ހުޅުމާލޭގެ އާ މާސްޓަ ޕްލޭންގެ ކުރެހުމެއް.
ހުޅުމާލޭގެ އާ މާސްޓަ ޕްލޭން: ބޮޑު ބަނދަރެެއް؛ ފޭޭސް 2-3 އެއްކޮށްލަނީ
ހުޅުމާލެއަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށްޓަކައި އާ މާސްޓަ ޕްލޭނެއް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.
އެ ޕްލޭންގައި މައިގަނޑު ގޮތެއްގައި އިސްކަންދީފައިވަނީ މިހާރުގެ މާސްޓަ ޕްލޭނުން ދިމާވާ މައްސަލަތައް ހައްލުކޮށް، ދުރު ރާސްތާގައި ތަރައްގީއަށް ރާވާފައި ހުރި ކަންކަން ހަގީގަތަކަށް ހެދުމަށެވެ.
އާ މާސްޓަ ޕްލޭންއާ އެކު އަންނާނެ މައިގަނޑު ބަދަލުތައް
-
ހުޅުމާލޭގެ ފޭސް 2 އާއި 3 އެއްފަސްކުރުން
ހުޅުމާލޭގެ ހުޅަނގު ފަރާތުން ކުރީގެ ސަރުކާރުން ހިއްކަން ފެށި ސަރަހައްދު ކުރިން ރާވާފައި އޮތީ ފޭސް 1 އާއި 2އާ ވަކިން، އެންމެ ކޯޒްވޭއަކުން ގުޅާލާ ގޮތަށެވެ.
ނަމަވެސް އެޗުޑީސީއިން ބުނާ ގޮތުގައި އެގޮތަށް އޮތުމަކީ އާންމު ހިދުމަތްތަކާއި ދަތުރުފަތުރަށް މައްސަލަތަކެއް ދިމާވާނެ ކަމެކެވެ.
އާ ޕްލޭންގައި ރާވާފައިވަނީ ފޭސް 2 އާއި ފޭސް 3 އެއްފަސްކުރުމަށެވެ. މި ގޮތަށް އެއްފަސްކުރާނީ މިހާރު ފޭސް 1 އާއި 2ގެ ދެމެދުގައި އޮންނަ ޗެނަލްއާ ހަމައަށެވެ.
-
ހުޅުމާލޭގެ ބަނދަރު ބޮޑުކުރުން
ހުޅުމާލެ ފޭސް 3 ހިއްކުމުގެ ސަބަބުން ބަނދަރުން ބޮޑު ސަރަހައްދެއް ގެއްލި، ފަޅުގެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެޗުޑީސީއިން ރާވާފައިވަނީ ހުޅުމާލޭގައި މިހާރު އޮތް 36 ހެކްޓަރުގެ ބަނދަރު، 53 ހެކްޓަރަށް ބޮޑުކުރުމަށެވެ.
އާ ބަނދަރު ތަރައްގީކުރަން ރާވާފައިވަނީ ފޭސް 1ގެ ހުޅަނގު ފަރާތާއި ފޭސް 3ގެ ދެކުނު ފަރާތުގަ އެވެ.
ބަނދަރުގައި ހިމެނޭނެ ތަންތަނަކީ:
-
ޒަމާނީ ފެންވަރަށް ތަރައްގީކުރާ އާ ޓާމިނަލް ވާނީ ރަސްމާލެ އާއި ރަށްރަށާ ދެމެދު ދަތުރުކުރާ މައި ތަނަށް
-
316 ޑިންގީ ނުވަތަ ސްޕީޑުބޯޓަށް ޖާގަ ލިބޭ ސްޕީޑްބޯޓު މެރީނާއެއް
-
75 ސަފާރީ އަޅާފައި ބޭއްވޭ ވަރުގެ ސަފާރީ މެރިނާއެއް
-
ޓީ ޖެޓީއަކާއި އެ ޖެޓީގެ ކައިރީގައި މުދާ ގުދަންކުރެވޭ ޑިސްޓްރިބިއުޝަން ސެންޓަރެއް
-
ގުދަންތަކާއި ވޯކްޝޮޕްތައް
-
ކުނި ޖަމާކުރާ ސަރަހައްދެއް
އެޗުޑީސީއިން ބުނާ ގޮތުގައި ބަނދަރު ބޮޑުކުރާނީ ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ އެންމެ ގޯއްޗެއް ވެސް ނުގެއްލޭނެ ގޮތަށެވެ.
-
އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު
ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްއަށް ބަދަލުކޮށްލުމުގެ ވިސްނުމާ އެކު ތަރައްގީކުރާ މި ސެންޓަރު ހުންނާނީ ފޭސް 2ގެ އުތުރުން ހިއްކާފައިވާ އާބަން އައިލްގަ އެވެ.
އޭގެ އިތުރުން ފޭސް 3ގައި މުނިފޫހިފިލުވުމާއި އެކި ކަހަލަ ހަފްލާތައް ބާއްވާނެ ސަރަހައްދުތައް ވެސް މާސްޓަ ޕްލޭންގައި ހިމަނާފައިވެ އެވެ. އެގޮތުން:
-
ފޭސް 3ގެ އެންމެ ހުޅަނގުގައި އާންމުން ހިތްފަސޭހަކޮށްލަން ޕްލާޒާ ސަރަހައްދެއް؛ ބޯޑްވޯކްއަކާ އެކު ތަރައްގީކުރާ މި ސަރަހައްދުގައި މަސްބާނަން ޕްލެޓްފޯމްތަކާއި ވިޔަފާރި ބިންތައް ހިމެނޭނެ
-
ޕްލާޒާ އޭރިއާއާ ޖެހިގެން އިސްލާމީ މަރުކަޒެއް: މިއީ އޮފީސްތަކާއި ސްކޫލް އިމާރާތްތައް ހިމެނޭ 321،000 އަކަފޫޓުގެ ބިމެއް
-
އެކްސްޕޯތަކަށް ހާއްސަ 300،000 އަކަފޫޓުގެ ސަރަހައްދެއް؛ މި ސަރަހައްދުގެ ދެ ފަރާތުގައި ވިޔަފާރިކުރެވޭ ތަންތަނާއި މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ހުންނާނެ
-
ފަރުކޮޅުފުށި ސަރަހައްދު ބަދަލުވާނީ ހުޅުމާލެ ފޭސް 2ގެ ސެންޓްރަލް ޕާކަށް؛ އެ ތަނުގައި ފުޓުބޯޅަ ދަނޑެއް، ކުޅިވަރު ކޯޓުތައް، އެސްޖެހިގެ، ބާބަކިއު ސަރަހައްދު، އިވެންޓު ޖާގަ، ބޮޓަނިކަލް ގާޑަން، ވެޓްލޭންޑް، އެމްފަތިއޭޓާ، ޒޫ، އެސްޖެހިގެ އަދި ޕަމްޕް ޓްރެކެއް ހުންނާނެ
-
އައިކޮނިކް ޓަވަރު: 100 މީޓަރުގެ އުސްމިން ހުންނަ މި ޓަވަރަކީ ހުޅުމާލެ ރަމްޒުކޮށްދޭނެ ޓަވަރެއް
-
ކަލްޗާ އެންޑް ހެރިޓޭޖް ސެންޓަރު: ދަރުބާރުގޭގެ ދެ ގުނަ ބޮޑު ސަރަހައްދެއް
ކޮމެންޓް (2)
ތެފައާސާ.
އަހްމަދު