ކްރިކް ރިޒާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯއެއް ތަހުލީލުކޮށް ނިމެންދެން ވަގުތީ ގޮތުން ކްރިކްގެ ބައި ދައުލަތުން އަނބުރާ ގެންދިޔައީ 12 ޖުލައި 2023ގަ އެވެ.
ރިޒާގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. އެ ދައުވާތައް މުރާޖާކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ނިންމީ ދެން ރިޒާގެ މައްސަލަ ހުށަހަޅައިގެން ދައުވާ ކުރިއަށް ގެންދަން ލަސްވާނެތީ އެ ދައުވާތައް އަނބުރާ ގެންދިއުމަށެވެ.
ބުނީ ކީކޭ؟ - މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު ކޯޓުން ބޭރުގައި ހުންނަވައިގެން ޖަމީލު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މައްސަލައެއްގައި ހިމެނޭ އެއް ފަރާތުގެ ދައުވާތައް މުރާޖާކުރާ ހާލަތުގައި އޭގެ އެންމެ އިންސާފުވެރި ގޮތަކީ ދެން ހުރި ފަރާތުގެ ދައުވާތައް ވެސް އަނބުރާ ގެންދިއުން ކަމަށެވެ.
ނަމަވެސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް މުރާޖާނުކޮށް ބޭއްވުމަކީ ދައުލަތުން ޔާމީނާ މެދު ތަފާތުކުރުން ގެންގުޅުން ކަމަށާއި އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް، ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޖަމީލު ވިދާޅުވި އެވެ.
މިއަދު ކްރިކް ރިޒާ ހެކިބަސް ދެމުން ޔާމީނާ ދެކޮޅަށް ވަކި ގޮތަށް ހެކިބަސް ދިނުމަށް ރިޔާޒު އޭނާއަށް ހުށަހެޅުއްވި ކަމަށް ވިދާޅުވިކަން، ޖަމީލު ފާހަގަކުރެއްވި އެވެ.
"އެހެންވެ އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެކޭ. އެއީ ދައުލަތަކުން އިސްވެ ދައުލަތުން އެކި މީހުންނަށް އެކި ކަހަލަ މަންފާ، އެކި ކަަހަލަ ހުށަހެޅުން ހުށަހަޅައިގެން ރައީސް ޔާމީނާ ދެކޮޅަށް ޝަރީއަތްތަކުގައި ހެކިބަސް ދޭން ތައްޔާރުކޮށް، އެ ގޮތުގެ މަތިން މައްސަލަ ވަނީ ބިނާކޮށްފައި،" ޖަމީލު ވިދާޅުވި އެވެ.
މި ސަރުކާރުން ގެންދަނީ ޝަރީއަތާއި ހެކިންނަށް ނުފޫޒު ފޯރުވަމުން
ޔާމީންގެ މައްޗަށް މި ދައުވާތައް އުފުލީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގަ އެވެ. ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތް ފަހުން ޔާމީނާ ގުޅުން ގޯސްވެ، ނަތީޖާއެއްގެ ގޮތުން ޔާމީން ވަނީ ވެރިކަންކުރާ ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެންފަ އެވެ.
އޭގެ ފަހުން ވެސް ޔާމީންގެ ޝަރީއަތްތައް ކުރިއަށްދާތީ މި ސަރުކާރުން ވެސް ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޔާމީނާއި މިހާރު އެމަނިކުފާނުގެ އަރިހުގައި ތިބި މީހުން ތުހުމަތުކޮށް ވާހަކަ ދައްކަ އެވެ.
މިއަދު ޖަމީލު ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ. ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ އިތުރަށް ޔާމީނުގެ ދިފާއީ ހެކިންނަށް ވެސް ނުފޫޒު ފޯރުވަން އުޅެފައިވާ ކަމަށް ޖަމީލު ތުހުމަތުކުރެއްވި އެވެ.
"މިއަދު އަޅުގަނޑަށް ހަބަރު ލިބުނު މިއަދު ވެސް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަން އަޅުގަނޑުމެންގެ ދިފާއީ ބައެއް ހެކިތަކަށް ވެސް ނުފޫޒު ފޯރުވަން. އެ މީހުން ވެސް ޝަރީއަތަށް ނާދެވޭ ގޮތަށް ހަދަން، އެ ގޮތަށް ވެސް މަސައްކަތް ކުރިކަމަށް ވަނީ އެނގިފައި،" ޖަމީލު ވިދާޅުވި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމާ އެކު މި މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ މި ވަނީ ނިމިފަ އެވެ. ހުކުމުގެ ކުރިން ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ.
ޖަމީލު ވިދާޅުވީ އިންސާފުވެރިކޮށް ޝަރީއަތުން ކަންކަން ބަލައިފި ނަމަ ޔާމީންގެ މައްޗަށް ދައުވާތައް ސާބިތުނުވާނެ ކަމުގެ ޔަގީންކަން މިހާރު ވެސް އެބަ އޮތް ކަމަށެވެ.