އެސްޓީއޯ އިން އެސްޓްރަޒެނެކާ އަދި ކެންސާ ސޮސައިޓީއާ ގުޅިގެން އޮންކޮލޮޖީ ނަރުހުންނަށް ބާއްވާ ވޯކްޝޮޕްގެ ތެރެއިން (ފޮޓޯ/އެސްޓީއޯ)
އެސްޓްރަޒެނެކާއާ ގުޅިގެން އެސްޓީއޯއިން އޮންކޮލޮޖީ ނަރުހުންނަށް ތަމްރީނު ދެނީ
ރާއްޖޭގައި ކެންސަރު ބައްޔަށް ދޭ ފަރުވާ ހަރުދަނާ ކުރުމަށް އޮންކޮލަޖީ ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އާއި އެސްޓްރަޒެނެކާ އަދި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ފެށި 'އޮންކޮލަޖީ ނާސަސަސް އެކްސެލެންސް (ވަން)' ޕްރޮގްރާމު ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ތަފްސީލް - މި ޕްރޮގްރާމާ ގުޅޭ ގޮތުން އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ ރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީނު ދިނުން ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުންގެ މުހިއްމުކަމާ އެކު، އެކި އިދާރާތަކުގެ އެއްބާރުލުމާ އެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރުކުރުމަކީ ވެސް ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ރާއްޖޭގައި ކެންސަރަށް ފަރުވާދޭ މައިގަނޑު ހުރިހާ ހޮސްޕިޓަލެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު 4 ސެޝަނެއް ހިމެނެ އެވެ. މީގެ ތެރެއިން 2 ސެޝަނެއް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން:
-
ފުރަތަމަ ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވޭ
-
ދެވަނަ ސެޝަންގައި ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވި
މި ޕްރޮގްރާމާ ގުޅޭ ގޮތުން ކެންސާ ސޮސައިޓީން ބުނީ އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާ އާއި އެ މީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުން ކަމަށާއި ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެނީ އޮންކޮލޮޖީ ނަރުހުން ކަމަށެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދީގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ.