އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަނީ (ފޮޓޯ/ކިޔުންތެރިއެއް)
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވާއިރަށް 200އެއްހާ އާ އިމިގްރޭޝަން އޮފިސަރުން
އިމިގްރޭޝަނަށް މިއަހަރުގެ ތެރޭ ޖުމްލަ 200އެއްހާ އާ އޮފިސަރުން ބޭނުންވާ ކަމަށާއި އެހާ ގިނަ އަދަދަކަށް މީހުން ބޭނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓީމިނަލް ހުޅުވާތީ ހިދުމަތްތައް ފުޅާކުރަން ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަނުން އިއްޔެ ވަނީ އެ އިދާރާއަށް 50 އޮފިސަރުން ހޯދަން ބޭއްވި ވޯކިން އިންޓަވިއު ސެޝަންއެއް ގަލޮޅު މަދަރުސާގައި ބާއްވައިފަ އެވެ. އެ ވަޒީފާތަކަށް ވަންނަން ހާހަކާ ގާތްކުރާ އަދަދަށް މީހުން އިންޓަވިއުއަށް ޖަމާވި އެވެ.
ބުނީ ކީކީ؟ - އެ ސަރަހައްެދުގައި ހުންނަވާ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އަބްދުﷲ ވިޝާމް 'ދައުރު'އަށް ވިދާޅުވީ އަލަށް ނަގާ އިމިގްރޭޝަން އޮފިސަރުންނަކީ މާލޭ ސަރަހައްދުގައި މަސައްކަތް ކުރަން ނަގާ ފަރާތްތައް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
މިއަހަރު ޖުމްލަ 200އެއްހާ އިމިގްރޭޝަން އޮފިސަރުން ބޭނުންވޭ
"އަލަށް ހުޅުވާ އެއާޕޯޓް ޓާމިނަލްއަށް އަމާޒުކޮށް މިފަހަރު ކުދިން މި ނަގަނީ. މިއަހަރު ތެރޭ އަދި އިތުރަށް އިއުލާން ކުރަމުން ދާނެ،" ވިޝާމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އެނގިފައިވާ ގޮތުގައި، އެއާޕޯޓްގައި ހަދާ ޒަމާނީ ބޮޑު އާ ޓާމިނަލް މި ހުޅުވަނީ އެ ތަން ހަދަން ފެށިތާ 10 އަހަރު ފަހުންނެވެ. އެ އިމާރާތް މިހާރު ވެސް ރޭގަނޑު ދިއްލާއިރު އެއާޕޯޓުން މިހާރު ކުރަމުން ދަނީ އެ ތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
އެނގިފައިވާ ގޮތުގައި، އެއާޕޯޓުން މިހާރު ތައްޔާރު ވަނީ، ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ 26 ޖުލައިއަށް އެ ތަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދެވޭތޯ އެވެ.
Almost 1000 candidates showed up for interviews for 50 immigration officer trainee positions.
— Dhauru (@Dhaurunews) May 25, 2025
The immigration department confirms plans to recruit 200 officers this year ahead of the new VIA terminal opening. pic.twitter.com/zD0q8Zblol
ވީއައިއޭގެ އާ ޓާމިނަލް:
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ