ހުޅުމާލޭގެ އާ މާސްޓަ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ހުޅުމާލެ

ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލްއަށް ބަދަލުކޮށްލާނެ މާސްޓަ ޕްލޭން އިފްތިތާހުކޮށްފި

އެ މާސްޓަޕްލޭނާ އެކު ސަރުކާރުން ކުރިއަށްގެންދަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްއަށް ބަދަލުކޮށްލަން މަގުފަހިވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި؛ މީގެ އިތުރުން އެޗުޑީސީގެ އާ ވެބްސައިޓެއް ވެސް މިއަދު ވަނީ އިފްތިތާހުކޮށްފައި

ހުޅުމާލޭގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތަކަށް މަގުފަހިކޮށްދޭ އަދި ސަރަހައްދީ ފައިނޭންޝަލް ކެޕިޓަލްއަކަށް އެ ރަށް ބަދަލުކޮށްލުމުގެ އަމާޒުގައި އާ މާސްޓަ ޕްލޭނެއް އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހުޅުމާލެ ފޭސް 2، ޗެނަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ މާސްޓަޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އަދި އެޗުޑީސީގެ އާ ވެބްސައިޓު އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މިއަދު އިފްތިތާހުކުރި މާސްޓަޕްލޭނަކީ ހުޅުމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މުހިންމު އަދި އެކަންކަން މަގުފަހިވާނެ ޕްލޭނެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ މި މާސްޓަޕްލޭން ހަގީގަތަކަށް ހެދުމުގައި ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވާ ބުރަ މަސައްކަތްތަކެއް ކުރިއަށް ގެންދެވުން،" ރައީސް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ތިން ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތައް މިތަނުން ލިބިގެންދާނެ، މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުނީމަ."

ހުޅުމާލޭގެ އާ މާސްޓަ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ އެ މާސްޓަޕްލޭނާ އެކު ގްރޭޓާ މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރަން އެ މާސްޓަޕްލޭނުން މަގުފަހިވާނެ ކަމަށެވެ.

"ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މިތަން ތަރައްގީކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓު ގާއިމުވެފައިވާ ގޮތަށް، އެއަށް ކޮމްޕްލިމެންޓު ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.

ތަފްސީލު - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު ވިދާޅުވި ގޮތުގައި، މާސްޓަޕްލޭންތަކަކީ ބަދަލެއް ނުގެނެސް، އަބަދު އެއްގޮތަކަށް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ.

"ކޮންމެ މާސްޓަޕްލޭނަކީ ވެސް ޒަމާނާއި ތަރައްގީއާ އެއްގޮތަށް ސްޓްރަކްޗާޑް ގޮތަކަށް ބަދަލުވަމުން އަންނަން ޖެހޭނެ އެއްޗެއް. މާސްޓަޕްލޭނަކީ އަބަދަށް ފްރީޒްކޮށްފައި އޮންނަ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މައުރޫފަކީ ހުޅުމާލޭގެ އެންމެ ފުރަތަމަ މާސްޓަޕްލޭން އެކުލަވައިލިއިރު ވެސް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭގެ ފަހުން 24 އަހަރު ވެފައިވާއިރު، އޭނާ ވިދާޅުވީ މިއަދު އެ ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހުޅުމާލޭގެ އާ މާސްޓަ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެޗުޑީސީގެ އެމްޑީ މައުރޫފް. (ފޮޓޯ/ރައީސް އޮފީސް)

"މާސްޓަޕްލޭން ރިވައިސް ކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑު ބައެއް ހިއްކާ، ބަނދަރުގެ ސްޕޭސް މިއޮތީ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒްވެފައި. ރަށެއްގެ ބަނދަރަކީ އެ ރަށަކަށް އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އެހެން ވަސީލަތްތައް ރަނގަޅަށް ނުހިނގާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ [އިއްޒަތްތެރި ރައީސް އިރުޝާދު ދެއްވި ގޮތަށް] ބިންވެރިޔާގެ އެންމެ ގޯއްޗެއް ވެސް މަދުނުވާ ގޮތަށް، ބަނދަރުގެ ޖާގަ ބޮޑުކުރެވޭ ވަރަކަށް ބޮޑުކުރަން."

މައުރޫފް ވިދާޅުވީ އުންމީދީ އާ މާސްޓަޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާއެއް ކުރިއަށްގެންދާނެ ކަމަށެވެ.

'އާ ވެބްސައިޓުން އެޗުޑީސީގެ ހިންގުން ހަރުދަނާ ވާނެ'

މައުރޫފް ވިދާޅުވީ މިއަދު އިފްތިތާހުކުރި އެޗުޑީސީގެ އާ ވެބްސައިޓާ އެކު އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާ ވާނެ ކަމަށެވެ.

  • ވިސްލްބްލޯވާސްއަށް ހާއްސަ ޕޯޓަލްއެއް ހިމެނޭނެ؛ އެއީ އެ މީހުންނަށް ބައިވެރިވުން ފަސޭހަ ޕޯޓަލްއެއް

  • ކޯޑް އޮފް ކޮންޑަކްޓަށް އާ ބާބެއް ހުށަހެޅުން

  • އިމާރާތް ހުއްދަ ހޯދުމުގައި އަވަސް އަދި ލުއި ނިޒާމެއް

  • ހުޅުމާލޭގެ ބިޑް ޕޯޓަލް އިތުރަށް ހަރުދަނާކޮށްފައި

  • އެޗުޑީސީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހިމެނޭނެ

"އަޅުގަނޑުގެ އުންމީދަކީ ހުޅުމާލެއަކީ ދިރިއުޅެން ހިތްގައިމު ރަށެއްގެ ގޮތުގައި ދެމިއޮތުން. އަދި އެޗުޑީސީއަކީ ހަރުދަނާ މިފަދަ މަސައްކަތްތައް ލީޑުކުރާ ކުންފުންޏެއްގެ ގޮތުގައި އޮތުން،" މައުރޫފް ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

27 މޭ 2025
އަދި ހަމަ މުޅިންވެސް މަޝްރޫއު އިފްތިތާހު ކުރުމާ، މަޝްރޫއު ތަކުގައި ސޮއިކުރާނޭކަން އިއުލާން ކުރުމާ، މަޝްރޫއު ތަކުގައި ސޮއި ކުރުމާ، މާސްޓާރޕްލޭން އެކުލަވާލުމާ، ކުރިން އެކުލަވާލާފައިހުރި މާސްޓާރޕްލޭން ބަދަލުކުރުމާ މަހަކު 1 ފަހަރު ކޮންމެވެސް ފައިނޭންޝަލް ހަބެއް އިއުލާންކުރުން މި އޮތީ ދޯ؟ އެއްކަލަ ޑިވޮލޮޕްމަންޓް ބޭންކުން ފައިސާ ހޯދައިގެން ވިޔަސް ރަސްމާލެ ޕްރޮކެޓްވެސް ކުރިއަށް ކަނޑާވަރު ކޮށްލަދެއްވާ!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް